ޚަބަރު

އެކައުންޓިންގ ދާއިރާއިން ޤާބިލިއްޔަތުކަން އިތުރުކުރަން ސީއޭ މޯލްޑިވްސްއާއި ބީއެމްއެލްއިން އެއްބަސްވުމަކަށް


  • އެއްބަސްވުމުގެ ދަށުން މާލީ ދާއިރާގެ ޕްރޮފެޝަނަލް މިންގަނޑުތައް އިތުރަށް ހަރުދަނާކުރާނެ

  • މާލީ ދާއިރާ އާއި އިގްތިސާދު ތަރައްގީކުރުމުގައި ބީއެމްއެލް އަދާކުރަމުންދާ ދައުރު ފުޅާކުރެވޭނެ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އާއި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސް އާ ދެމެދު، އެކައުންޓިންގ ދާއިރާ ތަރައްޤީކޮށް މީހުން ބިނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އާއި ސީއޭ މޯލްޑިވްސް ގުޅިގެން މި ދާއިރާގެ ތަޖުރިބާ ހިއްސާކޮށް މީހުން ހޭލުންތެރިކުރުމާއި، ޢަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ޤާއިމްކުރުމާއެކު، މިދާއިރާއަށް އިތުރަށް މީހުން ބިނާ ކުރުމަށް މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން އޮޑިޓިންގ ދާއިރާ ހަރުދަނާ ކުރުމުގެ މަސައްކަތްވެސް އެއްބަސްވުމުގެ ދަށުން ކުރުމަށް ވަނީ ނިންމާފައެވެ.

ބީއެމްއެލްއިން ވިދާޅުވީ ސީއޭ މޯލްޑިވްސްއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަޤްޞަދަކީ ރާއްޖޭގެ އިޤްތިޞާދު ތަރައްޤީކުރުމުގައި ހުނަރުރަތައް ތަރައްޤީކުރުމަށް އެހީވުމާއި، މައުލޫމާތު ބަދަލުކުރުމުގެ އިތުރުން އެކައުންޓިން އަދި މާލީ ދާއިރާގެ އަޙްލާގީ މިންގަނޑުތައް ބައްޓަންކުރުން ކަމަށެވެ. މިއީ ދިގު މުއްދަތަކަށް ފައިދާވާނެ މަސައްކަތެއް ގޮތުގައި ޤައުމީ ބޭންކުން ވަނީ ފާހަގަކޮށްފައެވެ. ބީއެމްއެލްއިން އަންނަނީ މުޅި ގައުމުގެ ވަކިވަކި ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމައުތަކަށް އެހީތެރިވެދިނުމަށް ފަރުމާކުރެވިފައިވާ އެއްބަސްވުންތަކާއި މަޝްރޫއުތައް ހިންގަމުން ކަމަށް ބޭންކުން ވިދާޅުވިއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން، ބޭންކް އޮފް މޯލްޑިވްސް ގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މި އެއްބަސްވުމަކީ މުޅި ޤައުމުގައި އެކައުންޓިންގ އަދި މާލީ ދާއިރާގެ ޕްރޮފެޝަނަލް މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކާއެކު އެކައުންޓިން އަދި މާލީ ދާއިރާގެ ގާބިލުކަން އިތުރުކޮށް، ދާއިރާގެ އެންމެ ރަނގަޅު އުސޫލުތައް ކުރިއަރުވައި، ދިވެހިރާއްޖޭގެ މާލީ ދާއިރާ އާއި އިގްތިސާދު ތަރައްގީކުރުމުގައި މިހާރު އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާ ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ފާއިތުވި އަހަރު، ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް ބޭއްވުމަށްޓަކައި ސީއޭ މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ފޯރަމްގެ މަޤްޞަދަކީ އެ އިންސްޓިޓިއުޓްގެ މެންބަރުންނާއި، ދިވެހިރާއްޖޭގައި އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތައުލީމާއި ތަމްރީން ފޯރުކޮށްދީ، ރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން އިތުރަށް ހަރުދަނާކޮށް ކުރިއެރުމަށް މަގުފަހިކޮށްދިނުމެވެ.