އޮލިމްޕިކްް ގޭމްސްއިން ވައިލްޑް ކާޑު ފުރުސަތު ލިބެމުން އައި އައުމަށް ބަދަލެއް ގެނެސް، އައު މިސްރާބަކަށް ދިވެހި ކުޅިވަރު ގެނެސްދިނީ ޓޭބަލް ޓެނިސް ތަރީ ފާތިމަތު ދީމާ އަލީ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު އަބަދުލް ސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ.
އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ދީމާ ހޯދުމުން، އެކަމުގެ ޝަރަފުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސައްތާރު ވިދާޅުވީ އޮލިމްޕިކްސްއަށް ކޮލިފައިވުމަކީ ދިވެހި އެތުލީޓަކަށް ނުވާނެ ކަމެއް ކަމަށް މީގެ ކުރިން ހީކުރެވުނު ނަމަވެސް، އެއީ ވާނެ ކަމެއްކަން ދީމާ މިއަދު ސާބިތުކޮށްދީފައިވާ ކަމަށެވެ.
ސައްތާރު ވިދާޅުވީ ދިވެހި ކުޅިވަރުގައި ދެން އޮތީ އައު ހަރުފަތަކަށް މަސައްކަތްކުރުން ކަމަށާއި، އެކަން ހާސިލުކުރެވިއްޖެނަމަ، އެއްވުރެ ބޮޑު ކާމިޔާބީއެއް އޮލިމްޕިކްސްއިން ލިބިދާނެ ކަމަށެވެ. އެދި އެ ދުވަސް ފެންނަން އުއްމީދުކުރާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ހީކުރިން މި އޮލިމްޕިކްސްގައި މިއީ އަޅުގަނޑުމެންނަށް އަތުނުވާނެ އެއްޗެއް ކަމަށްވެސް. އެހެން ނަމަވެސް މިއަދު މި އޮތީ ދީމާ، މިއީ ކުރެވޭނެ ކަމެއް ކަމަށް، ވާނެ ކަމެއް ކަމަށް ދައްކުވައިދީފައި. ދީމާއަށް އަޅުގަނޑުމެންގެ ފަރާތުން ވަރަށް ބޮޑު ޝުކުރެއް.މުޙައްމަދު އަބަދުލް ސައްތާރު (ޗަމްޕީ) - އެމްއޯސީގެ ރައީސް
ސައްތާރު ވިދާޅުވީ އޮލިމްޕިކްްސްއިން ވައިލްޑް ކާޑުގެ ފުރުސަތު ލިބެމުން އައި އައުމަށް ބަދަލެއް ގެނެސް، އައު މިސްރާބަކަށް ކުޅިވަރު ގެނެސްދިނީ ދީމާ ކަމަށާއި، މި އަހަރަކީ ރާއްޖޭގެ ކުޅިވަރު ތާރީޚުގައިވެސް އެންމެ ގިނަ ކުޅިވަރުތަކުން އޮލިމްޕިކްސްގައި ރާއްޖެ ވާދަކުރާނެ ފަހަރު ކަމަށެވެ. އަދި މަސައްކަތް ކުރަންޖެހޭ ގޮތަށް އެކަން ކުރެވިއްޖެ ކަމަށްވާނަމަ، ކުޅިވަރުގައި ކުރިއަށްދެވޭނެކަން ދީމާ ސާބިތުކޮށްދީފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
"އެބަޖެހޭ އެއަށް އެހެން އެސޯސިއޭޝަންތަކުންވެސް މަސައްކަތްތަކެއް ކުރަން. ބުރަ މަސައްކަތް، އެކަން ކޮށްފިއްޔާ ހާސިލުވާނެ. މި ބޭނުންވަނީ މިހާރަށް ވުރެ ގިނަ އެތުލީޓުންތަކެއް މި ހަރުފަތް ގިރާކޮށްދިނުން.މުޙައްމަދު އަބަދުލް ސައްތާރު (ޗަމްޕީ) - އެމްއޯސީގެ ރައީސް
ކޮލިފިކޭޝަން ކުޅެ ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވިއިރު، މީގެ ކުރިން ރާއްޖޭގެ ކުޅުންތެރިން އޮލިމްޕިކްސްގައި ވާދަކުރަނީ ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ލިބޭ އިންވިޓޭޝަނަލް (ޓްރައިޕާޓައިޓް) ގެ ފުރުސަތުގައެވެ. އެގޮތުން ރާއްޖެއަށް 2012 އާ ހަމައަށް ފެތުމާއި، އެތުލެޓިކްސްއިން ވަނީ ފުރުސަތު ލިބިފައެވެ. އޭގެ ފަހުން 2012 ވަނަ އަހަރާއި 2020 އަދި މި ފަހަރުގެ އޮލިމްޕިކްސްއިން، ފެތުމާއި، އެތުލެޓިކްސް އަދި ބެޑްމިންޓަނަށްވެސް ފުރުސަތު ވަނީ ލިބިފައެެވެ.