ދިވެހިންނަށް ޙާއްސަކޮށްފައިވާ ދައިރާތަކުގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތަކުން ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ދިވެހިންގެ މައްޗަށް މިލްކުރެވެރިކަން ބަދަލުކުރާނަމަ، ނަފާ ލިބޭ ފަރާތާއި ވިޔަފާރީގެ ކޮންޓްރޯލް އޮންނަ ފަރާތެއް ކަށަވަރުކުރާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިހާރު ޢަމަލުކުރަމުންދާ ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން، ދިވެހިންނަށް ޚާއްސަ އިތުރު ދައިރާތައް އެ ޤާނޫނުގެ ދަށުން ހަދާފައިވާ އައު ފޮރިން އިންވެސްޓްމެންޓް އެންޓްރީ ރިކުއަރމެންޓްސްގައި ވަނީ ބަޔާންކޮށްފައެވެ. މި ޤަވާއިދުގެ ދަށުން، މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ދެ ދައިރާއެއް ވަނީ ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްފައެވެ. އޭގެތެރޭގައި ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ހޯލްސޭލް އަދި ރީޓެލް ވިޔަފާރިކުރާ ފަރާތްތަކާއި، ކާގޯ ސޭލްސް އޭޖެންޓް އަދި ޖެނެރަލް ސޭލްސް އޭޖެންޓް އަދި ޕަސެންޖަރ ސޭލްސް އޭޖެންޓްގެ ޚިދުމަތް ދެމުންދާ ބޭރުގެ ފަރާތްތަކެވެ.
އެ ވުޒާރާއިން ވިދާޅުވީ، ޤާނޫނީ ގޮތުން އެ ވިޔަފާރިތަކަށް ހުއްޓާލުމަށް ނުވަތަ ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ފުރުސަތު ދީފައިވާނެ ކަމަށެވެ. އެގޮތުން މި ދެދައިރާގެ ވިޔަފާރިތަކަށް ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ނުވަތަ ވިޔަފާރި ހުއްޓާލުމަށް އަހަރެއް ވަނީ ދީފައެވެ. މި ދެދައިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ދެ ގޮތަކަށް ފުރުސަތު ދެއެވެ. އެއީ ކުންފުނީގެ ވިޔަފާރީގެ ދައިރާ ބަދަލުކުރުން ނުވަތަ ދިވެހިންގެ މައްޗަށް ކުންފުނީގެ މިލްކުރެވެރިކަން ބަދަލުކުރުމެވެ.
އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، ވިޔަފާރި ހުއްޓާލަން ޖެހޭ މުއްދަތު ހަމަވިއިރު، ގިނަ އަދަދެއްގެ ވިޔަފާރިތަކުން އެ ވުޒާރާއާއި ގުޅައި، ވިޔަފާރީގެ ދައިރާ ބަދަލުކުރުމާއި ހިއްސާ ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ ކަމަށެވެ. މިހާރު އެ ވުޒާރާއަށް ލިބިފައިވާ ލިއުންތައް ދިރާސާކޮށް އެކަމާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އުސޫލްތަކަށް ފެއްތުމުގެ މަރުހަލާގައިވާ ކުންފުނިތަކުން އެ ވުޒާރާގެ އެންގުންތަކާއި އެއްގޮތަށް މަރުހަލާތައް ފުރިހަމަ ކުރުމަށް އިޤްތިޞާދީ ވުޒާރާއިން އިލްތިމާސް ކުރެއެވެ.
ހިއްސާ ބަދަލުކޮށްގެން މިލްކުރެވެރިކަން ބަދަލުކުރަން ހުށަހަޅާފައިވާ ވިޔަފާރީތަކުން އެކަން ކުރާއިރު، ފޮރިން އިންވެސްޓްމެންޓް ރިކުއަރމެންޓްސްއާއި އެއްގޮތަށް ހިއްސާ ބަދަލުކުރުމުގެ ސަބަބުން ޙަޤީޤީ އަދި މާނަހުރި ގޮތެއްގައި ދިވެހިންގެ ހިއްސާއާއި ބައިވެރިވުން ވިޔަފާރީގައި އޮންނަކަން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ.
އެވުޒާރާއިން ވިދާޅުވީ ހިއްސާ ބަދަލުކުރުމުގައި ޢަމަލުކުރާނެ އުސުލާއި އެ ވުޒާރާއިން ބަލާނެ މިންގަނޑުތައް ފޮރިން އިންވެސްޓްމެންޓް ރިކުއަރމެންޓްސް ދަށުން އެ ވުޒާރާއި އާންމުކުރާނެ ކަމަށެވެ. ނަމަވެސް މިހާރުވެ މިފަދަ ހުށަހެޅުންތަކުގައި އެ ވުޒާރާއިން ކަށަވަރުކުރާނެ ކަންކަން ވަނީ އާންމުކޮށްފައެވެ.
* މިލްކުވެރިކަން ބަދަލުވާ މިންވަރާއި ބާވަތް
* ފައިސާ ހޯދި ގޮތާއި ފައިނޭންސްކުރި ގޮތް
* ޙަޤީޤީ ނަފާލިބޭ ފަރާތާއި އަދި ޢަމަލީ ކޮންޓްރޯލް އޮތް ފަރާތް
* ބޭރުގެ ހިއްސާދާރު ނުވަތަ ގުޅުންހުރި ފަރާތެއްގެ އެއްވެސް އިޚްތިޔާރެއް ނުވަތަ މަޞްލަޙަތެއް ދެމިއޮތް މިންވަރު
އިޤްތިޞާދީ ވުޒާރާއިން ވަނީ މިކަންކަން ސާބިތުކޮށްދިނުމަށް ތަފްސީލީ ލިއުންތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މި މަރުހަލާ ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ވިޔަފާރިތައް ދިވެހިކުރަން ހުށަހަޅާ ހުށަހެޅުމަކީ ހަމައެކަނި ކަރުދާސްމަތިން ނުވަތަ ނަމަކަށް ހިއްސާ ބަދަލުކުރުމުގެ ބަދަލުގައި، ފޮރިން އިންވެސްޓްމެންޓް ރިކުއަރމެންޓްސްގެ ސިޔާސަތުގެ އަމާޒުތަކަށް ވާޞިލުވާ، ވިޔަފާރީގެ ޙަޤީޤީ މިލްކުވެރިކަމާއި ބައިވެރިވުން ބަދަލުވާ ކަމެއްކަން ކަށަވަރުކުރުން ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ.
ވިޔަފާރިތައް ހުއްޓާލަން ޖެހޭ މުއްދަތުގައި އިޤްތިޞާދީ ވުޒާރާއަށް އެއްވެސް ގޮތަކަށް ޖަވާބުދާރީ ވެފައި ނުވާ ކުންފުނިތަކަށް ނުވަތަ ވިޔަފާރިތަކަށް އެ ވުޒާރާއިން ނޯޓިސް ދޭނެއެވެ. އަދި އެފަދަ ކުންފުނިތަކަށް ފޮނުވާ ނޯޓިސްގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި، ހުއްދަނެތް ހަރަކާތްތައް ހުއްޓާލުން ހިމެނޭގޮތަށް ފިޔަވަޅުތައް އެޅުމަށް އަންގާނެއެވެ.