ލައިފް ސްޓައިލް

ދުނިޔޭގައި ތިބި އެންމެ މުއްސަނދި އަންހެނުން


މަޝްހޫރު ފޯބްސް މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުން މިއަހަރުވެސް ގިނަ އަންހެނުންތަކެއް ވަނީ ޖާގަ ހޯދާފައެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި 256 އަންހެނަކު ހިމެނޭއިރު، މިއީ މީގެ ކުރީ އަހަރުތަކާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
އެންމެ މުއްސަނދި އަންހެނުންގެ ލިސްޓަށް ބަލާލާއިރު، ލިސްޓުގެ 1 ވަނައާއެކު އެންމެ މުއްސަނދި އަންހެނާގެ ޝަރަފު ލިބެނީ ދުނިޔޭގެ އެންމެ ބޮޑު ރީޓެއިލް ވިޔަފާރިކުރާ ވޯލްމާޓް ކުންފުނީގެ ބާނީގެ ދަރިކަނބަލުން އެލައިސް ވޯލްޓަންއަށެވެ. 68 އަހަރުގެ އެމެރިކާ ރައްޔިތެއްކަމަށްވާ އެލައިސް ވޯލްޓަންގެ މިލްކިއްޔާތުގެ އަގު 46 ބިލިއަން ޑޮލަރަށް އަރައެވެ. މިދިޔަ އަހަރު މިއަދަދު އުޅުނީ 33.8 ބިލިއަން ޑޮލަރުގައެވެ.

އެންމެ މުއްސަނދި އަންހެނުންގެ ލިސްޓުގެ 2 ވަނަ ލިބެނީ އުމުރުން 64 އަހަރުގެ ފޮންސުވާ ބެޓަންކޫ މެޔޭސްއަށެވެ. ފްރާންސްގެ ރައްޔިތެއްކަމަށްވާ މެޔޭސްއަކީ ކޮމެސްޓިކްސްގެ ވިޔަފާރިކުރާ އެންމެ ބޮޑު ކުންފުނި، ލޮރެއާލްގެ 33 އިންސައްތަ ހިއްސާ އޮންނަ ބެޓަންކޫ ޢާއިލާގެ މެމްބަރެކެވެ. ލޮރެއާލް ކުންފުނީގެ ބާނީއަކީ މެޔޭސްގެ ކާފައެވެ. އޭނާގެ ކާފައަށްފަހު ކުންފުނި ހިންގީ މެޔޭސްގެ މަންމަ ލިލިއާން ބެޓަންކޫއެވެ. މިދިޔަ އަހަރު ލިލިއާން މަރުވުމާ ހަމައަށް އޭނާއަކީ ދުނިޔޭގައި ހުރި އެންމެ މުއްސަނދި އަންހެނާއެވެ. ދުނިޔޭގެ 2 ވަނަ އަށް އެންމެ މުއްސަނދި މީހާގެ ޝަރަފު ފޮންސުވާ ބެޓަންކޫ މެޔޭސްއަށް ލިބިފައިވާއިރު އޭނާގެ މިލްކިއްޔާތުގެ އަގު 42.2 ބިލިއަން ޑޮލަރަށް އަރައެވެ.

ެންމެ މުއްސަނދި އަންހެނުންގެ ލިސްޓުގެ 3 ވަނަ ލިބެނީ ޖަރުމަންވިލާތުގެ ރައްޔިތެއްކަމަށްވާ އުމުރުން 55 އަހަރުގެ ސުސާން ކްލޭޓަންއަށެވެ. ޖަރުމަންވިލާތުގައި ހުރި އެންމެ މުއްސަނދި އަންހެނާގެ އިތުރުން އޭނާއަކީ ކާރު އުފައްދާ މަޝްހޫރު ބީއެމްޑަބްލިޔު ކުންފުނީގެ 19.2 އިންސައްތަ ހިއްސާގެ ވެރިފަރާތެވެ. މީގެ އިތުރުން ފާމަސޫޓިކަލް އުފައްދާ އޭނާގެ އަމިއްލަ ކުންފުންޏެއްކަމަށްވާ އެޓްލާންޓާ ކުންފުނިންވެސް އަހަރަކު 2.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައެވެ. ސުސާން ކްލޭޓަންގެ މިލްކިއްޔާތުގެ އަގު އުޅެނީ 25 ބިލިއަން ޑޮލަރުގައެވެ.
މުއްސަނދި އަންހެނުންގެ ލިސްޓުގެ 5 ވަނަ ޗޮކްލެޓް އުފައްދާ "މާސް" ކުންފުނީގެ ތިންބައި ކުޅަ އެއްބައި ހިއްސާގެ ވެރިފަރާތްކަމަށްވާ ޖެކޮލިން މާސްއަށެވެ. އުމުރުން 78 އަހަރުގެ އެމެރިކާ ރައްޔިތެއްކަމަށްވާ ޖެކޮލިންގެ މިލްކިއްޔާތުގެ އަގު 23.6 ބިލިއަން ޑޮލަރަށް އަރައެވެ. ލިސްޓުގެ 5 ވަނަ ލިބެނީ ޗައިނާގެ އަންހެނެއްކަމަށްވާ އުމުރުން 36 އަހަރުގެ ޔަންގް ހުއިޔާންއަށެވެ. ޔަންގްއަކީ ޗައިނާގެ ރިއަލް އެސްޓޭޓް ވިޔަފާރިކުރާ ކުންފުންޏެއްގެ 57 އިންސައްތަ ހިއްސާގެ ވެރިފަރާތެވެ. އޭނާގެ މިލްކިއްޔާތުގެ އަގު އުޅެނީ 21.9 ބިލިއަން ޑޮލަރުގައެވެ.

ފޯބްސް މަޖައްލާއިން މިއަހަރު ހޮވި އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި 256 އަންހެނަކު ޖާގަ ހޯދާފައިވާއިރު، އެމީހުންގެ މިލްކިއްޔާތުގެ ޖުމްލަ އަގު 1000 ބިލިއަން ޑޮލަރަށް އަރައެވެ. ބިލިއަނަރުންގެ ލިސްޓުގައި ހިމެނޭ ގިނަ އަންހެނުންނަކީ ވާރުތަވެފައިވާ މުދަލުން މުއްސަނދިވި ބައެއް ނަމަވެސް، މީގެ ތެރެއިން ގާތްގަނޑަކަށް ހަތަރުބައި ކުޅަ އެއްބައި އަންހެނުންނަކީ އަމިއްލަ މަސައްކަތުން މުއްސަނދިވި މީހުންނެވެ. މިއީވެސް ކުރީ އަހަރުތަކާ އަޅާބަލާއިރު އިތުރު އަދަދެކެވެ.