އދ. މާމިގިލީ ބޯޓުޔާޑެއްގައި އޮތް ދަނގަޑު ބޯޓެއްގެ ވީލްހައުސްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އދ. މާމިގިލި ފަޔަރ ސްޓޭޝަނަށް އެ ހާދިސާގެ މަޢުލޫމާތު މިއަދު 15:15 ހާއިރު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން، ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 15:50 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވީ އެ ބޯޓުގެ ވީލްހައުސް މަތީގައިން އެންޓަނާއެއް ގޭސް ކަޓަރަކުން ކަނޑަން އުޅުމުގެތެރޭގައި ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.