ޚަބަރު

އިމާމުންނާއި ޚަޠީބުންގެ 18 މީހަކު ތަމްރީން ހޯދުމަށް ސަޢުދީ ޢަރަބިއްޔާއަށް ފުރައިފި


  • މިއީ މި ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން ސަޢުދީ ޢަރަބިއްޔާއަށް ދާ 2 ވަނަ ގުރޫޕް

  • މި ތަމްރީން ދަތުރު މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ

އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ޕްރޮގްރާމްގެ ދެވަނަ ބުރުގެ ބައިވެރިން ފުރައިފިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން ޢިލްމުވެރިންނާއި އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢު ފެށީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމްގެ ދެވަނަ ބުރުގައި ހިމެނޭ 18 މީހުން މިއަދު ސަޢުދީ ޢަރަބިއްޔާއަށް ފުރާފައިވާކަމަށެވެ. މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މި ދަތުރުގައި ޢިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން މައްކާ އަދި މަދީނާގެ ޚާއްސަ ތަންތަނަށް ޒިޔާރަތްކުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ފެބްރުއަރީ މަހުގެ ތެރޭގައި ފުރަތަމަ ބުރުގެ ބައިވެރިންވަނީ ސަޢުދީ ޢަރަބިއްޔާއަށް ގޮސް ތަމްރީން ހޯދާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފައި ވަނީ ސަޢުދީ ޢަރަބިއްޔާއާގެ އިތުރުން މިޞްރު، މެލޭޝިޔާ، އަދި ބުރޫނާއިގެ އިތުރުން އިންޑޮނޭޝިޔާއަށްވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އިމާމުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިގޮތުން ރާއްޖޭގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ގއ. އަތޮޅުގެ ރަށްތަކުން 64 އިމާމުންނާއި ޚަތީބުން ވަނީ ތަމްރީންކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭ ހުރިހާ އިމާމުން ތަމްރީންކޮށް ނިންމާލުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.