ޚަބަރު

އިހަވަންދޫ މަގުހެދުމުގެ މަޝްރޫޢު އާރްޑީސީއަށް


ހއ. އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީއާއި ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 102 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ތާރު އަޅައިގެންނެވެ. މި މަޝްރޫޢުގެ ދަށުން 6.9 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް، މަގުތަކުގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައިކަމަށް ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވެއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން މި މަޝްރޫޢު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤްއެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރ ޔާސިރް ޙަސަންއެވެ.

އިހަވަންދޫއަކީ ވެރިކަންކުރާ ދިއްދޫ ފިޔަވައި މުޅި އަތޮޅުގައިވެސް އާބާދީގެ ގޮތުން އެންމެ ބޮޑު ރަށެވެ. ހަތަރުހާހާއި ގާތްކުރާ އާބާދީއެއް އޮންނަ އިހަވަންދޫއަކީ ވިޔަފާރީގެ އެކި ބޭނުންތަކަށްވެސް ގިނަ ޢަދަދެއްގެ މީހުން އަރާފައިބާ ރަށެކެވެ.

މިގޮތުން ދާ ފަރާތްތަކާއި އިހަވަންދޫގެ ރައްޔިތުންނަށްވެސް ދިމާވާ އެއް ދައްޗަކީ ރަށުގެ މަގުތަކުގެ އަޑިގުޑަންކަމެވެ. ވިއްސާރަ މޫސުމުގައި އިހަވަންދޫގެ މަގުތައް ބޭނުންކުރުމަކީ ތަކުލީފު ބޮޑުކަމެއްކަން އެރަށު ރައްޔިތުން ފާހަގަކުރެއެވެ. މިކަން ނިމުމަކަށް ގެނެސްދެއްވާނެކަމަށް އެރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވަނީ ވަޢުދުވެވަޑައިގަންނަވާފައެވެ.