ޚަބަރު

ދިއްދޫ އައު އިންޖީނުގެ: ކުރިއަށް އޮތް 50 އަހަރަށް ބޭނުންކުރެވޭނެ


ފެނަކައިން ރަށްރަށުގެ އިންޖީނުގެތަށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގައި އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ހިމެނެނީ ރަށްރަށުގައި މީހުންދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި ދުވަސްވީ އިންޖީނުގެތަށް، މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތެވެ.

މި އިންޖީނުގެތަށްވެސް ތަރައްޤީކުރަނީ، ވީހާވެސް ދިގު މުއްދަތަށް އެ ތަންތަން ބޭނުންކުރެވޭގޮތަށެވެ. އާބާދީ އިތުރުވުމާއި، ރަށަށް އިތުރުވާ ބިންތަކުގައި އަޅާ ގޭބިސީތަކަށްވެސް ޚިދުމަތް ދެވޭނެ ކެޕޭސިޓީއަށް ބަލައިގެންނެވެ.

ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުގައި އެންމެ އާބާދީ ބޮޑު ރަށަކީ އަތޮޅުގެ ވެރިކަން ކުރާ ރަށް ދިއްދުއެވެ. އެރަށުގެ ރައްޔިތުންނާއި، ރަށަށް ހިޖުރަކޮށް ދިރިއުޅޭ މީހުންނާއެކު އެރަށުގެ އާބާދީ 5000 އަށް އަރައެވެ.

ދިއްދުއަކީ އާބާދީ އިތުރުވުމާއެކު ކަރަންޓުގެ ޚިދުމަތް ފުޅާކުރަން ބޭނުންޖެހިފައިވާ ރަށެކެވެ. އަދި އެރަށުގައި މިހާރު ބޭނުންކުރާ އިންޖީނުގެ ހިންގަމުން ދަނީ މީހުން ދިރިއުޅޭ ހިސާބުގައި، ރަށު މެދުގައެވެ. މީގެ ސަބަބުން އެ ސަރަޙައްދުގެ ގޭގޭގެ އިމާރާތަށް ގެއްލުންވުމާއި، ދުމުގެ ސަބަބުން ބޮޑެތި އުނދަގޫތަކެއް އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަނީ ކުރިމަތިވަމުންނެވެ.

އިންޖީނުގެ ހިންގަމުން އަންނަ އިމާރާތް ކުރޑަވުމާއި، ދުވަސްވުމުގެ ސަބަބުން އެތަނުން ޚިދުމަތް ދިނުމުގައިވެސް ގިނަ އުނދަގޫތައް ކުރިމަތިވެއެވެ. ދިއްދޫގެ މިހާރު ބޭނުންކުރާ އިންޖީނުގެއަކީ މީގެ 27 އަހަރު ކުރިން ބޭނުންކުރަންފެށި އިމާރާތެކެވެ. އަދި އެއީ ގާތްގަނޑަކަށް 30 ފޫޓުގެ އިންޖީނު ރޫމެކެވެ.

ފެނަކައިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ އެރަށުގައި އައު އިންޖީނުގެއެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ. އައު އިމާރާތުގައި 160 ފޫޓުގެ ބޮޑު އިންޖީނު ރޫމެއް ހަދާނެއެވެ.

2 ފަންގިފިލާއަށް ތަރައްޤީކުރާ މި އިމާރާތަކީ ސަރަޙައްދީ އިންޖީނުގެތައް ތަރައްޤިކުރާ ފެންވަރަށް ޑިޒައިންކޮށްފައިވާ ތަނެކެވެ. މި އިންޖީނުގޭގައި ކޮންޓްރޯލް ރޫމަކާއި، މީޓިން ރޫމެއް އަދި ވޯކްޝޮޕެއްވެސް ހިމެނެއެވެ.

މިހާރު ބޭނުންކުރާ އިންޖީނުގެ ކުޑަވުމުގެ ސަބަބުން، އިންޖީނުތައް އޯވަހޯލްކޮށް މަރާމާތުކުރުންވެސް އޮތީ އުނދަގޫ ކަމަކަށްވެފައެވެ. އައު އިންޖީނުގެއާއިއެކު، އެރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުންވެސް ކުރިއަށްދެއެވެ.

ޕީ.އެސްް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، އެ ޕްރޮޖެކްޓްގެ ސުޕަވައިޒަރ އަބްދުއްﷲ މުޖުތަބާ ވިދާޅުވީ، ޕްރޮޖެކްޓްގެ ބޮޑެތި ގިނަ މަސައްކަތްތަކެއް ނިމިފައިވާކަމަށެވެ. އެގޮތުން ކޮންކްރީޓް ގިނަ މަސައްކަތްތައް ނިިމި، އިމާރަތް ހިޔާކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. މުޅި މަޝްރުޢޫގެ %60 އަށްވުރެ ގިނަ މަސައްކަތް ނިމިފައިވާކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.

"މިހާރު އައު އިމާރާތުގައި އިންޖީނު ބެހެއްޓުމަށް 5 ބެޑް އިންނާނެ. ގާތްގަނޑަކަށް ކުރިއަށް އޮތް 50 އަހަރަށް ބޭނުންވާ ކެޕޭސިޓީ މިތަނުގައި އިރުރުކުތެވޭނެ" މުޖުތަބާ މަޢުލޫމާތު ދެއްވިއެވެ.

އިންޖީނުގޭގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރެއަށް ނިންމާ ޚިދުމަތް ފެށުމަށް ފެނަކަ ކޯރޕަރޭޝަނުން ދަނީ މަސައްކަތްކުރަމުންނެވެ.

މިހާރުވެސް ދިއްދޫގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް 3.2 މެގަވޮޓްގެ ކެޕޭސިޓީ ޤާއިމުކޮށްފައިވާކަމަށް ފެނަކައިން ވިދާޅުވެއެވެ. އައު އިންޖީނުގެއާއެކު މި އަދަދު 4.2 މެގަވޮޓްއަށް އިތުރުވެގެންދާނެއެވެ.

މި އިމަރާތް ފަރުމާކޮށްފައިވަނީ ކުރިމަގުގައި ކެޕޭސިޓީ އިތުރުކުރެވޭގޮތަށެވެ. އިންޖީނުގެ ގޭގެ އިމާރާތާއެކު، އޮފީސް އިމާރާތެއްވެސް ތަރައްޤީކުރާނެއެވެ. ދިއްދޫގެ ކަރަންޓުގެ ޚާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގައި، އެ ރަށުގެ ކަރަންޓު ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

އައު އިންޖީނުގެއާއެކު އެރަށުގައި އިތުރު ވަޒީފާތައްވެސް އުފެދިގެންދާނެކަން ފެނަކަ ކޯރޕަރޭޝަނުން ފާހަގަކުރައްވައެވެ.