ތިމާވެށި

ކެނދިކުޅުދޫ އިކޯ ޕާކު: ނުގޮސް ދޫކޮށްލެވޭވަރުގެ ތަނެއްނޫން


ނ. ކެނދިކުޅުދޫއަކީ ގުދުރަތީގޮތުން ބޮޑު މުއްސަނދި ކަމެއް ލިބިފައިވާ ހިތްގައިމު ރަށެކެވެ. މުޅި ރަށަށް ލިބިގެންވާ އެންމެ ޚާއްސަ އެއް ސިފައަކީ ގިނަ ކުޅިތަކެއް ހިމެނުމެވެ.

މިއީ ރާއްޖޭގެ ނިސްބަތުންވެސް ވަރަށް މަދު ރަށަކުން ނޫނީ ނުފެންނަ ސިފައެކެވެ. ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް މީގެކުރިން މަސައްކަތްތަކެއް ކުރެވިފައިނެތްނަމަވެސް، ރަށުގައި ތަރައްޤީކޮށްފައިވާ އިކޯ ޕާކާއެކު ރަށު ފަތުރުވެރިކަން ރަށަށް ތަޢާރަފުވުމުގެ އުއްމީދު މިވަނީ އައު ވެފައެވެ.

ކެނދިކުޅުދޫއަކީ ބިން ބޮޑު ރަށެކެވެ. ގާތްގަނޑަކަށް 207 ހެކްޓަރުގެ މި ރަށުގައި ގުދުރަތީގޮތުން އުފެދިފައިވާ 9 ކުޅި އެބައޮތެވެ. މީގެ ތެރޭގައި 400 ފޫޓުން ފެށިގެން 3000 ފޫޓާއި ދެމެދުގެ ދިގުމިންހުރި 3 ކުޅިއެއް ހިމެނެއެވެ. މި ކުޅިތަކުގައި ކަނޑޫފަލާއި، އާއްމުކޮށް ނުފެންނަ ގިނަ ދޫނިސޫފާސޫތްޕާއި، މަސްމަހާމެއްސާއި، އެކި ބާވަތުގެ ގަސްގަހާގެހި ހިމެނެއެވެ.

ޒަމާންތަކެއް ވަންދެން މި ކުޅިތަކަށް މާބޮޑު އަޅާލުމެއްނުދެވި ދޫކޮށްލާފައިއޮތުމުގެ ސަބަބުން މިތަންތަނަށް އާއްމުންގެ މާ ބޮޑު ސަމާލުކަމެއް ލިބިފައެއްނުވެއެވެ. އެހެންނަމަވެސް ރަށުގެ ޒުވާނުންތަކެއްގެ އިސްނެގުމާއެކު ތަރައްޤީކުރި އިކޯ ޕާކާއެކު ރަށުގެ މަޤްބޫލުކަން އަތޮޅާއި މުޅި ރާއްޖޭގައި މިވަނީ އިތުރުވާން ފަށާފައެވެ.

"އިކޯ ޕާކު - ޒުވާނުންގެ ހިތްވަރުން، ހިތްގައިމު މަންޒިލަކަށް"


ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުޙައްމަދު ރައޫފް ވިދާޅުވި ގޮތުގައި އިކޯ ޕާކުގެ މަސައްކަތަކީ ސީދާ ރަށުގެ ޒުވާނުންގެ އަމިއްލަ އިސްނެގުމަށް ފެށުނު މަސައްކަތެއްކަމަށެވެ. ރަށުގެ ގޮނޑުދޮށް ސަރަޙައްދާއި، ކުޅި ސަރަޙައްދު ތިމާވެއްޓާއި ރައްޓެހި ޕާކެއްގެގޮތުގައި ތަރައްޤީކުުރުމުގެ މަސައްކަތް ފަށާފައިވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް ދުވަސްވަރު، 2020 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

އޭރު މި މަސައްކަތް މަދު ޒުވާނުންކޮޅަކާއެކު ފެށުނު ނަމަވެސް، މިހާރު މިކަމަކީ ރަށުގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި، އެހީތެރިކަމާއި، އަދި ކައުންސިލުގެވެސް ބައިވެރިވުމާއެކު ކުރިއަށްގެންދާ މަސައްކަތެއްކަމަށް ރައޫފް ވިދާޅުވިއެވެ.

"މިކަމަކީ މީހުން ވަރަށް ގަޔާވިކަމެއްކަމަށް ފެނިގެން، މިދިޔަ ދައުރުގެ ކައުންސިލުންވެސް އެކަމަށް އެބަހުރި އިންވެސްޓްކޮށްދީފައި. ދެން އަޅުގަނޑުމެންވެސް އައިސް އިތުރު ފޭސްއެއްގެ މަސައްކަތް އޭރު ފަށާފައިވާ، މިހާރު ވަރަށް ބޮޑުބައި ކައުންސިލުން އެއްކޮށް ފުލް ކޯސްޓް އޭގެ ހުރިހާ މެޓީރިއަލްސްއެއް ގަނެދީގެން ހިލޭ ސާބަހަށް މަސައްކަތްކުރާ ބައެއްގެ މަސައްކަތުން މިހާރު އޮތް ހިސާބަށް ގެނެވިފައި އެވަނީ" ރައޫފް ވިދާޅުވިއެވެ.

އިކޯ ޕާކުގެ މުޅި ކޮންސެޕްޓަށް ބަލާއިރު، އެތަން ތަރައްޤީކޮށްފައިވަނީ ތަނުގެ ގުދުރަތީ ރީތިކަން ނުގެއްލޭނެހެން ތިމާވެއްޓާ ރައްޓެހިގޮތަކަށެވެ. އިކޯ ޕާކް މަސައްކަތުގެދަށުން ރަށުގެ 2 ކުޅިއެއްގައި މިހާތަނަށްވަނީ ފާލަން ހަދާފައެވެ.

އެގޮތުން ކުޅީގެ އެއްފަރާތުން އަނެއް ފަރާތަށް ދިއުމަށް ގާތްގަނޑަކަށް 80 ފޫޓުގެ ފާލަމެއް ވަނީ ހަދާފައެވެ. އަދި އަނެއް ސަރަޙައްދުގައި ކުޅީގެ މެދަށް ދެވޭ ގޮތަށް ފާލަމެއްހަދައި، ފާލަން ނިމޭ ހިސާބުގައި ވަނީ ހަޓެއް ހަދާފައެވެ. އަދި ޖޯއްޔާއި އުނދޯއްޔާއި، ކުޅީގައި އުޅޭ މަހަށް ކާންދިނުމާއި ފޮޓޯނެގޭނެ އިންތިޒާމްތައްވެސް ހަމަޖައްސާފައިވެއެވެ. މިކަމުގައި މުޅިންހެން ބޭނުންކޮށްފައިވަނީ ބާކީވެފައިހުރި ލަކުޑިއާއި ފިލައެވެ.

މިތަން ޑިޒައިންކުރަމުންދަނީ އެތަނަށް ޒިޔާރަތްކުރާ އާއްމުންނަށް ތަނުގެ ގުދުރަތީ ހިތްގައިމުކަން ވީ އެންމެ ފުރިހަމައެއްކޮށް ތަޖުރިބާކުރެވޭނެހެންނެވެ. ހަމައެހެންމެ ކުޅީގައި ހުރި ގަސްގަހާގެހި ހިމާޔަތްކުރުމާއި، ކަނޑޫފާތައް ރައްކާތެރިކޮށް، ދިރުވާ އާލާކުރުމަށް ބާރުއެޅުމުގެ ގޮތުން ތިމާވެއްޓާމެދު އާއްމުން ހޭލުންތެރިކުރުމަށް ތަފާތު މެސެޖުތައް ލިޔެފައިވާ ބޯޑުތައްވެސް ފެންނާނެހެން ބަހައްޓާފައިވެއެވެ.

ކެނދިކުޅުދޫ އީކޯ ޕާކުގެ ފޮޓޯއާއި ވީޑިއޯތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާއްމުވާން ފެށުމާއެކު، މިތަނަށް އޮތް ސަމާލުކަން ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން ރަށުގެ ރައްޔިތުންގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުން އިކޯ ޕާކުގެ ހިތްގައިމުކަން ތަޖުރިބާކޮށްލުމަށް ގިނަ ބަޔަކު ދާކަން ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ.

"މުޅި ރާއްޖޭގެ އެކި ހިސާބުތަކުން މީހުން އެބައާދޭ މިހާރު. މި ރޯދަމަހުވެސް ކައިރި ރިސޯޓްތަކުންނާއި، ކައިރި އަަތޮޅުތަކުންނާއި ދުރު ހިސާބުތަކުންވެސް ރޯދަވީއްލުމާއި އެތަންތަން ބަލާލުމަށް އެބަ އަރާ މީހުންނާއި، ފަތުރުވެރިންވެސް. މިއީ ވަރަށް ރަނގަޅު މަސައްކަތެއްކަމަށް ޤަބޫލުކުރެވެނީ" ރައޫފު ވިދާޅުވިއެވެ.

"ރަށު ފަތުރުވެރިކަމަށްވެސް ހުޅުވުނު ރަނުގެ ފުރުޞަތެއް"


ނ. އަތޮޅަކީވެސް ފަތުރުވެރިކަމަށް މަޝްޙޫރު އަތޮޅެކެވެ. ދުނިޔޭގެ ފެންވަރުގެ ލަގްޒަރީ ބްރޭންޑްތަކުން ރިސޯޓްތައް ހިންގަމުންދާއިރު، އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮތުމާއެކު ފަތުރުވެރިންގެ ޑިމާންޑް އަތޮޅަށް އެބައޮތެވެ. އެހެންނަމަވެސް ކެނދިކުޅުދޫގައި މިހާތަނަށް ލޯކަލް ޓޫރިޒަމް އެންމެ އެދެވޭގޮތެއްގައި ހިންގިފައެއްނުވެއެވެ.

ގާތްގަނޑަކަށް 1900 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ މި ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑުގޮތެއްގައި ކޮށްއުޅެނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތެވެ. އަދި ރިސޯޓުތަކުގައިވެސް ގިނަ ޒުވާނުންތަކެއް ދަނީ ވަޒީފާ އަދާކުރަމުންނެވެ. ކޯވިޑް-19 ސަބަބުން ލިބުނު އިޤްތިޞާދީ ހީނަރުކަން މިރަށުގެ ރައްޔިތުންވެސް ތަޙައްމަލުކުރަން ޖެހުނެެވެ. އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކާއި ވަޞީލަތްތައް ހޯދަންޖެހުނެއެވެ. އިކޯ ޕާކު ވެގެންދިޔައީ މިކަމަށް ހުޅުވުނު ރަނުގެ ފުރުޞަތަކަށެވެ.

ކެނދިކުޅުދޫ ކައުންސިލުގެ ރައީސް ރައޫފް ވިދާޅުވިގޮތުގައި، މިއީ އެރަށުގައި ލޯކަލް ޓޫރިޒަމް ފަށައިގަތުމަށްވެސް ކޮށުނު މުހިއްމު މަގެކެވެ. ތަނަށް އޮތް މަޤުބޫލުކަމާއެކު ރަށު ފަތުރުވެރިކަން ތަޢާރަފުކޮށް ހިންގުމުގެ އުއްމީދު މިވަނީ ބޮޑުވެފައެވެ.

ރައޫފް ވިދާޅުވީ، ކައުންސިލުގެ ވިސްނުންހުރީ އިކޯ ޕާކަކީ ހިމާޔަތްކުރެވިފައިވާ ސަރަޙައްދެއްގެގޮތުގައި ބާއްވައިގެން، އެތަނުން އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދުމެވެ. އެގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއާ ގުޅިގެން، އެތަން ބޭނުންކުރާނެގޮތުގެ ބިޒްނަސް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާކަމަށް ރައޫފް ވިދާޅުވިއެވެ.

"މިހާރު މި ހުރިހާ ސަރަޙައްދުތަކަކީވެސް ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކެއް. އެހެންނަމަވެސް އެތަންތަނަކީވެސް ކޮމާޝަލީ އެތަންތަން ބޭނުންކުރެވި، އެތަންތަން ބެލެހެއްޓުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތަކުގެ ޕްލޭން މިނިސްޓްރީއާއެކު އަޅުގަނޑުމެން މަސައްކަތް ފަށާނަން އިރާދަކުރެއްވިއްޔާ ރޯދައިގެ ފަހުން" ރައޫފް ވިދާޅުވިއެވެ.

ކުރިއަށްއޮތްތަނުގައި އިކޯ ކެފޭ ހިމެނޭ ސަރަޙައްދުގައި ކުދިކުދި ކެފޭތަކަކާއި، ބާބަކިއު ހެދޭނެ އިންތިޒާމް ހަމަޖެއްސުމުގެ ވިސްނުން ކައުންސިލުން ގެންގުޅެއެވެ. ޕާކަށް މިހާރުވެސް ޒިޔާރަތްކުރާ އާއްމުންގެ ފަރާތުން، އެތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި، ތަނުގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއްދޭކަން ކައުންސިލުން ފާހަގަކުރެއެވެ.

ކެނދިކުޅުދޫގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން 3 ގެސްޓް ހައުސްއެއް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ރަށުގެ ގުދުރަތީ މުއްސަނދިކަމުން ނަފާ ލިބޭނެ މަގު އިކޯ ޕާކާއެކު ފަހިވެފައިވާކަމަށް ރައޫފް ވިދާޅުވިއެވެ.

"ކައިރި 2 ރިސޯޓަކުންވެސް މިހާރު އަޅުގަނޑުމެންނާއި ވާހަކަދައްކަމުން އެބަދޭ އައިލެންޑް ހޮޕިންނަށް ކެނދިކުޅުދޫއަށް އައުމަށްޓަކާ. ޚާއްސަކޮށް ކުޅި ސަރަޙައްދުތައް ބަލާލުމަށް ގެސްޓުން ގެނައުމަށް ވަރަށް ރަނގަޅުތަނެއްގެ ގޮތުގައި. އަޅުގަނޑު ޤަބޫލުކުރަނީ ރޯދައިގެފަހުން އެކަންވެސް ފެށޭނެކަމަށް" ރައޫފް ވިދާޅުވިއެވެ.

ކޮންމެއަކަސް ކެނދިކުޅުދޫ ޒުވާނުންގެ އިސްނެގުމާއި، ހިތްވަރާއި މަސައްކަތުން ރަށުގެ އިޤްތިޞާދަށް އާރޯކަން މިވަނީ ގެނުވާފައެވެ. އިކޯ ޕާކާއެކު އަޅާނުލެވި ވީރާނާވާން ދޫކޮށްލެވިފައިވާ ކުޅިތަކަށް އާއްމުންގެ ސަމާލުކަން މިވަނީ ލިބިގެންގޮސްފައެވެ. ރަށުގެ ފެހިކަމާއި ޗާލުކަމާއި ނަލަކަން މުޅި ރާއްޖެއަށް ހާމަކޮށްދީފައެވެ.

ރާއްޖޭގެ ތިމާވެށީގެ މުއްސަނދިކަމާއި ހިތްގައިމުކަން ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް ހަމަގައިމުވެސް ކެނދިކުޅުދޫ އިކޯ ޕާކުވެގެންދާނީ ވަރަށް އެކަށޭނަ މަންޒިލަކަށެވެ. މިއީ ނުގޮސް ދޫކޮށްލެވޭވަރުގެ މަންޒިލެއްނޫނެވެ.