ފުލުހުން ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު މަރުވުމާއި ގުޅިގެން، އިތުރު ތަހުޤީޤަށް އޭނާގެ ހަށިގަނޑުގެ އޯޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ގ. ޒަމީއާ އުމުރުން 48 އަހަރުގެ އަހުމަދު އަފްރާހް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިމަހުގެ 15ވަނަ ދުވަހުއެވެ. އަފުރާހު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. އަދި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައެވެ.
އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުކޮށްފައި ހުއްޓާ މިއަދު ފަތިހު 5:50 ހާއިރު އަފްރާހު އެއްވެސް ހަރަކާތެއް ނެތި ގޮޅިތެރެއަށް ވެއްޓިފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. އޭނާ ހަރަކާތް ހުއްޓިފައިވާކަމަށް ފާހަގަކުރެވުމާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭރުވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލަދީ ފުލުހުން ވިދާޅުވިއެވެ.
އަފްރާހު މަރުވުމާއި ގުޅިގެން ފުލުހުންގެ މޭޖަ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން މި މައްސަލަ ތަހުޤީޤު ކުރަމުންދާކަމަށް އެއިދާރާއިން ވިދާޅުވިއެވެ. އެހެންނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން، މި ހާދިސާގެ މައުލޫމާތު އެޗްއާރްސީއެމް އަދި އެންއައިސީއަށް ހިއްސާކޮށްފައިވާ ކަމަށާއި، މިހާދިސާއާ ގުޅިގެން ކަން ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ކުރިއަށް ގެންދާ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.