ޚަބަރު

ތުޅާދޫ އެއަރޕޯޓާއެކު 100 ހައުސިންގ ޔުނިޓްގެ މަޝްރޫޢެއް މިއަހަރު ފަށާނަން: ރައީސް


  • ރައީސް ވިދާޅުވީ އެއަރޕޯޓް މަޝްރޫޢު ހަގީގަތަކަށް ހަދައިދޭނީ މި ސަރުކާރުންކަމަށް

  • 100 ހައުސިން ޔުނިޓްގެ މަސައްކަތް މިއަހަރު ފަށާނެ

  • ރައީސް ވިދާޅުވީ ލިޔެލާޖެހުމުގެ ފަންނު ކުރިއެރުވާނެކަމަށް

ބ. ތުޅާދޫ އެއަރޕޯޓް މަޝްރޫޢު ޙަޤީޤަތަކަށް ހަދައިދިނުމާއެކު އެ ރަށުގައި އިތުރު 100 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް މިއަހަރު ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބ. ތުޅާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ތުޅާދޫގެ ރައްޔިތުން ޒަމާންތަކެއް ވަންދެން އުއްމީދުކޮށް ނުވެ ހުރި އެތައް މަސައްކަތްތަކެއް އެބައޮތްކަމަށެވެ. އަދި މީގެކުރިން ފަށާފައި ހުރި މަސައްކަތްތައްވެސް ދަނީ ވަރަށް ލަސްކޮށްކަމަށާއި، އެކަންކަން ޙަޤީޤަތަކަށް ވަމުން އަންނަތަން ރައްޔިތުންނަށް ފެނިގެން ނުދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އެއް މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، ތުޅާދޫގެ އެއަރޕޯޓް މަޝްރޫޢުގެ ވާހަކައެވެ. މި މަޝްރޫޢުއަށް ތުޅާދޫގެ ރައްޔިތުން އެދެމުންދާތާ 15 ވަރަކަށް އަހަރު ވެފައިވާކަމަށް ރަށުގެ ކައުންސިލުންވެސް ވަނީ ފާހަގަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުވަފެނެއްގެ ގޮތުގައި އޮތް ތުޅާދޫ އެއަރޕޯޓް މަޝްރޫޢު، މި ދަޢުރުގައި ޙަޤީޤަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާކަމަށެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢު ކުރިއަށްގެންދަވާނީ ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުންގެ އުއްމީދުތައް ޙާސިލްވާގޮތަށްކަމަށެވެ.

މި މަސައްކަތަކީ ހަވާލުކޮށްފައި އޮތް މަސައްކަތެއް ނަމަވެސް، ދުރު ރާސްތާއަށް ބަލާނަމަ މި މަސައްކަތުގެ ސްކޯޕަށް ބަދަލުތަކެއް ގެންނަވަން ޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުން މި މަޝްރޫޢު ކުރިއަށްގެންދަވާނީ ދެމެހެއްޓެނިވި ގޮތެއްގައި ދުރުރާސްތާއަށް ބަލައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއަޕޯޓް މަޝްރޫޢުއާއި އެކުއެކީގައި ރަށަށް ބިން އިތުކުރުމަށް ބިން ހިއްކުމުގެ މަޝްރޫޢު ހިންގަވައިދެއްވާނެކަމަށެވެ. އެގޮތުން ގެދޮރިކަމަށް ބިން އިތުރުކުރުމުގެ އިތުރުން ސިނާޢީ މަސައްކަތަކާއި ފަހުން އެކި މަސައްކަތްތަކަށް ބޭނުންކުރެވޭގޮތަށް ބިން އިތުރުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މެދުރާސްތާއި ދުރުރާސްތާގެ މަސައްކަތްކަށް ބިން ބޭނުންވޭ. ބިން ހިއްކުން މިރަށަށް މުހިންމު. އެއަރޕޯޓް މަޝްރުޢޫ ހިންގަމުންދާއިރު ގެދޮރުވެރިކަން، ސިނާޢީ ބޭނުންތަކާއި މުސްތަޤުބަލަށް ބޭނުންވަ ބިން ހިއްކަންޖެހޭ. މިރަށުގެ ބިން އިތުރަށް ހިއްކައިދޭނެކަމުގެ ޔަގީންކަން ދެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދިނުމަށް، މިއަހަރުގެ ތެރޭގައި ތުޅާދޫގައި 100 ހައުސިންގ ޔުނިޓް ތަރައްޤީކޮށްދިނުމުގެ މަޝްރޫޢުއެއް ފަށްޓަވާނެކަމަށެވެ. މީގެއިތުރުންވެސް ރަށުގެ ސިއްޙީ ޚިދުމަތް ތަރައްޤީކޮށްދެއްވުމާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އިތުރުން އިންޑޯ-އައުޓްޑޯ ކުޅިވަރު ފެސިލިޓީ ތަރައްޤީކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތުޅާދޫއަކީ ލިޔެލާޖެހުންފަދަ އަތްތެރި މަސައްކަތްކުރާ ރަށަކަށްވުމާއެކު، އެ ފަންނު ދިރުވާ އާލާކުރަން މަސައްކަތްތަކެއް ފަށްޓަވާނެކަމަށް މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސަޤާފަތް ދިރުވާ އާލާކުރުމަށް އަތްތެރި މަސައްކަތް ދަސްކޮށްދޭ މަރުކަޒެއްވެސް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއާއެކު ރާއްޖޭގެ މަސައްކަތްތެރިންގެ އުފެއްދުން އިތުރުކޮށް، މަޢުރަޒުތައް ބާއްވާ އެމީހުންނަށް އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ބ. ތުޅާދޫގެ އާބާދީ 3000 އިން މައްޗަށް އަރައެވެ.