ޚަބަރު

ކޯވިޑް-19: ފެލައިނީއާ ސީދާ ދިމާވި، 20 މީހަކު އެކަހެރިކޮށްފި


ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިގެން ދިޔަ ފަހުން ކޯވިޑް-19އަށް ޕޮޒިޓިވްވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މައުރޯނޭ ފެލައިނީއާ ސިދާ ދިމާވި 20 މީހަކު އައިސޮލޭޓްކޮށް ސާމްޕަލް ނަގާފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޯވިޑް-19 އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ފެލައިނީ ޗުއްޓީ ހޭދަކުރުމަށްޓަކައި ރާއްޖެއަށް އައިސްފައިވަނީ ދުބާއީ މަގުންކަމަށެވެ. އަދި އޭނާ އެނބުރި ޗައިނާއަށް ގޮސްފައިވަނީވެސް ދުބާއީމަގުންކަމަށެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ފެލައިނީއާ ސީދާ ދިމާވި 20 މީހަކު އައިސޮލޭޓްކޮށް ސާމްޕަލް ނަގާފައިވާކަމަށެވެ. މީގެ ތެރެއިން 5 މީހަކީ އޭނާ ޗުއްޓީ ހޭދަކުރި ރީތި ރަށުގެ މީހުންކަމަށާ، އަނެއް 15 މީހަކީ އެމްއޭސީއެލްއިން ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި މީހުންކަމަށް މަބުރޫކް ވިދާޅުވިއެވެ.

މިއަދުވަނީ ފެލައިނީއާ ދިމާވި މީހުންގެ ތެރެއިން މީހުން ދިރިއުޅޭ 2 ޢިމާރާތެއް މޮނީޓަރިންގެ ޙާލަތަށް ގެންގޮސްފައެވެ. މިދެ ގޭގައި ތިބި މީހުންނަކީ ފެލައިނީއާ ސީދާ ދިމާވި މީހުން ކަމަށް ބެލެވޭތީ އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ނިމެންދެން އެދެގެ ހިމެނޭ އިމާރާތްވަނީ މޮނިޓަރކުރުމުގެ ޙާލަތުގައިކަމަށް މަބުރޫކްވަނީ ވިދާޅުވެފައެވެ.

ފެލައިނީ ރާއްޖެ އައިސްފައިވަނީ މިމަހުގެ 8ވަނަ ދުވަހުއެވެ. އޭނާ ރާއްޖެއިން ފުރާފައިވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ. މިހާތަނަށް ބެލިބެލުމުން ފެލައިނީ މިބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް ބޮޑަށް ލަފާކުރެވެނީ ރާއްޖެ ދޫކޮށްދިޔަފަހުންކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.