ޚަބަރު

ސަރުކާރަށް 6 މަސް: ބިޔަ ޕްރޮޖެކްޓްތަކާއެކު މަޑުޖެހިފައި އޮތް ތަރައްޤީގެ ދުވެލި މެކުހަށް


  • މަޑުޖެހިފައި ހުރި މަޝްރޫޢުތައް އަވަސްކުރަން ފިޔަވަޅު އެޅުއްވި

  • ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއް ފެއްޓެވި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަކީ އެމަނިކުފާނު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރުވެސް ރާއްޖެއަށް ޢުމްރާނިގޮތުން ގެނައި ބިޔަ މަޝްރޫޢުތައް ހިންގެވުމުގައި އަމަލީގޮތުން އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވި އެއް ލީޑަރެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅުގެ ޤާބިލްކަން ވަޒަންކުރުމަށްފަހު، ދިވެހި ޒައާމަތު ރައީސް މުއިއްޒުއާ ދިވެހި ހަވާލުކުރެއްވީ ޤައުމުގެ ތަރައްޤީއަށް ބޮޑެތި އުއްމީދުތަކެއް ކުރާތީކަން އެއީ ދެބަސްނުވެވޭނެ ހަޤީޤަތަކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 17 ނޮވެމްބަރުގައި ވެރިކަމާ ހަވާލުވެވަޑައިގެން މިވީ 6 މަސް ދުވަހުގެ ތެރޭގައި ތަރައްޤީއަށްޓަކައި ރައްޔިތުން ކުރާ އުއްމީދުތައް ޙާސިލްކޮށްދެއްވަން މަސައްކަތްކުރައްވާނެކަން އެމަނިކުފާނުގެ މަސައްކަތްޕުޅުން ރަނގަޅަށް ސާބިތުކޮށްދެއްވައިފިއެވެ. އޭގެ އެންމެ އަލިގަދަ ހެއްކަކީ ދަޢުރުގެ ފަހުކޮޅަށް ބޮޑެތި މަޝްރޫޢުތައް ފަސްނުކުރައްވާ، ވީއެންމެ އަވަހަކަށް މަޝްރޫޢުތައް ފައްޓަން ރައީސް މުއިއްޒުގެ ސަރުކާރުން ދެއްވާ އިސްކަމެވެ.

ނިމިދިޔަ ވެރިކަންތަކުގައި ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު މާޔޫސްކަމަކީ ދައުރު ނިމެން ކައިރިވުމުން ބޮޑެތި މަސައްކަތްތައް ފަށަން މަސައްކަތްކުރުންކަމަށްވާއިރު، އެ މަސައްކަތްތަކުން ރައްޔިތުންނަށް ހަގީޤީ މަންފާއެއް ކޮށްފައި ނެތްކަން އެއީ ރައްޔިތުން ޤަބޫލުކުރާ ހަޤީޤަތެކެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ދަޅަ ދެއްކުމުގެ ބަދަލުގައި ތަރައްޤީގެ ފޮނިމީރުކަން ރައްޔިތުންނަށް ގެނެސްދެއްވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަފްތާ 14ގައި ކޮށްދެއްވުމަށް ހިމެނުއްވި 161 ވަޢުދުގެ ތެރޭގައި ހިމެނޭ ޢުމްރާނީ ތަރައްޤީގެ ދާއިރާގެ މުހިންމު ބޮޑެތި މަޝްރޫޢުތަކާ ގުޅޭ މަސައްކަތްތައް މިހާރު ވަނީ ފައްޓަވާފައެވެ.

އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ އިސްކަން ދެއްވި މަސައްކަތަކީ ފަށާ ހުއްޓިފައިވާ މަސައްކަތްތަކާއި އަދި މަޑުޖެހިފައި ހުރި މަސައްކަތްތައް ދިރާސާކޮށް ހަލުވި ދުވެލީގައި އަލުން ފެށުމެވެ.

ރާއްޖޭގެ އިޤްތިޞާދަށް މިވަގުތު އެންމެ މުހިންމު ދެ މަޝްރޫޢު ވެލާނާ އިންޓަރނޭޝަންލް އެއަރޕޯޓްގެ އާ ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތްތަކާއި އަދި މާލެ-ވިލިމާލެ-ގުޅިފަޅު-ތިލަފުށި ގުޅާލާ ބްރިޖްގެ މަސައްކަތްތައް އަމިއްލަފުޅަށް ބައްލަވާލައްވާ، ޕްރޮޖެކްޓް ލަސްވާ ސަބުތައް ދެނެގަތެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަސައްކަތްތައް ވަރަށް ބޮޑަށް ފަހަތަށް ގޮސްފައިވާ މި މަސައްކަތަކުގެ ސްޕީޑް އަވަސްކުރައްވާ ރައްޔިތުން ބޭނުންވާ ސްޕީޑްގައި މި ޕްރޮޖެކްޓްތައް މިހާރު ކުރިއަށްދާތަން ދަނީ ފެންނަމުންނެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ ދެ ދާއިރާއަކީ ބޯހިޔާވަހިކަމާ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރެއްވުމެވެ.

މާލެ ސަރަޙައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު، "ރަސްމާލެ" ތަރައްޤީކުރުމަށް ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ސަރުކާރާ ހަވާލުވެވަޑައިގެން ދެވަނަ މަހު ވަނީ ފައްޓަވާފައެވެ. ހަމައެކަނި މި މަޝްރޫޢުގައި ގޯއްޗާ ފްލެޓް ހިމެނޭހެން 35000އަށްވުރެ ގިނަ ބޯހިޔާވަހިކަން ހިމެނެއެވެ. ޕްރޮޖެކްޓަށް ބޭނުންވާ 1153 ހެކްޓަރުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި ނިމުނު ސަރުކާރުގައި ގޯތި ދޭނެކަމަށް ކަނޑައެޅި ގުޅިފަޅު އަދި ގިރާވަރުފަޅުގެ މަޝްރޫޢުވެސް ނުނިންމާއޮތުގެ ސަބަބުން އެ މަސައްކަތައްވެސް މި ސަރުކާރުގެ ބެއްލެވުމުގެދަށުން ވަނީ ހަލުވިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ތަރައްޤީކުރަން ނިންމާފައިވާ 12 އެއަރޕޯޓް އިޢުލާންކުރައްވާ ޤަރާރެއް ނެރުއްވާފައެވެ. އަދި މިހާތަނަށް މީގެތެރެއިން ޑޮމެސްޓިކް 6 އެއަރޕޯޓެއް ތަރައްޤީކުރުމާއި، 3 ބައިނަލްއަޤްވާމީ އެއަރޕޯޓާ ގުޅޭ ޕްރޮޖެކްޓްގެ މަސައްކަތް އެކި މަރުޚާލާތަކުގައި ވަނީ ފައްޓަވާފައެވެ.

ލ.ކައްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރެއްވުމަށް ޗައިނާގެ ކުންފުންޏަކާ ވަނީ ހަވާލުކުރައްވާފައެވެ. މީގެއިތުރުން މުޅިން އަލަށް ތަރައްޤީކުރާ ބައިނަލްއަޤްވާމީ އެއަރޕޯޓްތަކުގެ ގޮތުގައި ގދ.ތިނަދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ތައިލެންޑްގެ ކުންފުންޏަކާ އަދި ގއ. ވިލިނގިލީގައި އިންޓެނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކުރުމަށް ބެލްޖިއަމްގެ ކުންފުންޏަކާއެކު ވަނީ އެއްބަސްވުން ޤާއިމުކޮށްފައެވެ. މި ޕްރޮޖެކްޓްތަކުގެ ސަރވޭއާއި ފީސިބިލިޓީ ސްޓަޑީތައް ހެދުން މިހާރު ދަނީ ކުރިއަށްދެއެވެ.

އައްޑޫ ސިޓީގެ ރައްޔިތުން އެންމެ ދިގު އިންތިޒާރެއް ކުރަމުންއައި އައްޑޫ ބްރިޖް މަޝްރޫޢު ހަޤީގަތަކަށް ހެއްދެވުމުގެ މަސައްކަތްވެސް ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. ހިތަދޫ-ހުޅުމީދޫ ބްރިޖްގެ ސަރވޭއާއި ޑިޒައިން މަސައްކަތްތައް މިސްރުގެ ކުންފުންޏަކާ ހަވާލުކޮށް، އޭގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށެވެ.

އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި ގުޅުންހުރި ބޮޑެތި މަސައްކަތަކެއްވެސް މިހާރު ވަނީ ފައްޓާފައެވެ. އެގޮތުން މުޅި ރާއްޖެއަށް ބެހިގެންދާ އެއް މަސައްކަތަކީ އިކޮނޮމިކް ޒޯންތަކާއި ބަންކަރިން ފެސިލިޓީތަކެވެ.

އެގޮތުން އިހަވަންދިއްޕޮޅު ބަންކަރިން ޕްރޮޖެކްޓްގެ ޓަރމްޝީޓްގައި ބޭރުގެ ކުންފުންނަކާއެކު ސޮއިކޮށްފައިވާއިރު، ލ.އަތޮޅުގައި މެރިޓައިމް ހަބަކާއެކު ބަންކަރިން ފެސިލިޓީގެ ޚިދުމަތް ފެށުމަށް ޗައިނާގެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. މ ޕްރޮޖެކްޓްތަކުގައި ކްރޫޒް ޓަރމިނަލްތަކާ ޓުއަރިޒަމް ކޮމްޕޮނެންޓްތައްވެސް ހިމެނެއެވެ. މީގެސަބަބުން ރާއްޖެއަށް ބޭރުފައިސާއާއި ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ބޮޑުތަނުން އިތުރުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ސަރުކާރުން ވަނީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅުގައި ތަރައްޤީކުރުމަށް މިދިޔަ ސަރުކާރުގައި ނިންމި ނިންމުން ބަދަލުކޮށް، އެ ޕްރޮޖެކްޓް ގުޅިފަޅަށް ބަދަލުކޮށްފައެވެ. މި މަޝްރޫޢުއަކީވެސް މީގެ އެތަށް ސަރުކާރެއްގައި ކުރަންބުނި މަސައްކަތެއްނަމަވެސް މިހާތަނަށްވެސް ޢަމަލީ އެއްވެސް ސިފައެއް ޖެހިފައިވާ މަސައްކަތެއް ނޫންނެވެ.

މީގެއިތުރުންވެސް ތަޢުލީމީ ދާއިރާ، ސިއްޙީ، ކުޅުވަރު ފަދަ ދާއިރާތަކުގެ ތަރައްޤީއަށް ބޭނުންވާ މަސައްކަތްތައް ރޭވުމާއި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ވަނީ ފައްޓަވާފައެވެ.

ސަރުކާރުގެ ޢަމާޒަކީ 5 އަހަރުގެ ދަޢުރު ނިމޭއިރު، އާ ސަރުކާރުގެ ތަސައްވުރާ އެއްގޮތަށް ގިނަ ޕްރޮޖެކްޓްތައް ހިންގާ އޭގެ ޚިދުމަތާ މަންފާ ރައްޔިތުންނަށް ލިބުމެވެ. މަޑުޖެހިފައިވާ ހުރި ތަރައްޤީގެ މަސައްކަތް އަލުން ފަށައި، ތަރައްޤީގެ ދުވެލި މެކުހަށް ޖެހުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަންދެއްވާ މަސައްކަތްކަން މިވީ 6 މަސްދުވަހުގެ ތެރޭގައި ދިވެހިންނަށް ސާބިތުކޮށްދެއްވައިފިކަމާމެދު ޝައްކެއް ނެތެވެ.