ތަރައްްޤީ

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު އަންނަމަހު ހުޅުވަނީ


ނ. މާފަރުގައި ތަރައްޤީކޮށްފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓު އަންނަމަހު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ގޮތުން ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޙާޞިރުކުރެއްވުމުން، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު އޮޕަރޭޝަނަށް ގެނައުމަށްޓަކާ ވަންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރުވަމުންދާކަމަށެވެ. އަދި އަންނަމަހުގެ ތެރޭގައި އެއަރޕޯޓު ހުޅުވާނެކަމަށް މިނިސްޓަރ ނަހުލާ ވަނީ ވިދާޅުވެފައެވެ.

"މާފަރު އެއަރޕޯޓުގެ މަސައްކަތް ދޭތެރެއަކުން ހުއްޓިގެންދިޔަ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު އަލުން އެ މަސައްކަތް ވަރަށް ބާރަށް މިހާރުދަނީ ކުރިއަށް.. މިހާރު އެއަރޕޯޓުގެ މަސައްކަތް އެއްކޮށްކަހަލަ ގޮތަކަށް ވަނީ ނިމިފައި.. ބައެއް ކަންތައްތައް ޗެކްލިސްޓުގައި ހިމެނޭތީ މަޑުކޮށްލައިގެން މިތިބީ.. އަޅުގަނޑު ދަންނަވާލާނީ ސެޕްޓެމްބަރުމަހުގެ ނިޔަލަށް އެއަރޕޯޓު ހުޅުވިގެންދާނެކަމަށް.." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން، ގދ. މާވަރުލު އެއަރޕޯޓުގެ މަސައްކަތްތަކާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ، މާވަރުލު އެއަރޕޯޓުގެ މަސައްކަތްވެސް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާކަމަށެވެ. އަދި މިއަހަރުގެ ނިޔަލަށް އެއަރޕޯޓުގެ ހުރިހާ މަސައްކަތްތަކެއް ނިންމުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި، އަންނައަހަރުގެ ކުރީކޮޅު މާވަރުލު އެއަރޕޯޓުވެސް ހުޅުވާ، ބޭނުންކުރަން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.\

"މާވަރުލު އެއަރޕޯޓު މިއަހަރުގެ ނިޔަލަށް ނިންމުމަކީ އަޅުގަނޑުމެންގެ އަމާޒެއް.. ވަރަށް ބޮޑަށް މަސައްކަތް ކުރަމުންމިދަނީ.. ވަކި އެއަރޕޯޓެއް ނޫން، ހުރިހާ އެއަރޕޯޓެއްގެ މަސައްކަތްވެސް ވަރަށް ހަލުވިކަމާއެކު ދަނީ ކުރިއަށް.. މިއަހަރުގެ ނިޔަލަށް މާވަރުލު އެއަރޕޯޓު ނުނިމުނުކަމުގައިވިޔަސް، ހަމަ ޔަޤީނުންވެސް އަންނަ އަހަރުގެ ކުރީކޮޅަށް އެ މަސައްކަތް ނިންމާލެވޭނެ.." މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

އާބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ. މާފަރު ރަންވޭގެ މަސައްކަތް ނިންމައި މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ވަނީ ޖައްސާފައެވެ. އަދި އިންޓަރނޭޝަލް ދަތުރުތަކަށް ރަންވޭ ޓެސްޓް ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި ކުރިއަށްގެންގޮސްފައިވެއެވެ. ނަމަވެސް ވައިގެ އުދުހުމުގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓުކަމަށްވާ، އޭ ތްރީ އެއިޓީ މަރުކައިގެ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން އެތެރޭގެ އުދުހުންތަކަށް ޙާއްސަކޮށްގެން ގދ. މާވަރުލުގައި ތަރައްޤީކުރާ އެއަރޕޯޓަކީ 1200 މީޓަރުގެ ދިގު ރަންވޭއަކާއެކުއެވެ.