"ސާފުމާދަމާއެއް" ހެޝްޓެގްގެ ދަށުން ކުރިއަށްގެންދިޔަ ސާފުކުރުމުގެ ބޮޑު ހަރަކާތުން 282.67 ކިލޯގެ ކުނި އެއްކޮށްފިއެވެ. މިއީ ދުނިޔޭގެ ސާފުކުރުމުގެ ދުވަސް ނުވަތަ "ވޯލްޑް ކްލީންއަޕް ޑޭ 2026" ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
އިއްޔެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަތިރިމަތީ ސަރަޙައްދުގައި ކުރިއަށްދިޔަ މި ހަރަކާތުގައި 120 އަށްވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ. މީގެ ތެރޭގައި ޒުވާނުންގެ ޖަމްޢިއްޔާތަކާއި، ތިމާވެށީގެ އެންޖީއޯތަކުގެ އިތުރުން އާންމު ރައްޔިތުން ހިމެނެއެވެ.
މި ހަރަކާތަކީ ދުނިޔޭގެ ފެންވަރުގައި ކުނި މަދުކުރުމަށް މަސައްކަތްކުރާ "ލެޓްސް ޑޫ އިޓް ވޯލްޑް" އިން އިންތިޒާމްކޮށގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤުޞަދަކީ ކުނީގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ ދެކޮޅަށް މަސައްކަތްކޮށް، ދެމެހެއްޓެނެވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމުގެ އާދަ އަށަގަންނުވުމެވެ.
މި ހަރަކާތުގެ ތެރެއިން ސާފުކުރުމަށްފަހު އެއްކުރެވުނު ކުނިތައް ވަނީ ވަކިވަކިން ގްރޫޕްކޮށް، ކިރާ، ރިކޯޑުކޮށްފައެވެ. އެގޮތުން 158.72 ކިލޯގެ އާންމު ކުންޏާއި، 92.17 ކިލޯގެ ރީސައިކަލް ކުރެވޭ ޕްލާސްޓިކްގެ އިތުރުން 31.78 ކިލޯގެ އެލްމިނިއަމް ވަނީ އެއްކުރެވިފައެވެ.
އަތިރިމަތީ ސަރަހައްދުން ފެނުނު ޕްލާސްޓިކްގެ ބާވަތްތައް ދެނެގަތުމަށް ހިންގި އޮޑިޓުން ޖުމްލަ 3,522 ޕްލާސްޓިކް އައިޓަމް ވަނީ ރެކޯޑުކުރެވިފައެވެ.
މި ހަރަކާތް އިންތިޒާމުކުރުމުގައި ވިލާ ކޮލެޖްގެ ސްޓޫޑެންޓް އެސޯސިއޭޝަން، އެމްއެންޔޫ އެސްޔޫގެ ގޮފި "އަބިސް"، ބާނަކަލްސް، ގްރީންރާއްޖެ އަދި ރިޕަލް ގުޅިގެން މަސައްކަތްކުރިއެވެ. އަދި ބަންޔަންޓްރީ، ދަވާ އިހުރު، ޕާލޭ މޯލްޑިވްސް، ސްކައުޓް އެސޯސިއޭޝަން އަދި ލެޓްސް ޑޫ އިޓް މޯލްޑިވްސްގެ އެހީތެރިކަން ލިބިފައިވެއެވެ.
ވޯލްޑް ކްލީންއަޕް ޑޭއަކީ 2008 ވަނަ އަހަރު އެސްޓޯނިއާއިން ފެށިގެން، މިއަދު މުޅި ދުނިޔޭގެ 190 އަށްވުރެ ގިނަ ޤައުމުން މިލިޔަނުން ބައިވެރިން ގުޅިގެން ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ހިންގާ ދުނިޔޭގެ އެންމެ ބޮޑު އެއް އެކްޝަން މޫވްމަންޓެވެ.
މިފަދަ ހަރަކާތްތަކަކީ ހަމައެކަނި އެއް ދުވަހުން ކުނި ނެގުމުގެ އިތުރުން، މުޖުތަމައުގެ ފަރުދުންގެ މެދުގައި ޒިންމާދާރުކަމާއެކު ކުނި ނައްތާލުމުގެ އާދަ އަށަގަންނުވައި، ސާފު އަދި ފުރިހަމަ މާދަމާއެއް މުޅި ރާއްޖެއަށް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.