ފަލަސްޠީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގައި ޔަހޫދީން ޢަމަލުކުރަމުންދާ ގޮތް ތުރުކިވިލާތުގެ ރައީސް ރަޖަބް ޠައްޔިޕް އުރުދުޣާން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. އޭނާ އެ މޭރުމުން ވާހަކަ ދައްކަވާފައި ވަނީ އދގެ އާންމު މަޖިލީހުގައި ތަޤުރީރުކުރައްވަމުންނެވެ.
އުރުދުޣާން ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައިވެރިވުމާއެކު ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ތުރުކީވިލާތުން ވެސް އެހީތެރިވި ކަމަށެވެ. ނަމަވެސް އެއީ ނަމެއްގައި ޢަމަލުކުރަމުންދާ އެއްބަސްވުމެއް ކަމަށް ފާހަގަކުރައްވައި އުރުދުޣާން ވަނީ އެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ޣައްޒާގައި 1،300އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ވަޒަންވެރިންގެ ސަބަބުން ކުރިމަތިވަމުން ދަނީ ވަރަށް ދަތި އުނދަގޫ ޙާލަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެފައިވާ އެ އެއްބަސްވުމުގެ ދަށުން ޙަމާސްއާއި ފަލަސްޠީނުގެ އެހެން ޖަމާޢަތްތަކުން ވެސް އެއްބަސްވުމުގެ ދެވަނަ މަރުހަލާ ބަލައިގެންފައިވާ ކަމަށް އުރުދުޣާން ވިދާޅުވިއެވެ. ނަމަވެސް ޔަހޫދީން ޣައްޒާއާއި ހިންގަމުންދާ ޢުދުވާންތައް ނިމުމަކަށް ނުގެންނަ ކަމަށާއި، ޣައްޒާއަކީ އެ ތަނެއްގައި އިންސާނިއްޔަތާ ޚިލާފު އެތައް ކަމެއް ހިނގާ، އެންމެ ލަދުވެތި ކޮންސެންޓްރޭޝަން ކޭމްޕުގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އިންސާނިއްޔަތުކަމާއި ރަހުމު ހުރި މީހެއް ނަމަ ޣައްޒާގައި ހިނގަމުންދާ ކަންތައްތައް ނުފެންނަ ކަމަށް ހަދައިގެން ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން އުރުދުޣާން ވަނީ އދއަށް ވެސް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ހަނގުރާމައާއި ހަމަނުޖެހުންތައް ހިނގަމުންދާ ސަރަޙައްދުތަކުގައި ޞުލްޙައާއި ހަމަޖެހުން ޤާއިމް ކުރުމަށް އދން ނުކުޅެދިފައިވާ ކަމަށެވެ.
ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އެމެރިކާއަށް ވަނުމަށް ވިސާ ޖަހައިނުދިނުމުން އދގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި އޭނާއަށް ބައިވެރިވެވަޑައިގެނެވިފައެއް ނުވެއެވެ. މިދިޔަ އަހަރު ވެސް ކަންތައް ވީ އެހެންނެވެ. ބައްދަލުވުމުގައި މަޙްމޫދު ޢައްބާސް ބައިވެރިވެވަޑައިގެންފައި ނުވާތީ ވެސް އުރުދުޣާން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވީ ޢައްބާސްއަށް އދގެ މަޖިލީހުގައި ބައިވެރިވެވަޑައިނުގަނެވުނަސް މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ވެސް ފަލަސްޠީނުގެ ހައްޤުގައި ޤައުމުތަކުން ވަކާލާތު ކުރާނެ ކަމަށެވެ. މިނިވަން އަދި އިސްތިޤުލާލު އޮތް ދައުލަތަކަށް ފަލަސްޠީނުގެ ހެދުމަށް ތުރުކީވިލާތުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.