ލައިފް ސްޓައިލް

ދޮންކޭލުން ލިބޭ ޞިއްޙީ ފައިދާތައް އެނގޭތަ؟


ދޮންކޭލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނައިން މީހުން ކައި އުޅޭ އެއް މޭވާއެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ދޮންކެޔޮ ލިބެން ހުންނައިރު، އެކި ސައިޒާއި އެކި ކުލަޔާއި އެކި ރަހައިގެ ދޮންކެޔޮ ހުރެއެވެ. އަނެއްކޮޅުން ދޮންކޭލަކީ މޭވާތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ކެއުމަށް ބޭނުންކުރާ އެއް މޭވާއެވެ. އެހެންކަމުން މިހާ ގިނައިން ކެއުމަށް ބޭނުންކުރާ މޭވާއަކުން އިންސާނާއަށް ލިބެނީ ކޮންފައިދާއެއްތޯ ބަލާލުން މުހިއްމެވެ.
ދޮންކޭލުން ލިބޭ ޞިއްޙީ ފައިދާތަކުގެ ތެރޭގައި ލޭގެ ޕްރެޝަރު ރަނގަޅު މިންވަރެއްގައި ދެމެހެއްޓުމާއި އިންސާނާގެ ހަޖަމުކުރާ ނިޒާމަށް ފައިދާތަކެއް ކުރެއެވެ. އަދި ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭއިރު ލޮލުގެ ފެނުން އިތުރަށް ރަނގަޅުކޮށްދެއެވެ. މީގެ އިތުރުންވެސް ގިނަ ފައިދާތަކެއް ދޮންކޭލުގެ ސަބަބުން ކުރެއެވެ.

ނޭވާ ހިއްލުން

އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖް އޮފް ލަންޑަންއިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ކޮންމެ ދުވަހަކު ދޮންކޭލެއް ކާ ކުދިންނަށް ނޭވާހިއްލުން ކުރިމަތިވުމުގެ ފުރުޞަތު 34 އިންސައްތަ ކުޑައެވެ.

ކެންސަރު

ޞިއްޙި ތަޖުރިބާކާރުން ބުނާގޮތުން ކުޑަކުދިންނަށް ދޮންކޭލާއި އޮރެންޖުފަދަ މޭވާ ދިނުމުން ލޫކީމިއާފަދަ ބަލިތަކުން ދުރުކޮށްދެއެވެ. އަދި ދޮންކޭލުގައި ވިޓަމިންސީ ހިމެނޭއިރު މިއީ ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ މާއްދާއެކެވެ. އަދި ފައިބަރފގެ ސަބަބުން ގޮހޮރާއި ބަނޑުގެ އެކި ކެންސަރުތަކުން ދުރުކޮށްދެއެވެ.

ހިތުގެ ބަލިތައް

ދޮންކޭލުގައި ހިމެނޭ ފައިބަރ، ޕޮޓޭސިއަމް، ވިޓަމިންސީ އަދި ވިޓަމިން ބީ ސިކްސްއަކީ ހިތުގެ އެކި ބަލިތަކަށް ފަރުވާއެކެވެ. މިގޮތުން ދޮންކޭލުގައި ހިމެނޭ ޕޮޓޭސިއަމްގެ ސަބަބުން ހާޓް އޭޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހުންފަދަ ކަންކަމުން މީހާ ދުރުކޮށްދޭން އެހީތެރިވެދެއެވެ.

ޑައިބެޓީސް

ފައިބަރ އިން ދޮންކެޔޮ މުއްސަނދިވެފައިވާއިރު ދިރާސާތަކުން ދައްކާގޮތުން ޓައިޕް 1 ޑައިބެޓީސް ހުންނަ މީހުންނާއި ޓައިޕް 2 ޑައިބެޓީސް ހުންނަ މީހުން ފައިބަރ ގިނަ ކާނާ ބޭނުންކުރުމުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށަށް ދެއެވެ. ( އާދައިގެ ސައިޒެއްގެ ދޮންކެޔޮ ވަކެއްގައި އާއްމުގޮތެއްގައި 3 ގްރާމް ފައިބަރ ހުންނާނެއެވެ. )

ހަޖަމްކުރުން

ބޭރަށް ހިންގުމުގެ ސަބަބުން އިންސާނެ ހަށިގަނޑުން ގިނަ އަދަދަކަށް ޕްޓޯސިއަމްފަދަ ހަށިގަނޑަށް މުހިއްމު މާއްދާތައް މަދުވެއެވެ. އެއާއެކު ގިނަ ދުވަސްތަކެއް ވަންދެން، ނުވަތަ ހަފްތާތަކެއް ވަންދެންވެސް މަރުދެރަކޮށް ހުންނަންޖެހެއެވެ. ނަމަވެސް މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ދޮންކޭލެވެ. ދޮންކޭލުގެ ސަބަބުން ހަށިގަނޑުން ގެއްލިގެންދިޔަ ހަކަތަ އަނބުރާ ގެނެސްދޭނެއެވެ.
މީގެ އިތުރުން ދޮންކޭލަކީ އެމިނޯ އެސިޑް ހިމެނޭ މޭވާއެކެވެ. ދިރާސާތަކުން ދައްކާގޮތުން އެމިނޯ އެސިޑްގެ ސަބަބުން ހަނދާން ވަރުގަދަކޮށް، ފޫހިކަން ފިލުވާލައި، މީހާ ތާޒާކޮށްދެއެވެ.

ދޮންކޭލުގައި ހުންނަ މާއްދާތައް

އާދައިގެ ދޮންކެޔޮވަކެއްގައި ވަރަކަށް 126 ގްރާމް ހުންނާނެއެވެ. އޭގެ ތެރޭގައި 110 ގްރާމް ކެލޮރީ، 30 ގްރާމް ކާބޯހައިޑްރޭޓް އަދި 1 ގްރާމް ޕްރޮޓީން ހިމެނެއެވެ. ކޮލެސްޓްރޯލްއާއި ސޯޑިއަމް އެއްވެސް ވަރަކަށް ނުހުންނާނެއެވެ.
ދޮންކޭލުގައި ގިނަ އަދަދަކަށް ވިޓަމިންއާއި މިނަރަލްސް ހިމެނެއެވެ.
ވިޓަމިން ބީ6 – 0.5 މިލިގްރާމް
މެންގަނީސް – 0.3 މިލިގްރާމް
ވިޓަމިން ސީ – 9 މިލިގްރާމް
ޕްޓޭސިއަމް – 450 ގްރާމް
ޑައިޓްރީ ފައިބަރ – 3 ގްރާމް
ޕްރޮޓީން – 1 ގްރާމް
މެގްނީސިއަމް – 34 ގްރާމް
ފޮލޭޓް – 25.0 މިލިގްރާމް
ވިޓަމިން އޭ – 81 އައި-ޔޫ
ދަނގަޑު – 0.3 މިލިގްރާމް

ދިރާސާތަކުން ދައްކާގޮތުން ދެންކޭލުގެ ތެރެއިންވެސް އެންމެ ރަނގަޅީ ވީހާވެސް ބޮޑަށް ފާވެފައި ހުންނަ ދޮންކޭލެވެ. އޭގެ ސަބަބުން ދޮންކޭލުގައި ހިމެނޭ ބައެއް ފައިދާކުރަނިވި މާއްދާތަކުގެ މިންވަރު އިތުރުވެއެވެ. އެގޮތުން ދޮންވެ، ފާވެފައިވާ ދޮންކޭލަކުން ލިބޭ ފައދާތައް 8 ގުނަ އިތުރުކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން މީގެ ފަހުން ދެންވެގެން ޗަސްވާން ކައިރިވެފައިވާ ދެންކޮޔޮތައް އުކާލުމުގެ ބަދަލުގައި، އޭގެއިން ލިބޭ ޞިއްޙީ ބޮޑެތި ފައިދާތަކުގެ ބޭނުންކޮށްލުން މުހިއްމެވެ. އޭގެ ސަބަބުން ގިނަ ބަލިތަކަކުން ހަށިގަނޑު ރައްކާތެރިކޮށްދޭނެއެވެ.