ތިމާވެށި

ކުނި މެނޭޖްކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި


ތިލަފުށީގައި ކުނި މެނޭޖްކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި، އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ރައީސްގެ މިދަތުރުފުޅުގައި އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ އާދަމް އާޒިމްއާއި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދުގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީގެ ވޭސްޓް މެނެޖްމަންޓް ޑިޕާޓްމެންޓެގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޒިޔާރަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ތިލަފުށީގައި ސަރުކާރުން ހިންގާ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިއަށްދާގޮތް ސައިޓުތަކަށް ވަޑައިގެން ބައްލަވާލައްވާފައެވެ. އަދި މި ޕްރޮޖެކްޓުގެ މަސައްކަތްކުރިއަށްދާގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މާލޭ ސަރަޙައްދުގެ ކުނި މެނޭޖުކުރުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމަށް ސަރުކާރުން ހިންގާ "ގްރޭޓަރ މާލޭ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ސަރުކާރުން ރަސްމީކޮށް ލޯންޗުކޮށްފައިވަނީ 15 ޑިސެމްބަރު 2021 ގައެވެ. މިއީ ކުނި މެނޭޖްކުރުމުގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ހިންގޭނެ އެންމެ ބިޔަ އެއް މަޝްރޫޢެވެ.

ދެ ފިޔަވަށްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޤާއިމުކުރުމަށް ނިންމާފައިވާ އިންފްރާސްޓްރަކްޗަރގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.

އެގޮތުން ތިލަފުށީގައި އައު ބަނދަރެއް ހަދާ، ކުނި ގެނެސް ބާލާނެ ވަކި ސަރަޙައްދެއްވަނީ ތަރައްޤީކޮށްފައެވެ. އަދި ތިލަފުއްޓަށް ކުނި ގެނެސް, ކިރައި, ބައިބައި ވަކިކޮށް, ޝްރެޑް ކުރުމަށްފަހު އިންސިނެރޭޓް ކުރުމަށް ބޭނުންވާ ވަޞީލަތްތައް ދަނީ ޤާއިމުކުރަމުންނެވެ. މި މަޝްރޫޢުގެ ތެރެއިން ތިލަފުށީގައި ހުރި 30 އަހަރުވީ ބޮޑު ކުނި ފަރުބަދައިން އަރަމުންދިޔަ ކަޅު ބޯ ދުންގަނޑު އެރުން އެއްކޮށް ހުއްޓުވާފައިވެއެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގައި ގްރޭޓަރ މާލޭ ސަރަޙައްދާއި، ކ، އއ، އދ އަދި ވ އަތޮޅުގެ ހުރިހާ ރަށެއްގައި ކުނި ކޮށި ޤާއިމުކޮށް މަރާމާތު ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުމަށް ބޭނުންވާ އުޅަނދާއި އިކުއިޕްމަންޓް ރަށްރަށް ފޯރުކޮށްދެވޭނެއެވެ.

މީގެ އިތުރުރުން މި މަޝްރޫޢުގެ ދަށުން މާލެއާއި، ވިލިމާލެ އަދި ހުޅުމަލޭގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޤާއިމުކުރެވިގެންދާނެއެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތަކީ ކުނިން ހަކަތައް އުފެއްދުމަށް ވޭސްޓު އެނާރޖީ ޕްލާންޓް ޤާއިމުކުރުމެވެ.

ވޭސްޓު އެނާރޖީ ޕްލާންޓު ޤާއިމުކުރުމަށް ސްޕެއިންގެ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ އުރްބާސާއާއެކު ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޓް ކޮންޓްރެކްޓެއްގައި ވަނީ ސޮއިކޮށްފައެވެ. މި ޕްލާންޓު ޤާއިމުވުމުން ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކޮށް، 8 މެގަވޮޓާއި، 8.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެއެވެ. އަދި ތިލަފުށީގެ މަސައްކަތްތަކަށާއި، ގްރޭޓަރ މާލޭގެ ކަރަންޓުގެ މައި ވިއުގަ ތެރެއިން މި ކަރަންޓު ބޭނުންކުރެވޭނެއެވެ.

މުޅި މި މަޝްރޫޢު ޑިޒައިންކޮށްފައިވާގޮތަށް ބަލާއިރު، ކުންޏަކީވެސް އޭގެ ނަފާ ހޯދާ، އިޤްތިޞާދީ މަންފާ ހޯދޭނެ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒުވެސް ޙާޞިލުވެގެންދާނެއެވެ. އެގޮތުން ކޮންސްޓްރަކްޝަން ވޭސްޓާއި، ޕްލާސްޓިކް ކުނި ރިސައިކަލްކޮށް އަލުން ބޭނުންކުރެވޭނެއެވެ. އަދި އިންސިނަރޭޓަރުން ކުނި އެންދުމަށްފަހު ބާކީވާ، ބޮޓޮމް އޭޝް ނުވަތަ އަޅިތައް، މަގު ހެދުމާ، ގާއެޅުން ފަދަގެ މަޝްރޫޢުތަކުގައި ބޭނުންކުރެވޭނެއެވެ.

މި މަސައްކަތް 2023 ވަނަ އަހަރު ނިމިގެންދާއިރު، ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތަ ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.