ލައިފް ސްޓައިލް

އެއަރބަސްގެ "ބެލޫގާ އެކްސް.އެލް" ދައްކާލައިފި


މަތިންދާބޯޓުގެ ބައިތައް އުފުލުމަށް ޚާއްސަކޮށްގެން އެއަރބަސް ކުންފުނިން ތަރައްޤީކުރި ބެލޫގާ އެކްސް-އެލް (އެއަރބަސް އޭ330–700 އެލް) މަތިންދާބޯޓު ޢާއްމުކޮށް ދައްކާލައިފިއެވެ.
ބޮޑުމަހެއްގެ ބައްޓަމަށް ހަދާފައިވާ މަތިންދާބޯޓު ދައްކާލާފައިވަނީ މިދިޔަ އަންގާރަދުވަހު ފްރާންސްގައެވެ. ބޯޓުގެ ބައްޓަމުގެ އިތުރުން، ބޯޓުގައިވާ ކުރެހުންތައްވެސް ފަރުމާކޮށްފައިވަނީ ބޮޑުމަހެއް ސިފަވާގޮތަށެވެ. ބޮޑުމަހެއްގެ ޑިޒައިނަށް ބޯޓު ފަރުމާކުރަން ނިންމީ، އެއަރބަސް ކުންފުނީގެ މުވައްޒަފުންގެ މެދުގައި ނެގި ވޯޓަކަށްފަހުއެވެ. ހައެއްކަ ޑިޒައިން ހުށަހެޅިއިރު 40 އިންސައްތަ މީހުން މިޑިޒައިނަށް ރުހުންދިނެވެ.

ބެލޫގާ އެކްސް-އެލް އަކީ 1994 ވަނަ އަހަރު އެއަރބަސްއިން މަތިންދާބޯޓުގެ ބައިތައް އުފުލުމަށް ތަޢާރަފްކުރި އެއަރބަސް ބެލުގާ މަތިންދާބޯޓާ އެއްގޮތަށް ތައްޔާރުކޮށްފައިވާ މަތިންދާބޯޓެއް ނަމަވެސް، ޖާގައިގެ ގޮތުން ބެލޫގާ އެކްސް-އެލް މާބޮޑެވެ. އެއަރބަސްއިން ފުރަތަމަ ތަޢާރަފްކުރި ބެލުގާ މަތިންދާބޯޓުގައި އެއްފަހަރާ އުފުލޭނީ އޭ.340 މަރުކާގެ ބޯޓުގެ ފިޔަތައް އެކަންޏެވެ. ނުވަތަ އޭ.350 މަރުކާގެ މަތިންބޯޓުގެ ފިއުސެލާޖް ބައި އެކަންޏެވެ. އެންމެ ބޮޑެތި އޭ.380 މަރުކާގެ ބޯޓުތަކުގެ ގިނަ ބައިތަކެއް ނުއުފުލެއެވެ. ނަމަވެސް ބެލޫގާ އެކްސް-އެލްގެ ޖާގަ 30 އިންސައްތަ އިތުރެވެ. އެހެންކަމުން އެއްފަހަރާ އުފުލޭ ތަކެތީގެ އަދަދު މާބޮޑަށްވެސް އިތުރުވެގެންދެއެވެ.

ބެލޫގާ އެކްސް-އެލް މަތިންދާބޯޓު އާއްމުކޮށް ދައްކާލިޔަސް، އޭގެ ފުރަތަމަ ޓެސްޓް ދަތުރު ކުރާނީ އިތުރު ގްރައުންޑް ޓެސްޓުތަކަކަށްފަހުއެވެ. އެއަރބަސްގެ މަސައްކަތްތަކުގައި ރަސްމީކޮށް މިބޯޓު ބޭނުންކުރަން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.
ބެލޫގާ އެކްސް-އެލް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ. މިޕްރޮޖެކްޓަށް ބިލިއަނެއްހާ ޑޮލަރު ޚަރަދުވިއެވެ. އެއަރކްރާފްޓް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި އެއަރބަސްއިން ބުނާގޮތުން ބެލޫގާ އެކްސް-އެލް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ، ކުންފުނީގެ މަސައްކަތް ހަލުވިކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށެވެ.