ލައިފް ސްޓައިލް

ބޮޑުމީހެއްކަމަށް ބަލާ އުމުރަށް ޖަޕާނުން ބަދަލު ގެނެސްފި


ޖަޕާނުގައި ކުޑަކުދިން ބޮޑެތި މީހަކަށްވިކަމަށް ބަލަނީ އުމުރުން 20 އަހަރު ފުރުމުންނެވެ. މިއީ 1876 ވަނަ އަހަރުން ފެށިގެން ޖަޕާނުގައި ކަނޑައަޅާފައިވާ އުޞޫލެކެވެ. ނަމަވެސް އެޤައުމުގެ ސަރުކާރުން މިވަނީ މިކަމަށް ބަދަލުގެނެސްފައެވެ. މިގޮތުން ކުޑަކުއްޖަކު ބޮޑު މީހެއްގެ ގޮތުގައި ބަލާ އުމުރަކީ 18 އަހަރުކަމަށް ކަނޑައެޅުމަށް ނިންމާ، ޤާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ.
ޖަޕާނުގައި ބޮޑުމީހެއްކަމަށް ބަލާ އުމުރު 18 އަހަރަށް ބަދަލުކުރުމުން، މީގެ ކުރިން 18 އަހަރުގެ ޒުވާނުންނަށް ނުކުރެވޭ އެތައް ކަމެއް ކުރުމުގެ ފުރުޞަތު އެމީހުންނަށް ލިބިގެންދެއެވެ. މިގޮތުން ބެލެނިވެރިންގެ ރުހުމެއް ނެތި ކައިވެނިކުރެވޭނެއެވެ. ޖަޕާނުގައި މިހާރު އޮންނަ ގޮތުން 16 އަހަރުވެފައިވާ އަންހެން ކުދިންނާއި 18 އަހަރުވެފައިވާ ފިރިހެން ކުދިންނަށް ކައިވެނި ކުރެވޭނެއެވެ. ނަމަވެސް އެއީ ބެލެނިވެރިންގެ ހުއްދައާއެކުއެވެ. ބޮޑު މީހެއްކަމަށް ބަލާ އުމުރުފުރާއަށް ގެނައި ބަދަލާއެކު، 18 އަހަރުވެފައިވާ ކޮންމެ މީހަކަށް އިތުރު މީހެއްގެ ހުއްދަ ނެތި ކައިވެނިކުރެވޭނެއެވެ.

ޤާނޫނަށް ގެނައި ބަދަލާއެކު 18 އަހަރުވުމުން ބެލެނިވެރިއެއްގެ ހުއްދަ ނުހޯދައިވެސް ބެންކް ކްރެޑިޓް ކާޑެއް ހޯދުމަށް ނުވަތަ ލޯނަކަށް އެދި ހުށަހެޅޭނެއެވެ. އަދި 10 އަހަރުގެ މުއްދަތަކަށް ދޭ ޕާސްޕޯޓެއްވެސް ލިބޭނެއެވެ. 20 އަހަރު ނުވާނަމަ މީގެ ކުރިން ލިބެނީ 5 އަހަރުގެ މުއްދަތަކަށް ދޭ ޕާސްޕޯޓެކެވެ.
ބޮޑު މީހެއްކަމަށް ބަލާ އުމުރަށް ގެނައި ބަދަލާއެކު، ޖަޕާނުގެ ބައެއް ޤާނޫނުތައްވެސް ވަނީ ގެނައި ބަދަލާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާޙުކޮށްފައެވެ.
18 އަހަރުވުމުން ޖަޕާނުގައި ބޮޑުމީހެއްކަމަށް ބެލިޔަސް، 20 އަހަރު ނުވަނީސް ނުކުރެވޭނެ ބައެއް ކަންކަންވެސް އެބަހުއްޓެވެ. މިގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމާއި، ރާބުއިމާއި، ޖުވާކުޅުމާއި ކުދިން އެޑަޕްކުރުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. އެކަންކަން ކުރެވޭނީ 20 އަހަރުވުމުންނެވެ. ބައެއް މީހުން އެކަން ސިފަކުރަނީ ދެކޮޅު ނުޖެހޭކަމެއްގެ ގޮތުގައެވެ. މީގެ އިތުރުން 20 އަހަރު ފުރިފައިވާ ކުދިން، ބޮޑުމީހަކަށްވުން ފާހަގަކުރުމަށްޓަކައި ކޮންމެ އަހަރެއްގެ ޖެނުއަރީމަހު ބާއްވާ ސަޤާފީ ހަފްލާއަށް ވާނެ ގޮތަކާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ.

ޖަޕާނުގައި ބޮޑުމީހެއްކަމަށް ބަލާ އުމުރުފުރާއަށް ބަދަލު ގެނެސްފައިމިވަނީ އެކަމާ ގުޅޭގޮތުން ގިނަ އަހަރުތަކެއް ވަންދެން މަޝްވަރާކުރުމަށްފަހުއެވެ. ނަމަވެސް ބޮޑު މީހެއްކަމަށް ބަލާ އުމުރުފުރާއަށް ގެނައި ބަދަލަށް އަމަލުކުރަން ފަށަން ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލްމަހުއެވެ. އެހެންކަމުން މިހާރު 18 އަހަރު ފުރިފައިތިބި ކުދިންނަށް މިޤާނޫނެއް ނުހިނގާނެއެވެ. މިޤާނޫނުގެ ދަށުން 18 އަހަރުވުމުން ބޮޑެތި މީހުންގެ ގޮތުގައި ބަލާނީ މިހާރު 14 އަހަރު ފުރިފައި ތިބި ކުދިންނެވެ.
2015 ވަނަ އަހަރު ޖަޕާނުން ވަނީ އެޤައުމުގައި ބާއްވާ އިންތިޚާބުތަކުގައި ވޯޓު ލެވޭ އުމުރުވެސް 20 އަހަރުން 18 އަހަރަށް ބަދަލުކޮށްފައެވެ.