ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ނިމިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ ހުޅުލެއަށްކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށްފައިވާއިރު، އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުލެއަށެވެ. ހުޅުލެއަށް ވަނީ 63.7 މިލިމީޓަރުގެ ވާރޭވެހިފައެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނީ އދ. މާމިގިއްޔަށެވެ. އެ ރަށަށް ވަނީ 50.8 މިލިމީޓަރުގެ ވާރޭވެހިފައެވެ. 3 ވަނައަށް އެންމެ ގިނައިން ވާރޭވެހުނީ ލ.މާވަށަށެވެ. އެރަށަށް 40.6 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު، އުތުރުގެ ރަށްތަކަށްވުރެ ބޮޑަށް މެދު ރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް ވާރޭވެހިފައިވާ ނިސްބަތް ވަނީ އިތުރުވެފައެވެ.
ނިިމިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށްފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ގެންދަވަނީ އެލާޓްތައް ނެރެމުންނެވެ. އަދި ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.