ޚަބަރު

ކޯވިޑް-19، އޮޑިޓް ރިޕޯޓް: ފޮރިން މިނިސްޓްރީން ޚަރަދުކޮށްފައިވަނީ އުސޫލާ އެއްގޮތަށް


ކޯވިޑް-19އާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ޚަރަދުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ކަމަށް ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ހާމަކޮށްފިއެވެ.

ކޯވިޑް-19އާ ގުޅިގެން ފޮރިން މިނިސްޓްރީން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ފޮރިން މިނިސްޓްރީން ކޮށްފައިވާ ޚަރަދުތަކުގެ ތެރޭގައި ކޯވިޑް-19އާ ގުޅިގެން ރާއްޖެއިން ބޭރުގައި ޙާލުގައި ޖެހިފައިތިބި ދިވެހީންނަށް ދެވުނު ފައިސާގެ އެހީ ހިމެނެއެވެ.

އެޚަރަދުތައް ކޮށްފައިވަނީ ޒަކާތު ފަންޑުން 3 މިލިއަން ރުފިޔާ އަދި މިނިސްޓްރީގެ ބަޖެޓުން ޚަރަދުކޮށްގެންކަމަށް ބުނެފައިވެއެވެ. ރާއްޖެއިން ބޭރުގައި ތިބި މެޑިކަލް ދާއިރާއިން ތަޢުލީމު ޙާސިލްކުރަމުން ދިޔަ ދިވެހީންނާއި އިތުރު ބައެއް ދިވެހި ރައްޔިތުން އަނބުރާ ރާއްޖެ ގެނައުމަށް ހިންްގި ޓިކެޓް ޚަރަދު ކޮށްފައިވަނީ ފޮރިން މިނިސްޓްރީންކަމަށާ، ރާއްޖެއިން ބޭރުގައި ޙާލުގައި ޖެހިފައިތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީން އުސޫލުތަކެއް އެކުލަވާލައިގެން ޚަރަދުކުރިކަން އޮޑިޓް ރިޕޯޓްގައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާގޮތުން ޖޫންމަހުގެ 30 ގެ ނިޔަލަށް ކޯވިޑް-19އާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ޖުމުލަ ހަތް މިލިއަން ދުއިސައްތަ ފަސްދޮޅަސް ހަ ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ސޮއިކުރައްވާ ނެރުއްވާފައިވާފައިވާ ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ފޮރިން މިނިސްޓްރީގެ ހުރިހާ ޚަރަދުތަކެއްވެސް މައިނޑުގޮތެއްގައި ޚަރަދުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އަދި ޚަރަދު ކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެކުލަވާލާފައިވާ އުޞޫލުތަކާއި އެއްގޮތަށްކަމަށް ވިދާޅުވެފައިވެއެވެ.

ކޯވިޑް-19އާ ގުޅޭގޮތުން މިހާތަނަށް 4 ވުޒާރާއެއްގެ އޮޑިޓް ރިޕޯޓް ނެރެފައިވާއިރު ފޮރިން މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީން ޚަރަދުކޮށްފައިވަނީ އުސޫލާއި އެއްގޮތަށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީން ކޯވީޑް-19އަށް ޚަރަދުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ ޤާނޫނާ ޚިލާފަށްކަމަށާ، ނާޖާއިޒް ގޮތުގައި ބޮޑެތި ޚަރަދުތަކެއްކޮށް ފައިދާތަކެއް ވަކިބަޔަކަށް ޙާސިލުވާގޮތަށް ޚަރަދުކޮށްފައިވާކަމަށް ބުނެ ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ.