އެކުވެރިކަމުގެ ހަތަރު މެޗަށް ޖުމުލަ 44 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ދެ ޓީމެއް ޖަރުމަނުގެ ކޯޗު ޔާގެން ކްލޮޕް ނަގައިފިއެވެ.
ފުރަތަމަ 20 ކުޅުންތެރިންގެ ޓީމު ކުޅޭނީ ސެޕްޓެމްބަރު މަހުގެ 24ގައި ނެދަލޭންޑްސް އާއި އޭގެ ތިން ދުވަސް ފަހުން އަމިއްލަ ދަނޑުގައި ގްރީސްއާއެވެ. ދެވަނަ 20 ކުޅުންތެރިން ކުޅޭނީ އޮކްޓުބަރު މަހުގެ އެކެއްގައި ސާބިއާ އާއި އޮކްޓުބަރު މަހުގެ ހަތަރެއްގައި ރަށުން ބޭރުގައި ގްރީސްއާ ދެކޮޅަށެވެ.
ގައުމީ ޓީމަށް އަލަށް ހަވާލުވި ތަޖުރިބާކާރު ކޯޗު މިފަދައިން އަމަލު ކުރީ ގިނަ ކުޅުންތެރިންތަކެއް ޓެސްޓް ކުރުމަށެވެ.
"މިއީ ވަރަށް ނުކުރާ ކަމެއް. އަދި ދެ ހަފުތާއަކުން ހަތަރު މެޗެއް ކުޅެން ގައުމީ ޓީމަށް ފުރުސަތު ލިބުމަކީ ވެސް މަދުން ވާ ކަމެއް. އަހަރެން ބޭނުންވަނީ މި ވަގުތުގައި ވީހާ ވެސް ގިނަ ކުޅުންތެރިން ދެނެގަންނަން. މިއީ އެއްގޮތަކަށް ވެސް އޭ ޓީމެއް އަދި ބީ ޓީމެއް ނޫން. ދެ ޓީމެއް މިނެގީ ފިޓްކޮށް ތިބި ގިނަ ކުޅުންތެރިން ޓެސްޓް ކޮށްލަން،" ނިމިދިޔަ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.
އޭނާ ބުނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން ވޯލްޑް ކަޕުގައި ޖަރުމަނަށް ނާކާމިޔާބީތަކަކާ ކުރިމަތިވިކަން އެންމެނަށް ވެސް އެނގޭ ކަމަށާއި މިހެންވެ ވަރަށް ވިސްނުންތެރިކަމާއެކު ޓީމު އެކުލަވާލަން ޖެހޭ ކަމަށެވެ.
"އަހަރެން ވާނީ މިދިޔަ ހަތަރު ހަފުތާގައި ވަރަށް ގިނަ ކުޅުންތެރިން ވަރަށް ގާތުން ބަލާފައި. މިވަގުތު މި ނެގި ސްކޮޑަކީ ތިނެއް ނޫނީ ހަތަރު އަހަރު ފަހުން އެކުލަވާލާނެ ޓީމުގެ ފެށުން،" ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑާއި އިނގިރޭސިވިލާތުގެ ލިވަޕޫލަށް ކާމިޔާބު ހޯދައިދިން ކުރީގެ ކޯޗު ކްލޮޕް ބުންޏެވެ.
އޭނާގެ ޓީމުން ޖާގަ ނުދީ ދޫކޮށްލި ފާހަގަ ކޮށްލެވޭ ކުޅުންތެރިންނަކީ ކީޕަރު އޮލިވަރ ބައުމަން އާއި ލެރޯއީ ސާނޭ އާއި ޑެނިޒް އުންޑޭވް އާއި ލިއޯން ގޮރެޓްޒްކާ އާއި ގައުމީ ޓީމުން ރިޓަޔާ ކުރި އެންޓޯނިއޯ ރުޑިގާ އާއި ކީޕަރު މެނުއަލް ނޯޔާއެވެ.
ކްލޮޕް އެއްވަނަ ކީޕަރުކަން ދޭން ނިންމާފައިވަނީ ބާސެލޯނާއިން ދޫކޮށްލުމުން ނެދަލޭންޑްސްގެ އަޔެކްސް އަށް ކުޅެމުން އަންނަ 34 އަހަރގެ މާކް އަންދްރޭ ޓާސްޓެގަން އަށެވެ.