ޚަބަރު

ދަތުރުފުޅުތަކާއިއެކު، މަޝްރޫޢުތަކުގެ ދުވެލި އަވަސްވޭ: ވަޒީރު ސަޢީދު


  • ރަށްރަށުގައި މަޝްރޫޢުތައް ކުރިއަށްދާ ވަރަކުން އިޤްތިޞާދީ ފައިދާތަކުރޭ

  • ރައީސް ދަނީ ކައުންސިލްތަކުގެ ކަންބޮޑުވުންތަކުގެ އަޑުއައްސަވަމުން

މާލޭގައި ހުންނަވައިގެން ކަންކަން ބެއްލެވުމުގެ އިތުރަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައީސް ގެންދަވަނީ ވަޢުދުތައް ފުއްދުމަށް ކުރަންޖެހޭ ކަންކަންތަންފީޒު ކުރައްވަމުންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ، ހދ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެވަޑައިގެންނިވިއިރު ވަރަށް ގިނަ ބަޔަކު ޤައުމު "ބަނގުރޫޓު" ވަނީ ކަމަށް ބުނަމުން ދިޔަ ކަމަށާއި، ނަމަވެސް އޭރު އެމަނިކުފާނު އިސްކަމެއް ދެއްވީ އެހާލަތު ބަދަލު ކުރުމަށް ކަމަށެވެ. އޭގެ ފަހުން އެމަނިކުފާނު ކުންފުނިތަކާއި ވުޒާރާތަކާއި އެކު ގިނަ މަސައްކަތްތަކެއް ކުރައްވާ، ރަށްރަށަށް ވަޑައިގެން ގެންދަވަނީ ކެމްޕެއިންތެރޭގައި އެމަނިކުފާނު ވަޢުދުވި މަސައްކަތްތައް ތަންފީޒުކުރައްވަމުން ކަމަށެވެ. އަދި މިދަތުރުފުޅުގެ ތެރޭގައި އެމަނިކުފާނު ކައުންސިލްތަކާއި މުޢައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވާ، ކަންބޮޑުވުންތައް އަޑުއައްސަވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވަނީ މި ދަތުރުފުޅުތަކުގައި އެމަނިކުފާނު ކުންފުނިތަކުގެ އިސްވެރިންނާއި، ކަމާއި ގުޅުންހުރި ވުޒާރާތަކުގެ ވަޒީރުން ގެންދާވާ އެ ބޭފުޅުން މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށެވެ. މިއާއެކު ރަށްރަށުގައި ކުރިއަށް ގެންދަވަން ރޭވިފައި ހުރި މަޝްރޫޢުތަކުގެ މައުލޫމާތު ދެއްވައި، ގިނަ މަޝްރޫޢުތަކުގެ ބިންގާ އެޅުމާޢި އަމަލީ މަސައްކަތް ފަށްޓަވައި ދެއްވަމުން ގެންދަވާ ކަމަށެވެ.

"ވެރިކަން ކުރާ ސިޓީގައި އިންނަވައިގެން ކަންކަން ބައްލަވަން ވާނެ. އެހެންނަމަވެސް އޭގެ އިތުރަށް ވަގުތެއްވާއިރަށް ރަށްރަށް ވަޑައިގަންނަވަނީ. އަޅުގަނޑަސް އެނގިގެން ދެފަހަރަށް ރަށްރަށަށް ވަޑައިގެންފި. ކުންފުނިތަކުގެ ވެރިންނާއި ވަޒީރުންނާއެކު ވަޑައިގަންނަވަނީ. އެހެން ކަމުން މިހާ ދަތިހާލެއްގައި އޮވެ، މަސައްކަތް ބާރުވާން މަޖުބޫރުވޭ." ވަޒީރު ވިދާޅުވިއެވެ.

ރަށްރަށުގެ މަޝްރޫޢުތަށް ފެށުމާއެކު އިޤްތިޞާދަށް އެނގުންވާނެކަން ފާހަގަކުރައްވާ، ވަޒީރު ވަނީ މިކަމުގެ ބައެއް މިސާލުތަކެއްވެސް ދައްކަވާފައެވެ. ވަޒީރު ވަނީ ރަށްރަށުގެ ހިންގާ މަޝްރޫޢުތަކުގެ އަދަދު އިތުރުވާ ވަރަކަށް މިކަންކަން ވަޒީފާގެ ފުރުސަތު ފަހިވެ، ވިޔަފާރިތައް ކުރިއަރައި އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށް އެނގުންވާނެ ކަމަށެވެ.

ހދ. އަތޮޅުގެ ރަށްރަށުގައި އޭޓީއެމް ޚިދުމަތްތައްވެސް ފަށްޓަވައިދެއްވަމުން ގެންދަވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ބައެއް ފަރާތްތަކުން ފާޑުކީނަމަވެސް މިއީ މީގެ ކުރިން އެއްވެސް ވެރިއަކަށް ކުރަން ބޭނުންވެގެން ނުވެފައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް ރޭވުންތެރިކަމާއެކު ރައީސް އެމަސައްކަތް ފަށްޓަވައި ޑޮލަރު އޭޓީއެމްތައްވެސް މިހާރު ރަށްރަށުގައި ބަހައްޓަވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. މިކަންކަމުން ފަތުރުވެރިކަން ކުރިއެރުވުމަށް މަގުފަހިވެގެންދާ ކަމަށް އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ.

ތިލަދުންމަތީ ދެކުނުބުރީގައި ފަތުރުވެރިކަން ކުރިނާރައި އޮތް މައްސަލައަށްވެސް ރައީސް އުއްމީދުތަކެއް ދެއްވާފައިވާއިރު، ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރުމާއެކު ނާގޯށި ފަދަ މަޝްރޫޢުތަކުން ފަތުރުވެރިކަން އެއަތޮޅުގައި ކުރިއަރައިދާނެކަން ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މުޅި ރާއްޖެއަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ސަބަބުން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމަށް ފަހިވެގެން ގޮސްފައިވާ ކަމަށެވެ.