ލައިފް ސްޓައިލް

އެންމެ ރަނގަޅު އެއަރލައިނަކަށް ސިންގަޕޯރ އެއަރލައިންސް


ވައިގެ ދަތުރުފަތުރުކުރާ އެންމެ ރަނގަޅު އެއަރލައިންގެ އެވޯޑް، ސިންގަޕޯރ އެއަރލައިންސްއަށް ލިބިއްޖެއެވެ.
އެންމެ ރަނގަޅު އެއަރލައިން އެވޯޑް ސިންގަޕޯރ އެއަރލައިންސްއަށް ދީފައިވަނީ، އޭވިއޭޝަން އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ "ސްކައިޓްރެކްސް ވޯލްޑް އެއަރލައިން އެވޯޑްސް 2018"ގެ ތެރެއިންނެވެ. މިއީ މިއެވޯޑް ސިންގަޕޯރ އެއަރލައިންސް އިން ހޯދި 4 ވަނަ ފަހަރެވެ. މީގެ ކުރިން 2004، 2007 އަދި 2008 ވަނަ އަހަރު ސިންގަޕޯރ އެއަރލައިނުން ވަނީ މިއެވޯޑް ހޯދާފައެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި ރަސްމިއްޔާތުގައި ދުނިޔޭގެ އެންމެ ރަނގަޅު އެއަރލައިންގެ އެވޯޑުގެ އިތުރުން އެހެނިހެން ބައެއް އެވޯޑްތައްވެސް ސިންގަޕޯރ އެއަރލައިންސްއަށް ލިބުނެވެ. އޭގެ ތެރޭގައި އޭޝިޔާގެ އެންމެ ރަނގަޅު އެއަރލައިންގެ އެވޯޑާއި އެންމެ ރަނގަޅު ފަސްޓް ކްލާސްގެ އެވޯޑް ހިމެނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅު ފަސްޓް ކްލާސް ގޮނޑިތަކުގެ އެވޯޑްވެސް ލިބުނީ ސިންގަޕޯރ އެއަރލައިންސްއަށެވެ.

އެންމެ ރަނގަޅު އެއަރލައިނަކަށް ސިންގަޕޯރ އެއަރލައިންސް ހޮވުނުއިރު، ދެވަނައަށް ދިޔައީ ޤަތަރު އެއަރވޭސްއެވެ. 3 ވަނަ ލިބުނީ ޖަޕާނުގެ އޯލް ނިޕޯން އެއަރވޭސްއެވެ.
ސްކައި ޓްރެކްސް ވޯލްޑް އެއަރލައިން އެވޯޑަކީ 335 އެއަރލައިނަކުން ދަތުރުކުރި 20 މިލިއަނަށްވުރެ ގިނަ ފަސިންޖަރުންގެ މެދުގައި ހެދި ދިރާސާއަކަށްފަހު ދޭ އެވޯޑެކެވެ. އެންމެ ރަނގަޅު އެއަރލައިންގެ އިތުރުން، އެންމެ ރަނގަޅު ކާނާއާއި އެންމެ ރަނގަޅު ގޮނޑިތައް ހުންނަ އެއަރލައިންތަކަށްވެސް މިހަފްލާގައި އެވޯޑްދެއެވެ.