ޚަބަރު

ޔޫރަޕްގައި އާލީގެއް ފެށުމަށް އެންބީއޭ އާއި ފީބާގެ ވިސްނުމަށް ބަދަލެއް ނާދޭ


  • އެންބީއޭ ޔޫރަޕް މިއަންނަ އަހަރު ފެށުމަށް ނިންމާފައިވަނީ 16 ޓީމާއެކު

ޔޫރޯލީގާއި ގުޅިގެން މިއަންނަ އަހަރު ޔޫރަޕްގައި ބާސްކެޓްބޯޅަ އައު ލީގެއް ފެށުމަށް އެމެރިކާގެ ނޭޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން، އެންބީއޭ އާއި އިންޓަރނޭޝަނަލް ބާސްކެޓްބޯލް ފެޑެރޭޝަން، ފީބާއިން ކުރި މައްސަތަށް ޔޫރޯ ލީގުން ދެކޮޅު ހެދި ނަމަވެސް އެވިސްނުމަށް ބަދަލު ނާންނަކަމަށް އެންބީއޭ އާއި ފީބާއިން ބުނެފިއެވެ.

ޔޫރޯލީގުންވަނީ މިކަމާއި ގުޅިގެން އެލީގުގެ ހިއްސާ ދާރުންގެ މެދުގައި މިދިޔަ އަންގާރަ ދުވަހު ނެގި ވޯޓުގައި އެންބީއޭ އާއި ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ތިބިކަން ހާމަކުރި ނަމަވެސް އެފަރާތުން ހުށަހެޅި ޕްރޮޕޯސަލާއި ދެކޮޅަށް ވޯޓް ދީފައެވެ. މިއާއެކުވެސް އެންބީއޭއިންވަނީ މިއަންނަ އަހަރު ޔޫރަޕްގައި އައު ލީގެއް ތައާރަފް ކުރުމަށް އެފަރާތުން ކުރަމުންދާ މަސައްކަތާއިގެން ކުރިއަށް ދިއުމަށް ޝައުގުހުރިކަން ފާޅުކޮށްފައެވެ.

އެންބީއޭ އާއި ފީބާއިން ގުޅިގެން އާންމު ކުރި ބަޔާނެއްގައި ބުނިގޮތުގައި ޔޫރޯލީގާއި ފީބާ އަދި އެންބީއޭ ގުޅިގެން ޔޫރަޕްގައި އައު ލީގެއް ފެށިއްޖެނަމަ ޔޫރަޕްގައި ބާސްކެޓް ބޯޅަ އައު ހަރުފަތަކަށް ގެންދިއުމަށް މަގުފަހި ވެގެންދާނެކަމަށެވެ. އަދި ޔޫރޯލީގުން އެއްބާރުލުން ނުދިން ނަމަވެސް އެންބީއޭ އާއި ފީބާއިން ތިބީ ޔޫރަޕްގައި ފިރިހެނުންގެ އައު ޕްރޮފެޝަނަލް ލީގެއް އުފެއްދުމަށް ކުރާ މަސައްކަތާއިގެން ކުރިއަށް ގޮސް މިހާރަށް ވުރެ ވަރުގަދަ އަދި ދިގު މުއްދަތަށް ދެމެހެއްޓޭނެ ލީގެއް ގާއިމް ކުރަން ތައްޔާރަށް ކަމަށެވެ. އަދި މިކަމުގައި އެދެ ފަރާތުގެ ވިސްނުމާއި ހިޔާލު އެއްގޮތްވާ ޕާޓްނަރުންނާއި ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެ ކަމުގައިވެސް އެފަރާތުން ހާމަކުރެއެވެ.

ކުޅިވަރު ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގައި ލަންޑަންގައި ބާއްވާ ލީޑަރސް ވީކްގައި ވާހަކަ ދައްކަމުން އެންބީއޭ ޔޫރަޕްގެ ޑިރެކްޓަރ ޖޯޖް އައިވަޒޮގްލޫ ބުނީ ޔޫރަޕްގައި މިއަންނަ އަހަރު އައު ލީގެއް ތައާރަފް ކުރުމަށް ކުރާ މަަސައްކަތް ދަނީ ކުރިއަށް ކަމަށެވެ. އަދި އެންބީއޭ އާއި ފީބާއިން މިކަމުގައި މަސައްކަތް ކުރަމުންދަނީ ވަރަށް ސީރިއަސް ކަމާއެކުކަމަށްވެސް އޭނާ ހާމަކުރިއެވެ. އަދި އެފަރާތުން އައު ލީގު ފެށުމަށް ނިންމާފައިވަނީ 16 ޓީމާއެކު ކަމަށްވެސް އައިވަޒޮގްލޫ ފާހަގަ ކުރިއެވެ.

އެންބީއޭ އާއި ފީބާއިން ގުޅިގެން އައު ލީގެއް ތައާރަފް ކުރަން މަސައްކަތް ކުރާއިރު ޔޫރޯލީގުންވެސް ވަނީ އެލީގު އިތުރަށް ފުޅާކުރުމަށް ވިސްނާފައެވެ. އަދި ޔޫރޯލީގުން ބުނީ އެފަރާތުން އެހެން އެއްވެސް ފަރާތަކާއި ގުޅިގެން މަސައްކަތް ކުރަން އެންމެ އަވަހަށްވެސް ވިސްނާނީ 2028 ވަނަ އަހަރަށް ފަހު ކަމަށެވެ. ނަމަވެސް އެންބީއޭ އާއި ޔޫރޯލީގާއި ދެމެދު ކުރެވެމުންދާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ފަރާތުންވެސް ވަނީ އެއްބަސްވެފައެވެ.