ޚަބަރު

ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއާ ބަންގްލަދޭޝުން މަޝްވަރާކުރައްވައިފި


  • ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އަލިއަޅުވާލެއްވި

  • ގުޅުން ހަރުދަނާކުރުމަށް މަޝްވަރާކުރެއްވި

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނާ ބައްދަލުކުރައްވައިފިއެވެ.

އެ ދެ ބޭފުޅުން ބައްދަލުކުރައްވާފައިވަނީ، އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައެވެ.

މި ބައްދަލުވުމުގައި، އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރިޔާސަތާ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ޚަލީލުއްރަޙްމާން ހަވާލުވެވަޑައިގަތުމާ ގުޅިގެން، ނައިބު ރައީސް އެކަމަށް މަރުޙަބާ ދެންނެވިއެވެ. މީގެ އިތުރުން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް ނައިބު ރައީސް ހެޔޮއެދުންތައް ފޮނުއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސަރަޙައްދީ މި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް އެކުވެރިކަމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާން ދެއްކެވި ވާހަކަފުޅުގައި، ނައިބު ރައީސް ވިދާޅުވި ހޫނު މަރުޙަބާއާއި ހެޔޮއެދުންތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި އދ. އާއި ބައިނަލްއަގުވާމީ އެހެނިހެން މައިދާންތަކުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކޮށް، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބަންގްލަދޭޝް އްޔާރަށް އޮތްކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާވެސް ބައްދަލުކުރައްވާފައެވެ. މީގެއިތުރުން، ނިއުޔޯކުގައި ހުންނަ އދ.ގެ ދިވެހިރާއްޖޭގެ ދާއިމީ މިޝަންއަށް އެ މަނިކުފާޏު ޒިޔާރަތްކުރެއްވިއެވެ.