ކުލަގަދަ ރަސްމިއްޔާތަކާއެކު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މިރޭ ރަސްމީކޮށް ހުޅުވާނެއެވެ.
ހަނިމާދޫގައި ބާއްވާ ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މިރޭގެ ރަސްމިއްޔާތަށް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފުރަތަމަ ފަހަރަށް އޭ-320 މަރުކާޒުގެ މަތިންދާ ބޯޓެއް ޖައްސާނެއެވެ. މިއީ 150 މީހުންގެ ޖާގައިގެ ނެރޯ ބޯޑީ ފްލައިޓެކެވެ. އޭ-320 ޖައްސަން ފަށަނީ، ރަންވޭ ބޮޑުކޮށް ގެނެސްފަވާ ބަދަލުތަކާއެކުއެވެ.
ރައީސްއާއި މިރޭގެ ރަސްމިއްޔާތުގެ މެހުމާނުންނަށް މަރުޚާބާ ކިޔުމަށް ސަޤާފީ ހުށައެޅުމެއްވެސް ކުރިއަށްދާނެއެވެ. އަދި ހަވާއެރުވުމުގެ ހަރަކާތެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތު އޮންނަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ސަރަޙައްދުގައެވެ.
3 އަހަރަށްފަހު މި މަސައްކަތް ނިމުމަކާ ހަމައަށް އައިސްފަވާއިރު، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅި އުތުރުގެ ތަރައްޤީއާއި ގުޅިފަވާ ވަރަށް މުހިންމު މަޝްރޫޢުކެވެ. އަދި ސަރަޙައްދުގެ ރައްޔިތުންގެ އުއްމީދާއި ހުވަފެންތަކާ ގުޅިފަވާ ވަރަށް މުހިންމު މަޝްރޫޢުއެކެވެ.
މިކަމުގެ ތައްޔާރީތަކުގައި ރަށުގެ ރައްޔިތުންގެ އުއްމީދު ދައްކުވައިދެނީ، މި މަޝްރޫޢުއަށް ރަށުގެ ރައްޔިތުން ދައްކުވައިދޭ ފޯރިންނެވެ. މި މަޝްރޫޢު ވެގެންދަނީ ހަނިމާދުއާއި މުޅި ބޮޑުތިލަދުންމަތީގެ އުއްމީދާ ތަރައްޤީއާއި ގުޅިފަވާ މަސައްކަތަކަށެވެ.
އައު ޓަރމިނަލް ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތުގައި ރައްޔިތުންގެ ބައިވެރިވުން ފެންނަނީ، އެއަރޕޯޓް ސަރަޙައްދު، މިރޭގެ ރަސްމިއްޔާތަށް ސާފުކުރުމަށް ގޮވާލާ ކޮންމެ ވަގުތެއްގައި ރައްޔިތުން ނިކުމެ ދައްކަމުންދާ ހިތްވަރުންނެވެ. އަދި ހަނިމާދުއާއި މި ސަރަޙައްދުގެ 13 ރަށެއް ހިމެނޭހެން ޚާއްސަ ފަރިކޮޅެއް އެރުވުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން 50އަށްވުރެ ގިނަ ކޭން ލުމަށް ވަނީ ހަމަޖެހިފައެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢާއެކު އަހަރަކު 1.3 މިލިޔަން ޕަސެންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. އަދި މި މަޝްރޫޢުއާއެކު މުޅި ސަރަޙައްދަށް އިޤްތިޞާދީ ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ދެކެއެވެ.