ޚަބަރު

ނިމުނު ހަފުތާ: މޫޑީސްއިން ރާއްޖޭގެ ރޭޓިން މަތިކޮށް، މާލީ ކުރިއެރުމަށް ތަޢުރީފް


  • ސަރުކާރުގެ ޚިދުމާތު މަރުކަޒުގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި

ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިންމު ކަންތައްތަކެއް ހިނގާދިޔައެވެ. ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަސް ފާހަގަކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. (5 އޮކްޓޫބަރު) މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމު ބިނާކުރުމުގައި މުދައްރިސުން ކުރައްވާ މަސައްކަތްތަކަށް ބޭނުންވާ އެއްބާރުލުން ސަރުކާރުން އަބަދުވެސް ދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ކުރިއަރައިގެން ދިއުމަށް ކޮންމެ ކުއްޖަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭ ބަޔަކީ މުދައްރިސުން ކަމަށެވެ. އެހެންވެ މި މުދައްރިސުންގެ ދުވަހުގައި އެފަދަ މުދައްރިސުން ޤައުމުގެ މުސަތަގުބަލު ބިނާ ކުރެއްވުމަށް ވެވަޑައިގަންނަވާ ގުރުބާނީ އާއި ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރުވެރިވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

(8 އޮކްޓޫބަރު) "ސަރުކާރުގެ ޚިދުމާތު މަރުކަޒު"ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެމަނިކުފާނު މި މަރުކަޒުތައް އުފެއްދެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ. އީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފައްދަވައި، އެ އިދާރާތަކަކީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ދަށުން ހިންގާނެ ތަންތަނުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ، 18 އަތޮޅެއްގައި މި މަރުކަޒުތައް އުފައްދަވާފައެވެ.

(4 އޮކްޓޫބަރު) ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް ހ. މީނާޒް، ޝަމްޢޫން ޙަމީދު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ޝަމްޢޫން ޙަމީދު މަޤާމަށް ޢައްޔަން ކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޝަމްޢޫން ޙަމީދު ވަނީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. ޝަމްޢޫން ޙަމީދަށް މެމްބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރު މުޙައްމަދު އިބްރާހީމްއެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަމްޢޫން ޙަމީދާ ހަވާލުކުރައްވާފައެވެ.

ޞިއްޙީ ދާއިރާ

ނިމުނު ހަފުތާގައި ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވަނީ ށ އަތޮޅަށާއި ނ އަތޮޅަށް ދަތުރުފުޅެއް ކުރައްވާފައެވެ. (3 އޮކްޓޫބަރު) ވަޒީރު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައިވަނީ ށ. ޅައިމަގުގައި ލެބޯޓަރީގެ ޚިދުމަތް ފަށާފައެވެ. އަދި މަރޮށީގައި ލެބޯޓަރީގެ ޚިދުމަތް ފަށާ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ވަނީ ބަދަލުކޮށްފައެވެ. (4 އޮކްޓޫބަރު) ނަރުދޫގައި ލެބޯޓަރީގެ ޚިދުމަތް ފަށާފައިވާއިރު، ފީވަކު ޞިއްޙީ މަރުކަޒު އެކްސްޓެންޝަން އިމާރާތާއެކު ޚިދުމަތް 24 ގަޑިއިރަށް ވަނީ ބަދަލުކޮށްފައެވެ. އަދި ށ. ނޫމަރާގައި ލެބޯޓަރީގެ ޚިދުމަތް ފަށާފައިވަނީވެސް ނިމުނު ހަފުތާގެތެރޭގައެވެ.

(8 އޮކްޓޫބަރު) ޞިއްޙީ ވަޒީރު ޤީލާ ޢަލީ ނ. އަތޮޅުގެ 3 ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ވަނީ އެރަށްރަށުގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

އުމްރާނީ ތަރައްޤީއާ ވިޔަފާރީގެ ދާއިރާ

(3 އޮކްޓޫބަރު) މިއަންނަ އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވާ، ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތިތާޙްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މިއަންނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔަރ" ގެ ގޮތުގައި ފާހަގަކުރަން ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ. ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން އަދި ރަސްމިއްޔާތުގެ ޙާއްސަ މެހެމާން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ޗެއަރޕާސަން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙުސައިން ޢަފީފެވެ. މި ރަސްމިއްޔާތުގެ ތެރެއިން ކެމްޕެއިން އިފްތިތާޙް ކުރުމާއެކު ކެމްޕެއިންގެ ރަސްމީ ލޯގޯ، ރަސްމީ ލަވަ އަދި ބްރޭންޑިން ވަނީ އާންމުކޮށްފައެވެ.

(4 އޮކްޓޫބަރު) "ރެޑީ ސެޓް މަޢުރަޒު 26"ގެ ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން، ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. އިޤުތިޞާދިީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ވަނީ މައުރަޒުގެ ރިވީލިންގ ވީޑިއޯއެއް ދައްކާލާފައެވެ. މި ވީޑިއޯގައި މިއަހަރުގެ އެކްސްޕޯ އާންމުންނަށް ފެންނާނެ ގޮތުގެ ނަމޫނާއެއް ދައްކާލާފައިވެއެވެ.

(4 އޮކްޓޫބަރު)ގްލޯބަލް ދުކާންއިން ވިޔަފާރިކުރާ ދިވެހި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ތައާރަފުކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. މޯލްޑިވްސް ޕޯސްޓްއިން ވިދާޅުވީ، ކަސްޓަމަރުން ޗެކްއައުޓް ކުރާ ގަޑީގައި "ޕޭ ތުރޫ މޯލްޑިވްސް ޕޯސްޓް" އިޚުތިޔާރު ކުރެއްވުމަށްފަހު، އެތަނުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ފައިސާގެ މުއާމަލާތް ފުރިހަމަކުރެވޭނެ ކަމަށެވެ. މިގޮތުން ފައިސާ ދައްކާއިރު ޝަރުތުހަމަވާ ކަސްޓަމަރުން، ބޭނުންވާނަމަ ދިވެހި ރުފިޔާއިން ފައިސާ ދެއްކުމަށް ޕޭމަންޓް ލިންކެއް ގްލޯބަލް ދުކާން އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ.

(5 އޮކްޓޫބަރު) އެމްއެމްޕީއާރްސީ ކޮރަޕްޝަން މައްސަލައިގަ ހިމެނޭ ކުންފުންޏެއް ކަމަށްވާ މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) ނިންމައިފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިމައްސަލައިގެ ތަހުޤީޤު ކުރިއަށްގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެންނެވެ. އޭސީސީ އަދި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ތަހުޤީޤުގެ ނިންމުމަށް ފަހު ދައުވާކޮށްދިނުމަށް މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވަނީ މަނީ ލޯންޑްރިންގ ކުށުގެ ދައުވާގައެވެ. މި މައްސަލައިގަ ދައުވާކޮށްދިނުމަށް އެދި ފޮނުވަން ނިންމީ، އާދީއްތަ ދުވަހުއެވެ.

(6 އޮކްޓޫބަރު) މާލެ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. މި މަޝްރުއޫގެ ދަށުން 25 މީޓަރުގެ ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހަދާނެއެވެ. މި މަޝްރޫއަކީ، 18.98 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީއިން ވިދާޅުވީ، މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު މި ޖެޓީތައް ބޭނުންކުރާ އާންމު ރައްޔިތުންނާއި ދަތުރުވެރިންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މިގޮތުން ބަނދަރުގައި ތޮއްޖެހުން ކުޑަވެ އަދި ބޭރުގައި އޮންނަ ލޯންޗަކަށް އަރާ، މަގަތުގައި ހުންނަ ލޯންޗުން އަނެއް ލޯންޗަށް އަރައިގެން އުފުލާން ޖެހޭ ތަކުލީފާއި އުނދަގޫތައްވެސް ނިމުމަކަށް އަންނާނެއެވެ.

(7 އޮކްޓޫބަރު) ޑޮލަރުން ދައްކާގޮތަށް ކުޑަ ރޭޓެއްގައި ގެސްޓްހައުސް ފައިނޭންސިންގ ތައާރަފްކޮށްފައިވަނީ ބުަދަ ދުވަހުއެވެ. އަދި ވަޤުފު ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކޮށްފައިވަނީވެސް މިދިޔަ ބުދަ ދުވަހުއެވެ. (8 އޮކްޓޫބަރު) އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްއަށް ކޮންފެޑެރޭޝަން އޮފް އޭޝިއަން އެންޑް ޕެސިފިކް އެކައުންޓަންޓްސް، ސީއޭޕީގެ މެންބަރުކަން ލިބިފައިވަނީ ނިމުނު ހަފުތާގައެވެ. މިއީ، ރާއްޖޭގެ އެކައުންޓެންސީ ދާއިރާ ރެގިއުލޭޓްކުރާ އިދާރާގެ ހައިސިއްޔަތުން ސީއޭ މޯލްޑިވްސްއަށް ބައިނަލްއަޤުވާމީ ގޮތުން ލިބިފައިވާ ކުރިއެރުންތަކަށް އިތުރުވި ބޮޅެއްކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

(8 އޮކްޓޫބަރު) އީގަލް ހިލްސްއިން އިންވެސްޓްކުރާނީ ދިވެހިންނަށް ހުރިހާ ފުރުސަތެއް ލިބޭގޮތަށް ކަމުގައި އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލައްބާރު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ މިހެން ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. ޑުސިޓް ޑީޓޫ ފޭދުއްފިނޮޅުގައި ބޭއްވެވި ބައްދަލުވުމުގައި، ސަރުކާރުގެ ވަޒީރުންނާއި އިސް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި ރާއްޖޭގެ އެކި ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިވެރިން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމަކީ، ރަސްމާލޭގައި މިހާރު ތަރައްޤީ ކުރުމަށް ރާވަމުންދާ، މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ މަޝްރޫޢާ ގުޅޭގޮތުން ވިޔަފާރިތަކުގެ ޚިޔާލާއި މަޝްވާރާ ހޯދައި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެއް ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

(8 އޮކްޓޫބަރު) މާލީ ހަމަޖެހުން ވަރުގަދަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ހަރުދަނާކަން ބަލައިގަނެ، ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ، މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީއޭއޭ 2 އިން ސީއޭއޭ 1 އަށް އަށް މަތިކޮށް، "ސްޓޭބަލް އައުޓްލުކް" އެއް ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މޫޑީސްއިން މިގޮތަށް ނިންމާފައިވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ނަތީޖާ އެދެވޭ ގޮތެއްގައި ފެންނަމުންދާތީއާއި، ދަރަނި އަދާކުރުމުގައި ހޯދާފައިވާ ކުރިއެރުންތަކުގެ އިތުރުން، މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، ކުރިއަށް އޮތް ކުރު މުއްދަތުގެ ތެރޭގައި ދަރަނި ނުދެއްކިދާނެކަމަށް އޮތް ނުރައްކާ ބޮޑުތަނުން ކުޑަވެފައިވާތީއެވެ.

އެހެނިހެން ދާއިރާތައް

(3 އޮކްޓޫބަރު) ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 2 ވަނަ ބެޗުގެ 73 ދަރިވަރަކު ދަސްވެނިވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދެވަނަ ބެޗްގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ 3 ޖޫން އިން މިއަދަ ހަމައަށެވެ. 16ހަފްތާއަށް ކުރިއަށްގެންދިޔަ މި ތަމްރީންތަކުގެ ދެވަނަ ބުރުގައި، ރާއްޖޭގެ 17 އަތޮޅުތަކުން ޖުމްލަ 75 ދަރިވަރުން ބައިވެރިވިއެވެ. މީގެ ތެރެއިން 73 ދަރިވަރުން ވަނީ މި ތަމްރީންތައް ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި 60 ފިރިހެން ކުދިންނާއި 13 އަންހެން ކުދިން ހިމެނެއެވެ.

(3 އޮކްޓޫބަރު) ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނެސް އެމްޑީޕީގެ ކޮންގްރެސް ބޭއްވާފައިވަނީ ނިމުނު ހަފުތާގައެވެ.

(3 އޮކްޓޫބަރު) ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާކަން ފާހަގަކުރެވިފައިވާތީ، އެ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމަށް މަސައްކަތްކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ފުލުހުންގެ ޚިދުމަތުން މިކަން ހާމަކުރައްވފައިވަނީ އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާކަން ފާހަގަކުރައްވައި ނެރުއްވި ބަޔާނެއްގައެވެ.

(6 އޮކްޓޫބަރު) އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލައިގަ ހުކުމްކޮށްފައި ހުއްޓާ ޕެރޯލްގެ ދަށުން ދޫކުރި ޢަބްދުﷲ އިބްރާހިމް އަލުން ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ޕެރޯލް ބޯޑުން ޢަބްދުﷲ އިބްރާހިމް ދޫކޮށްލީ ޤާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ އެ ބޯޑުގެ މެންބަރުންނާމެދުވެސް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން، ބޯޑުގެ މެންބަރުން މިހާރު ވަކި ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލަ ސާބިތުވެ ޢަބްދުﷲ އިބްރާހިމް ގެ މައްޗަށް ހުކުމް އިއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 19ގައެވެ. އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ޕެރޯލްގެ ދަށުން އޭނާ ދޫކުރުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

(6 އޮކްޓޫބަރު) އުލިގަމުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މިކަމައްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އުލިގަމު ގޮފި ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙްމަދާއި އުލިގަމު ކައުންސިލުގެ ރައީސް އަސަދުﷲ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި އުލިގަމު ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

ނިމުނު ހަފުތާގައި ހިތާމަވެރި ޚަބަރުތަކެއްވެސް ލިބިގެން ދިޔައެވެ. އެގޮތުން (3 އޮކްޓޫބަރު) ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެންބަރު ފާޠިމަތު ސައުސަން ނިޔާވި ޚަބަރު ލިބުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެނާ ނިޔާވެފައިވަނީ ބޭސް ފަރުވާ ހޯއްދެވުމަށް އިންޑިއާގައި ހުންނަވަނިކޮށް ކުއްލިގޮތަކަށް މިއަދު ފަތިހުގެ ވަގުތެއްގައެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މެމްބަރުކަމަށް ސައުސަން އައްޔަންކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުގައެވެ.

(4 އޮކްޓޫބަރު) މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވި ޚަބަރު ލިބުނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ކާރު އެކްސިޑެންޓެއްގައި ނިޔާވެފައިވަނީ ސ.ހިތަދޫ ، މާރިޝް، އުމުރުން 21 އަހަރުގެ އާމިނަތު އިމީލީ ނާޒިމެވެ. އެކްސިޑެންޓުވީ މެލޭޝިއާގައި "ގްރެބް" ޓެކްސީގައި ދިޔަ ދިވެހި 2 އަންހެން ދަރިވަރުންނެވެ. ނިޔާވި އަންހެން ދަރިވަރުގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.