ޚަބަރު

ކުޅުދުއްފުށްޓާއި އައްޑޫގައި ބްލަޑް ބޭންކް މިއަހަރު ޤާއިމްކުރަނީ


  • ރާއްޖޭގެ 5 ސަރަހައްދެއްގައި ފުލް ފްލެޖްޑް ބްލަޑް ބޭންކު ޤާއިމްކުރެވޭނެ

  • 5 ހޮސްޕިޓަލެއް ރިވިއުކޮށް މަޢުލޫމާތު އެއްކޮށްފައިވޭ

ލެއާ ގުޅޭ ހުރިހާ ޚިދުމަތްތައް ހިމެނޭހެން "ފުލް ފްލެޖްޑް" ބްލަޑް ބޭންކު ކުޅުދުއްފުށްޓާއި އައްޑޫގައި މިއަހަރު ޤާއިމްކުރެވޭނެ ކަމަށް ޞިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޞިއްޙީ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޚަލީލް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ 5 ސަރަހައްދެއްގައި ބްލަޑް ބޭންކުތައް އެބަހުރި ކަމަށެވެ. ނަމަވެސް އެތަންތަން ހުރީ އެންމެ އެކަށީގެންވާގޮތުގައި ލޭ ރައްކާކުރެވޭފަދަ ގޮތުގައި ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފުލް ފްލެޖްޑް ބްލަޑް ބޭންކެއް އަތޮޅުތަކުގެ އެއްވެސް ސަރަޙައްދެއްގައި އަދި ނެތް ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ 5 ސަރަޙައްދެއްގައި ލޭއާ ގުޅޭ ހުރިހާ ޚިދުމަތެއް ހިމެނޭހެން ބްލަޑް ބޭންކުތައް ޤާއިމްކުރަން ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިގޮތުން ބްލަޑް ބޭންކުތައް ޤާއިމްކުރުމަށް ރާއްޖޭގެ 5 ސަރަހައްދެއްގައި ހުރި ހޮސްޕިޓަލުތައް ރިވިއުކޮށް މަޢުލޫމާތު އެއްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިއަހަރުގެ ތެރޭގައި ކުޅުދުއްފުށި ސިޓީއާއި އައްޑޫ ސިޓީގައި ފުލް ފްލެޖްޑް ބްލަޑް ބޭންކު ޤާއިމްކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އުނގޫފާރު ހޮސްޕިޓަލުން އަޅުގަނޑުމެންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައި. ބާކީ 4 ހޮސްޕިޓަލަށް އަޅުގަނޑުމެންގެ ޓީމުތައް ގޮސް ހާލަތު ދެނެގަނެ މަޢުލޫމާތު ވަނީ އެއްކޮށްފައި." ވަޒީރު ވިދާޅުވިއެވެ.

ފުލް ފްލެޖްޑް ބްލަޑް ބޭންކަކީ ލެއާ ގުޅުންހުރި ހުރިހާ ޚިދުމަތެއް ހިމެނޭ ލޭގެ ލެބޯޓަރީއެކެވެ. މިފަދަ ލެބޯޓަރީތަކުގައި ލޭ ރައްކާކުރުމުގެ އިތުރަށް ލޭ ޓެސްޓްކޮށް، ޕްރޮސަސްކޮށް، ތަފާތު ބާވަތްތަކުގެ ލޭ ވަކިކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.