ކުޅިވަރު

އޮލިމްޕިކްސްއަަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތުލީޓް ދީމާ މާލެ އައުމުން ހޫނު މަރުހަބާއެއް


އަންނަ ޖުލައި މަހު ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސްއަށް ކޮލިފައިވި ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ، އެނބުރި މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ނޭޕާލުގައި ކުރިއަށްދިޔަ ކޮލިފިކޭޝަންގެ ޗެމްޕިއަންކަން ހޯދައި ދީމާ މި ވަނީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުން ޖާގަ ހޯދާފައެވެ. އެގޮތުން އުމުރުން 16 އަހަރުގެ ދީމާ އަކީ ކޮލިފައިންގައި ކުޅެ، އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ދީމާ ފޭބުމާއެކު މަރުހަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، އެ ވުޒާރާގެ އިސްވެރިންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙަމަދު އަބްދުލް ސައްތާރު (ޗަމްޕީ) އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިންނެވެ. ދީމާ މާލެ އައުމާއެކު ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ޒުވާނުން މަރުކަޒުގެ އެތެރޭ ހޯލުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓީޓީ އެސޯސިއޭޝިއަނުގެ ރައީސް އަލީ ރަޝީދު ވިދާޅުވީ މިއަދު މި ފާހަގަކުރަނީ ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ދިޔަ ދުވަސް ކަމަށެވެ. މި ކާމިޔާބީ ހާސިލުކުރެވުނީ 10 އަހަރު ދީމާއަށް ވަކި ޚާއްސަ ފޯކަސްއެއް ކޮށްގެން ކުރެވުނު މައްސައްކަތުންކަން ފާހަގަކުރައްވަމުން އަލީ ވިދާޅުވީ ސަރުކާރާއި، ދިމާ ތަމްރީނު ހޯދި ގައުމުތަކުން މި ކާމިޔާބީގައި ހިއްސާ ބޮޑު ކަމަށެވެ. އަދި މި ފުރުސަތު ފަހިވުމަށް އެހީތެރިކަން ފޯރުކޮއްދެއްވި ހުރިހާ ފަރާތްތަކަށް އަލީ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ކޮލިފިކޭޝަން ކުޅެ ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވިއިރު، މީގެ ކުރިން ރާއްޖޭގެ ކުޅުންތެރިން އޮލިމްޕިކްސްގައި ވާދަކުރަނީ ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ލިބޭ އިންވިޓޭޝަނަލް (ޓްރައިޕާޓައިޓް) ގެ ފުރުސަތުގައެވެ. އެ ގޮތުން 1988 ވަނަ އަހަރުން ފެށިގެން އެތުލެޓިކްސް އާއި، ފެތުން އަދި ބެޑްމިންޓަނުން ރާއްޖެއަށް ލިބޭ އިންވިޓޭޝަނަލް ފުރުސަތުތަކުގައި، އެތުލީޓުން ވަނީ ވާދަކޮށްފައެވެ.