ޚަބަރު

ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި ކަނޑައެޅީ 3 ކަމެއް ޝަރުތުކޮށްފައި


ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި ކަނޑައެޅީ 2011ވަނަ އަހަރުގެ ޖޫން މަހުގެ 28ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން އެ އަތޮޅުގެ 10 ސަރަހައްދެއް ކޯ އޭރިއާގެ ގޮތުގައި ކަނޑައަޅައި ބަލަހައްޓަމުން އާދެއެވެ. މީގެތެރެއިން މެނޭޖްމަންޓް ޕްލޭނެއް ހަދައިގެން ބަލަހައްޓަމުން އަންނަނީ 3 ސަރަހައްދެކެވެ. ބާކީ 7 ސަރަހައްދު ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް އަދި ޤާއިމްކޮށްފައެއްނެތެވެ.

އެހެންކަމުން އިތުރު 10 އަހަރަށް ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި ބ.އަތޮޅު ކަނޑައެޅީ އާންމުން ހޭލުތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް މިހާރަށްވުރެ ގިނައިން ހިންގުމަށާއި ޙިމާޔަތްކޮށް ބަލަހައްޓަމުންގެންދާ ތަންތަނުން ލިބޭ ޢާމްދަނީން ވީހާވެސް ބޮޑަށް ރައްޔިތުންނާ ގުޅުންހުރި ތަރައްޤީއާ އެނޫންވެސް ކަންކަމަށް ބޭނުންކުރުމަށާ، ޙިމާޔަތްކޮށް ބަލަހައްޓަމުންގެންދާ ތަންތަނުގެ ތެރެއިން މެނޭޖްމަންޓް ޕްލޭން ނުހަދާ ހުރި ތަންތަނުގެ ޕްލޭންތައް ހެދުމަށް ޝަރުތުކޮށްފައެވެ.

ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި ކަނޑައެޅީއްސުރެ ހިމާޔަތްކޮށް ބަލަހައްޓަމުންގެންދާ ތަންތަން ބަލަހައްޓަމުން ގެންދަނީ ރަނގަޅަށް ކަމަށް ޔުނެސްކޯއިންވެސް ވަނީ ނިންމާފައެވެ. 10އަހަރު ދުވަހު ޙިމާޔަތްކޮށްފައި ހުރި ތަންތަން ބެލެއްހެއްޓުމުގައި ޢަމަލުކޮށްފައިވާ ގޮތް ދެނެގަތުމަށް ހެދި ދިރާސާއިން ދައްކާގޮތުން ރާއްޖޭގެ އެންމެ ފަރުގެ ދިރުން މުއްސަނދި އެއްއަތޮޅަކީ ބ.އަތޮޅުކަން ވަނީ ކަށަވަރުވެފައެވެ. ކޮންމެއަކަސް މީ ކޮންމެވެސް ބައެއްގެ މަސައްކަތެކެވެ. މިކަން އިތުރު 10 އަހަރު ދުވަހަހަށް ކަނޑައެޅީވެސް މިހުރިހާ ކަންކަމަށް ބެލުމަށްފަހުއެވެ. އަދި މިއަދާ ހަމައަށް މިކަން ދެމި އޮތީ ބަޔޮސްފިއަރ ރިޒާވްގެ މަދު މުވައްޒަފުންނާ އަތޮޅުގެ ރައްޔިތުންނާ ރިސޯޓްތަކުން ކުރަމުން އައި ބުރަ މަސައްކަތުންނެވެ.

ކޮންމެއަކަސް އިތުރު 10 އަހަރަށް ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައެޅިއިރު، އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމްތައް މިހާރަށްވުރެ އިތުރު ކުރުމަށް ޔުނެސްކޯއިން ވަނީ އެދިފައެވެ. އެއީ މިތަންތަނާ ބެހޭ މައުލޫމާތު އާންމުންނަށް އެންގެންޖެހޭ މިންވަރަށް އެނގިފައި ނުވާތީކަމަށް ބަޔޮސްފިއަރ ރިޒާވްއިން ވިދާޅުވެއެވެ.

އާންމުން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ރައްޔިތުންނާ ރިސޯޓްތަކާ ގުޅިގެން އަބަދުވެސް އެއޮފީހުން އަންނަނީ ހިންގަމުންނެވެ. އެގޮތުން މަސްވެރިންނަށާއި ދަނޑުވެރިންނާއި ކިޔަވާ ކުދިންނަށް ހިންގާ ޕްރޮގްރާމްތައް ފާހަގަކުރެވެއެވެ. ކިޔަވާ ދަރިވަރުންނަށް ހިމާޔަތްކޮށް ބަލަހައްޓަމުންގެންދާ ތަންތަނުގެ މައުލޫމާތުދިނުމަށް ސްކޫލްތަކާ ގުޅިގެން އެތަންތަނަށް އެދަރިވަރުން ގެންގޮސް ހިމާޔަތްކޮށް ބަލަހައްޓަމުންދާ ގޮތުގެ މައުލޫމާތު ވަރަށް ފުރިހަމައަށް ފޯރުކޮށްދޭކަން ފާހަގަކުރެވެއެވެ.

ބަޔޮސްފިއަރ ރިޒާވްއަކަށް ބ.އަތޮޅު ވުމުން އެއަތޮޅުގައި ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާވާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން އަތޮޅުގެ ފަތުރުވެރިކަމުގެ ޓްރޭޑްމާކެއްގެ ގޮތުގައި އެންނަ ބޭނުން ކުރަންވެސް ފެށުނެވެ. އެގޮތުން ހިމާޔަތްކޮށް ބަލަހައްޓަމުންގެންދާ ތަންތަން ފަތުރުވެރިންނަށް ވިއްކައިގެން ރަގަޅު އާމްދަނީއެއް ކޮންޒަވޭޝަން ފަންޑަށް ލިބެން ފެށިއެވެ. ކޮންޒަވޭޝަން ފަންޑަށް ލިބޭ އާމްދަނީއިން ރައްޔިތުނާ ގުޅުންހުރި، ރަށްރަށުގެ ތަރައްޤީއަށް ހިންގޭ ކުދިކުދި މަޝްރޫއުތައް ހިންގުމަށް ކްލަބް ޖަމްއިއްޔާ ޖަމާއަތްތަކައް ފައިސާ ވަނީ ދޫކޮށްފައެވެ. އޭގެއިން އެންމެ އެދެވޭ ނަތީޖާ ނުލިބުމުން، 2020 ވަނަ އަހަރު އެފަނޑުން 3 މިލިއަން ރުފިޔާ ޙަރަދުކޮށްގެން އަތޮޅު ކައުންސިލާ ގުޅިގެން އަތޮޅުގެ 13 ރަށުގައި ދެ ރޫމްގެ އެޕާޓްމަންޓެއްވަނީ އަޅާފައެވެ. އެތަންތަން ހަދާނިންމާ ރަށްރަށު ކައުންސިލްތަކާ މިހާރު ވަނީ ހަވާލުކޮށްފައެވެ. އެތަންތަން ކުއްޔަށްދީގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާވާނީ އެރަށެއްގެ ކައުންސިލްގެ މާލިއްޔަތަށެވެ.

ދުނިޔޭގައިވެސް އެންމެ ގިނަ އަދަދަކަށް އެސަރަހައްދަކުން އެންމެ ގިނަދުވަސްތަކަކަށް މަންތާ ފެންނަ އެ އަތޮޅު ހަނިފަރު ފަޅުތެރެއިންނެވެ. އެއީ އެންމެ ފުރަތަމަ ދެމެެހެއްޓެނިވިގޮތެއްގައި ހިމާޔަތްކޮށް ބަލަހައްޓަން ފެށިތަނެވެ. ޖުމްލަ 10 ސަރަހައްދެއް ބަޔޮސްފިއަރގެ ކޯއޭރިއާގެ ގޮތުގައި ކަނޑައަޅާފައި އޮތްއިރު މިހާތަނަށް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް ބަލަހައްޓަމުން އަންނަނީ 3 ސަރަހައްދެކެވެ. މެނޭޖްމަންޓް ނުހަދާާ ހުރި ތަންތަނަށް މެނޭޖްމަންޓްޕްލޭންހަދާ ރައްކާތެރިކަމާއެއްކު އެތަންތަން ބެލެހެއްޓުމަށް ޔުނެސްކޯއިން ވަނީ އަންގާފައެވެ. ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުގެ އައުޓްރީޗް އޮފިޝަރ ޝާފީ އަލީ ވިދާޅުވީ މިއަހަރު އިތުރު ދެ ސަރަހައްދެއްގެ މެނޭޖްމަންޓް ޕްލޭން އެކުލަވަލާ އަމަލުކުރަން ފެށޭނެކަމަށެވެ. ބާކީއޮތް 5 ސަރަަހައްދުގެވެސް މެނޭޖްމަންޓް ޕްލޭންގެ ޑްރާފްޓް އެކުލަވާލާ ނިމިފައިވާކަމަށް ޝާފީވިދާޅުވިއެވެ.

މުވައްޒަފުންގެ ދަތިކަމަކީ މިތަންތަން ބެލެއްޓުމަށް އެ އޮފީހަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އަދި މިހާރު މަސައަކަތް ކުރާ އޮފީހުގެ ދަތިކަމަކީ އިދާރީގޮތުން މަސައްކަތް ކުރުމަށް ދިމާވާ ގޮންޖެހުމެއްކަމަށް ޝާފީ ޢަލީ ވިދާޅުވިއެވެ.

ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި ބ.އަތޮޅު އިތުރު 10 އަހަރަށް ކަނޑައެޅިގެން ދިއުމަކީ އެއަތޮޅުގެ ފަތުރުވެރިކަން އިތުރަށްފުޅާވެ، ބ.އަތޮޅަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމެކެވެ. އަދި އިތުރު ސަރަހައްދުތައް ރައްކާތެރިކަމާއެކު ހިމާޔަތްކޮށް ބަލަހައްޓަންފެށުމުން ލިބޭ އާމްދަނީ އިތުރުވާނެއެވެ. އެހެން ކަމުން އާންމުން އިތުރަށް ހޭލުތެރިކޮށް އާމްދަނީ އިތުރުކޮށް މެނޭޖްމަންޓްޕްލޭން ހަދާ އަތޮޅު މިހާރަށްވުރެ ބޮޑަށް އިޝްތިހާރު ކުރުމަކީ ބަޔޮސްފިއަރ ރިޒާވްގެ މި 10 އަހަރުގެ އަމާޒެވެ.