ތިމާވެށި

ފެނަށްކުރާ ހޭދަ ކުޑަކުރުމުގައި މާމެންދޫ މިއީ ނަމޫނާ ރަށެއް!


ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްގޮތަށް ލ. މާމެންދޫއަކީވެސް މީރު ފެން ފަށަލަ ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާ ރަށެކެވެ. މީގެ އަހަރުތަކެއްކުރިން ނަރުދަމާ ނިޒާމެއް އެރަށުގައި ޤާއިމުކުރެވުނު ނަމަވެސް، މިއަދާ ހަމައަށްވެސް އެކަށީގެންވާ ފެނުގެ ނިޒާމެއް ރަށުގައި ޤާއިމުކުރެވިފައެއްނެތެވެ. ވާރޭފެން ރައްކާކުރުމަށް ރަށުގެ 2 ސަރަޙައްދެގައި ބޮޑެތި ކަޅުހަން ބަހައްޓާފައި ހުރިނަމަވެސް، ހޫނު މޫސުމާއި ދިމާކޮށް އަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު ފެނަށްޖެހޭކަމަށް މާމެންދޫ ކައުންސިލުން ވިދާޅުވެއެވެ.

މިކަމަށް ހައްލެއް ގެނެއުމަށްޓަކާ ސަރުކާރަށް ބަރޯސާނުވެ، އެރަށުގެ ކައުންސިލުން ވަނީ ނަމޫނާ މަސައްކަތެއް ފަށާފައެވެ. އެއީ ވަޅުފެން މީރުފެނަށް ބަދަލުކޮށްދޭ ވޯޓަރ ޕިއުރިފަޔަރ ތަކެއް ރަށުގެ ގޭގޭގައި ހަރުކުރުމުގެ މަސައްކަތެވެ. މީގެ 2 އަހަރެއްހާ ދުވަސް ކުރިން ފެށި މި މަސައްކަތަށް ކައުންސިލުން ފަންޑު ހޯދާފައިވަނީ ލ. އަތޮޅަށް ޙާއްސަކޮށްގެން ޔޫ.އެން.ޑީ.ޕީން ކުރިއަށްގެންދިޔަ ލޯ އެމިޝަން ކްލައިމެޓް ރެސީލިއަންޓް ޑިވެލޮޕްމަންޓް، ލެކްރެޑް ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހަޅައިގެންނެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާމެންދޫ ކައުންސިލްގެ ނާއިބު ރައީސް ޙުސެއިން ޙަބީބު ޢަލީ ވިދާޅުވީ، މިފަދަ މަޝްރޫޢެއް ހިންގުމުގެ ޚިޔާލު އުފެދިގެންއައީ އެރަށުގައި ކުނިމެނޭޖްކުރުމަށް ކުރިއަށްގެންދެވުނު މަޝްރޫޢުގެ ތެރެއިންކަމަށެވެ. އަދި މިކަން ކުރުމުގެ ބޭނުމަކަށްވީ ޕްލާސްޓިކް ވީހާވެސް ބޮޑަށް ރަށުން މަދުކޮށް، ރައްޔިތުން ފެނަށްކުރާ ހޭދަ ކުޑަކުރުން ކަމަށެވެ.

އެގޮތުން ލެކްރެޑް ޕްރޮގްރާމުގެ ތެރެއިން 3 ލައްކަ ރުފިޔާގެ ފަންޑެއް ލިބުމުން، 2 ފިޔަވައްސަކަށް ބަހާލައިގެން ރަށުގެ 60 ގެއެއްގައި ވަނީ ވޯޓަރ ޕިއުރިފަޔަރ ހަރުކޮށްފައެވެ. މި މެޝިންތައް ހަރުކޮށްފައިވަނީ ގޭބިސީތަކާއެކު ވަކި އެއްބަސްވުމެއް ހަދާ، މެޝިންގެ އަސްލު އަގުގެ 50 އިންސައްތަ، އެ ގޭބިސީއަކުން 8 މަސްދުވަހުގެ ތެރޭގައި ދައްކާގޮތަށެވެ. މި މެޝިންތަކަކީ 8 ލީޓަރުގެ ފެން ރައްކާކުރެވޭ މެޝިންތަކެކެވެ. އަދި އެވެރެޖްކޮށް ދުވާލަކު 75 ލީޓަރުގެ ފެން އުފައްދައިދޭނެކަމަށްވެސް މާމެންދޫ ކައުންސިލުން ވިދާޅުވެއެވެ.

"ފުރަތަމަ 30 ގޭގައި އަޅުގަނޑުމެން މި ހަރުކުރީ މެޝިންތައް.. މެޝިންތައް އަޅުގަނޑުމެން އިންސްޓޯލްކޮށްފައި މިވަނީ އެގްރިމެންޓެއް ހެދިގެން އެއީ 8 މަސް ދުވަހުން އެ ފަރާތުން ފައިސާ ދައްކާގޮތަށް. އަޅުގަނޑުމެން މިނަގަނީ ޖުމްލަ އަގުގެ 50 ޕަސެންޓު ހަރުކުރާ ކޮންމެ ގެއަކުންވެސް.. ބޮޑަށް ބެލީ ޕްލާސްޓިކް މަދުކުރުން.. މިރަށަކީ އަހަރަކު އެއް ފަހަރު ދެފަހަރު ފެނަށްޖެހޭ ރަށެއް.. ނަމަވެސް މި މެޝިންތައް ބޭނުންކުރަން ފެށީމަ ވަޅުފެން އެބަ ލިބޭ.. ފެނަށްޖެހުންވެސް މިވަނީ ވަރަށްބޮޑުތަން ހައްލުވެފައި.."

މާމެންދޫގެ ގޭގޭގައި ހަރުކޮށްފައިވާ ވޯޓަރ ޕިއުރިފަޔަރތަކަކީ 8 ލީޓަރުގެ ފެން ރައްކާކުރެވޭ މެޝިންތަކެކެވެ. އަދި އެވެރެޖްކޮށް ދުވާލަކު 75 ލީޓަރުގެ ފެން އުފައްދައިދޭނެކަމަށްވެސް މާމެންދޫ ކައުންސިލުން ވިދާޅުވެއެވެ. މި ވޯޓަރ ޕިއުރިފަޔަރތަކާއެކު ފެނަށް ކުރާ ހޭދަ ވަރަށް ބޮޑުތަން ކުޑަވެފައިވާކަން ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދެއްކި މާމެންދޫގެ ބައެއް އާއްމުން ވަނީ ފާހަގަކޮށްފައެވެ. އަދި ބައެއް ގޭގެއިން އެއްވެސް ވަރަށް ބޯފެން މިހާރު ނުގަންނަކަމަށާއި، ބުއިމަށާއި ކެއްކުމަށްވެސް އެމީހުން މިހާރު ބޭނުންކުރަނީ އޭގެން އުފައްދާ ފެން ކަމަށް އެމީހުން ބުނެއެވެ.

5 އަހަރުގެ މުއްދަކަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ވޯޓަރ ޕިއުރިފަޔަރ ހަރުކުރަން ބޭނުންވާ ހުރިހާ ގޭބިސީއަކަށް އެ މެޝިންތައް ފޯރުކޮށްދިނުމަކީ މާމެންދޫ ކައުންސިލްގެ އަމާޒެކެވެ. އަދި މި މެޝިންތަކުން އުފައްދާ ފެނަކީ ބުއިމަށް އެންމެ ރައްކާތެރި ފެންތޯ ކަށަވަރުކުރުމަށްޓަކާ ކޮންމެ ދެމަހުން އެއްމަހު ފެން ޓެސްޓު ކުރުމުގެ މަސައްކަތްވެސް ކައުންސިލުން އަންނަނީ ކުރަމުންނެވެ.

ވޯޓަރ ޕިއުރިފަޔަރތަކާއެކު ބޯފުނުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުންނަމަވެސް، މާމެންދޫގައިވެސް ޒަމާނީ ފެންވަރުގެ ފެނުގެ ނިޒާމެއް އަވަސް މުސްތަޤުބަލެއްގައި ޤާއިމުވެގެންދިއުމަކީ އެރަށުގެ ރައްޔިތުން ކުރާ އުއްމީދެކެވެ.