ލައިފް ސްޓައިލް

އުމުރުން އެންމެ ދުވަސްވީ މީހާ މަރުވެއްޖެ!


ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ މަރުވެއްޖެއެވެ.
ޖަޕާނު އަންހެނެއްކަމަށްވާ އުމުރުން 117 އަހަރުގެ ނަބީ ތަޖިމާ މަރުވީ މިދިޔަ ހޮނިހިރުދުވަހުކަމަށް ޚަބަރުތައް ބުނެއެވެ. އޭނާ މަރުވީ މިދިޔަ ޖެނުއަރީމަހުން ފެށިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.
ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާގެ ލަޤަބު ގިނިސް ބުކްސް އޮފް ރެކޯޑްސްއިން އިން ތަޖީމާއަށް އެރުވީ މިދިޔަ އަހަރުގެ ޖުލައިމަހުއެވެ. އެއީ އޭގެ ކުރިން ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، ޖެމެއިކާގެ ވައިލެޓް ބްރައުން އުމުރުން 117 ގައި މަރުވުމުންނެވެ.
ޖަޕާނުގެ ނަބީ ތަޖީބާ މަރުވުމާއެކު ދުނިޔޭގައި މިވަގުތު ހުރި އުމުރުން އެންމެ ދުވަސްވީ މީހާއަށް ވެގެންދަނީވެސް ޖަޕާނު އަންހެނެކެވެ. ޗިޔޯ ޔޮޝިދާ ނަމަކަށް ކިޔާ މިމީހާގެ އުމުރަކީ 116 އަހަރުކަމަށް ޚަބަރުތައް ބުނެއެވެ.
ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާއަކީ ޖަޕާނު އަންހެނަކަށްވާއިރު، ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ ފިރިހެނަކީވެސް ޖަޕާނު މީހެކެވެ.
ޖަޕާނަކީ ދުނިޔޭގެ އެވްރެޖް ލައިފް އެކްސްޕެކްޓެންސީ އެންމެ މަތީ ޤައުމެވެ. އެޤައުމުގެ ރައްޔިތުންގެ ތެރެއިން ފިރިހެނުންގެ އެވްރެޖް އުމުރަކީ 80.98 އަހަރެވެ. އަންހެނުންގެ އުމުރަކީ 87.14 އަހަރެވެ. އެޤައުމުގައި މިހާރުވެސް 100 އަހަރުވެފައިވާ 67800 މީހުން އެބަތިއްބެވެ.