ޚަބަރު

މަސްވެރިކަމާއި އެއްވަރަށް ފެލިވަރުގައި ދަނޑުވެރިކަންވެސް ފުޅާ ދާއިރާއެއްގައި


  • ފެލިވަރުގައި ދަނޑުވެރިކަމުގެ މަސައްކަތް ފެށިގެން ދިޔައީ 2013 ވަނަ އަހަރު

  • ފެލިވަރަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ތަކެތި ހައްދައި، ވިއްކަމުންދޭ

ދިވެހިރާއްޖޭގެ އިޤްތިސާދުގެ މައި އެއް ތަނބު ކަމުގައިވާ މަސްވެރިކަމުގެ ސިނާއަތަށް ބަލާއިރު، ޅ. ފެލިވަރަކީ ވިޔަފާރީގެ ގޮތުން ފާހަގަކޮށްލެވޭ މުހިންމު މަރުކަޒެކެވެ. މަސް ބަންދުކުރުމާއި، މަހުގެ އެކި އުފެއްދުންތަކަށް މަޝްހޫރު މި ރަށަކީ ހަމައެކަނި މަސްވެރިކަމުގެ މަންޒިލެއް ނޫނެވެ. މިއަދު ފެލިވަރުން ފެންނަނީ މަސްވެރިކަމުގެ މަސައްކަތްތަކާ އެއްވަރަށް ދަނޑުވެރިކަންވެސް އާ އުސްމިންތަކަކަށް ގެންގޮސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މަންޒަރެވެ.

ފެލިވަރުގައި ދަނޑުވެރިކަމުގެ މަސައްކަތް ފެށިގެން ދިޔައީ 2013 ވަނަ އަހަރުއެވެ. ވަރަށް މަދު ބާވަތްތަކަކުން ފެށި މި މަސައްކަތް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިހާރު ވަނީ ހައިޑްރޯޕޮނިކްސް ސިސްޓަމްތަކަށް ބަދަލުކޮށް، އިންގިލާބީ ކުރިއެރުމެއް ހޯދާފައެވެ. މި މަސައްކަތުގެ ސަބަބުން މިއަދު ފެލިވަރަށް ބޭނުންވާ ތަރުކާރީގެ ބާވަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، އެ ސަރަހައްދުގެ އެހެން ރަށްރަށާއި ވެރިރަށް މާލޭގައި ހުންނަ މިފްކޯ ފިހާރައަށްވެސް ތާޒާ ތަރުކާރީ ދަނީ ސަޕްލައި ކުރަމުންނެވެ.

ފެލިވަރުގެ ދަނޑުވެރިކަމުގެ ކުރިއެރުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފެލިވަރު އެންޓަޕްރައިޒް ޑިޕާޓްމަންޓުގެ އެޗްއޯޑީ ތޯހާ އަބްދުﷲ ވިދާޅުވީ މި މަސައްކަތް އެންމެ ފުރަތަމަ ފެށިއިރު މައިގަނޑު ގޮތެއްގައި ހައްދަމުން ދިޔައީ މިރުހާއި ބަރަބޯ ފަދަ ބާވަތްތައް ކަމަށެވެ. ނަމަވެސް ހައިޑްރޯޕޮނިކްސް ތަޢާރަފުކުރުމާއެކު، މިހާރު ކިއުކަމްބާ، ލެޓިއުސް އަދި ޗައިނީސް ކެބެޖް ފަދަ ބާވަތްތައް ފެލިވަރަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ހައްދައި، ވިއްކަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ދަނޑުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި ރަށުން ވަކި ސަރަހައްދެއް ޚާއްސަކޮށްގެން ފަޅޮލާއި، ބައްޓާއި، މުރަނގަފަތް ހެއްދުމަށް އިސްކަންދީގެން މަސައްކަތްތަކެއް ކުރެވެމުންދާކަން ތޯހާ ފާހަގަކުރެއްވިއެވެ. އަދި ވަކި މޫސުންތަކަކަށް ހާއްސަކޮށްގެން ކަރާ ހެއްދުމުގެ މަސައްކަތްވެސް ކާމިޔާބުކަމާއެކު ކުރަމުންދެއެވެ.

"ގްރީން ހައުސްގައި މިރުސް ހެއްދުމަށް މިހާރު މިދަނީ ތައްޔާރުވަމުން. ފެލިވަރުން އުފައްދާ ތަކެއްޗަށް ބަލާއިރު އެއް އަހަރު ތެރޭގައި ޓަނުން ހުންނާނީ ބޭރުކޮށްފައި. ހާއްސަކޮށް ފެލިވަރަށާއި މި ސަރަހައްދަށް ވިއްކާ ހުސްކޮށްލެވޭ. ފެލިވަރަކީ އެތައް އަތޮޅެއްގެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާ ތަނަކަށް ވުމާއެކު ބޮޑު ތަރުހީބެއް ލިބޭ. އަދި މާލެއަށްވެސް މި ތަކެތި ފޮނުވޭ،" ތޯހާ ވިދާޅުވިއެވެ.

ފެލިވަރުން ދައްކުވައިދެނީ މަސްވެރިކަމުގެ ސިނާއަތުގެ ތެރެއިންވެސް އިތުރު އިޤްތިސާދީ ފުރުސަތުތައް ފަހިކޮށް، ކާބޯތަކަކީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ އަގުހުރި މަސައްކަތްތަކުގެ ނަމޫނާއެކެވެ.