ޚަބަރު

އެންޓި-ކެންޕެއިންކުރުމަކީ އިންތިޚާބުތަކާ މެދު އޮންނަ އިތުބާރު ކުޑަވާ ސަބަބެއް: އީސީގެ ރައީސް


  • ކެންޑިޑޭޓުންނަށް އިތުބާރު ބޮޑުވެއްޖެނަމަ، ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެ

  • ރަށާއި ޤައުމު ހިންގުމުގައި އަދާކުރަންޖެހޭ އެއް ވާޖިބަކީ ވޯޓުލުން

އިންތިޚާބުތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ ދެކޮޅަށް އެންޓި-ކެންޕެއިންކުރުމަކީ އިންތިޚާބުތަކާ މެދު އޮންނަ އިތުބާރު ކުޑަވާ ސަބަބެއްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

އީސީގެ ރައީސް ޒާހިދު މިހެން ވިދާޅުވީ މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަހާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރާއްޖޭގައި ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 25 ދުވަހުއެވެ. މި ދުވަސް ކަނޑައެޅީ 2016ވަނަ އަހަރު ބޭއްވި ޑިމޮކްރަސީ ދުވަހުގެ ޖަލްސާގައެވެ. ވޯޓުލުމުގެ ޙައްޤަކީ ކޮންމެ ރައްޔިތަކުވެސް އަދާކުރަންޖެހޭ މުހިންމު ވާޖިބެކެވެ. ޑިމޮކްރަސީގެ ތަހުޒީބު އުޞޫލުގެ ތެރެއިން ޤައުމުގެ ކުރިމަގު ބިނާކުރާނެ ގޮތް ކަނޑައެޅުމުގެ ބާރު ރައްޔިތުންނަށް ލިބިދެނީ ވޯޓުލުމުގެ ޙައްޤު މެދުވެރިކޮށެވެ. އެހެންކަމުން މި ޙައްޤު އަދާކުރުމަކީ ޤައުމުގެ ކުރިއެރުމާއި ތަރައްޤީގައި ކޮންމެ މީހަކަށްވެސް ވެވޭ ހިއްސާއެކެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ ރަށާއި ޤައުމު ހިންގުމުގައި އަދާކުރަންޖެހޭ އެންމެ މުހިންމު އެއް ވާޖިބަކީ ވޯޓުލުން ކަމަށާއި ކޮންމެ މީހަކުވެސް ވޯޓުލުމުގެ ޙައްޤުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަކީ މުހިންމު ކަމެއް ކަމަށެވެ. ކަން މިހެން އޮތް ނަމަވެސް، ބައެއް އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދުވަމުންދާކަމަށް ޒާހިދު ވިދާޅުވިއެވެ.

ޒާހިދުގެ ވާހަކަފުޅުގައި އިންތިޚާބުތަކަށް މީހުން ޝައުގުވެރިކޮށް، ވޯޓުލާ މީހުންގެ އަދަދު އިތުރުކުރުމަށް ކުރެވިދާނެކަންކަމަށް އަލިއަޅުވާލެއްވިއެވެ. އެ ގޮތުން ލާ ވޯޓަކީ ޤައުމަށް ފައިދާހުރި ކަމެއް ކޮށްދޭނެ ކެންޑިޑޭޓަކަށްދެވޭ ވޯޓެއްކަމުގެ ޔަޤީންކަން ވޯޓުލާ މީހުންނަށް އޮނަންޖެހޭކަމަށް އީސީގެ ރައީސް ވިދާޅުވިއެވެ. މި އިތުބާރާއި ޔަޤީންކަން އުފެއްދުމަށްޓަކައި އެންމެ މުހިންމުކަމަކީ އެންޓި-ކެންޕެއިން ނުކުރުންކަމަށް ޒާހިދު ވިދާޅުވިއެވެ.

"ދެ ގޮތަކަށް ކެންޕެއިން މިކުރަނީ. އެއްގޮތަކީ ވާދަވެރި ކެންޑިޑޭޓަށް ވޯޓުލާން ތިބި މީހުން މަދުކުރުމަށް ކުރެވޭ ކެންޕެއިނެއް. ތިމާއަށް ވޯޓުލާން ނުކުތުމަށް ހިތްވަރު ދިނުމަށް ކުރެވޭ ކެންޕެއިނަށް. އިލްތިމާސްކުރަނީ ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުން ނެރެގެން ކެންޕެއިންކުރާއިރުގައި ގެންގުޅޭށޭ ހަމައާއި އިންސާފާއި ޢަދުލުވެރިކަން." އީސީގެ ރައީސް ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވީ ރައްޔިތުންނަށް އިތުބާރު ހިފޭ ގޮތަށް ތާޢީދު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދަންޖެހޭ ކަމަށެވެ. އަދި ވޯޓުލާ މީހުންގެ އަދަދު އިތުރުކުރުމަށްޓަކައި އެންމެ މުހިންމުކަމަކީ ވާދަކުރައްވާ ކެންޑިޑޭޓުންނަށްކުރާ އިތުބާރު ބޮޑުކުރުން ކަމަށެވެ. އަދި އެ އިތުބާރު ބޮޑުވާ ވަރަކަށް އިންތިޚާބުތަކަށްވެސް ކުރާ އިތުބާރު ބޮޑުވެ، ގިނަ މީހުން ވޯޓުލާނެކަމަށް އީސީގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ. ލޯކަލް ކައުންސިލް އިންތިޚާބު ގާތްވަމުން އަންނައިރު، މި އިންތިޚާބުގައިވެސް ވޯޓުލުމަށް ގިނަ ބަޔަކު ނުކުތުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އިލްތިމާސްކުރެއްވިއެވެ.

2008 ވަނަ އަހަރުން ފެށިގެން ދިމިޤުރާތީ އިންތިޚާބުތައް ބާއްވާ، 5 އަހަރު ދުވަހުގެ ދައުރަކަށް ވެރިކަން ކުރައްވާނެ ރައީސުލްޖުމްހޫރިއްޔާއަކު އަންނަނީ އިންތިޚާބުކުރަމުންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2008 ވަނަ އަހަރުން ފެށިގެން ބޭއްވި ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.