ޚަބަރު

"ސަޢުދީއާއެކު އޮތީ ޑިޕްލޮމެޓިކް ގުޅުމަކަށްވުރެ މާ ވަރުގަދަ ގުޅުމެއް"


  • ސަޢުދީން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް އަލިއަޅުއްވާލެއްވި

  • ތަރައްޤީގެ ރޮނގުން ސަޢޫދީން ހޯދަމުންދާ ކުރިއެރުންތަކަށް ތަޢުރީފްކުރެއްވި

ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮތީ ޑިޕްލޮމެޓިކް ގުޅުމަކަށްވުރެ މާ ވަރުގަދަ ގުޅުމެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސަޢޫދި އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެ އާއި ސަޢުދީގެ ގުޅުން ބަދަހިވަނީ، ދެ ޤައުމުން ގެންގުޅޭ ދީނީ ހަމަތަކާއި، އެއްގޮތް ޤަބޫލުކުރުންތަކުގެ ސަބަބުންކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތީ އުޚުވަތްތެރި ގުޅުމެއްކަމަށް އެ މަނިކުފާނު ސިފަކުރެއްވިއެވެ. މީގެއިތުރުން، ސަޤާފީގޮތުން ރާއްޖެ އާއި ސަޢުދީއަކީ އެއްގޮތް ދެ ޤައުމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މެހެމާންދާރީގެ ރިވެތި މިސާލަކީ ދެ ޤައުމާއި ގުޅިފައިވާ ސިފައެއްކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތީ އިޚުލާސްތެރި ގާތް ގުޅުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފަދަ އެއްގޮތްކަންކަމުގެ ސަބަބުން ރާއްޖެ އާއި ސަޢުދީގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ސަޢުދީ ޢަރަބިއްޔާގެ އުސޫލުތަކާއި، ސިޔާސަތުތަކަށް ތަޢުރީފުކުރައްވާފައެވެ. ރައީސް ވިދާޅުވީ ގައުމެއްގެ ސިފަތައް ބަޔާންކޮށްދީ، އެ ގައުމެއްގެ ކުރިމަގުގެ މިސްރާބަށް މާނަ ގެނެސްދޭ އަގުހުރި އުސޫލުތަކުގެ ސަބަބުންކަމަށާއި، ސަޢުދީގެ ކިބައިން ފެންނަނީ އެފަދަ އަގުހުރި އުސޫލުތަކެއްކަމަށެވެ.

"ސަޢުދީން ދައްކައިދެނީ، ކެރުމާއި، ދުރުވިސްނުމާއި، ދީލަތިކަމުގެ އިތުރުން މެހެމާންދާރީ އަދި އަސްލުވަންތަކަން." ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީގޮތުން ސަޢުދީ ޢަރަބިއްޔާއިން އަދާކުރަނީ ވަރަށް މުހިންމު ދައުރެއްކަމަށާ، ކުރިއެރުމާއި ތަރައްޤީއާއި ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން ޤާއިމްވެފައި އޮތުމުގެ މުހިންމުކަން އެ ޤައުމުން ދައްކުވައިދީފައިވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އެ ޤައުމުންވަނީ މުހިންމު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައި. އޭގެ ތެރޭގައި ދަތުރުފަތުރާއި، ގެދޮރުވެރިކަމާއި، ސިއްޙީ ދާއިރާ އާއި، މަސްވެރިކަމުގެ ދާއިރާ ހިމެނޭ. ސުނާމީއަށް ފަހު ރާޢްޖެ އަލުން ތަރައްޤީކުރުމަށް ނުހަނު މުހިންމު އެހީތެރިކަމެއް އެ ޤައުމުން ވަނީ ފޯރުކޮށްދީފައި" ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ޗާޓަރުގައި ސޮއިކުރުމަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއްކަމަށެވެ. ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމަކަށްވެފައި، ރާއްޖޭގެ ތަނަވަސްކަމާއި ސަލާމަތްތެރިކަން ކަނޑުތަކާ ގުޅިލާމެހިފައިވާތީ، ކަނޑުދަތުރުފަތުރުގެ މަގުތަކުގެ ރައްކާތެރިކަމަށް ރާއްޖެއިން ނުހަނު ބޮޑު އިސްކަމެއް ދެއްވާކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.އެހެންކަމުން، ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށާއި، ކަނޑުގެ ސަލާމަތްތެރިކަން ވަރުގަދަކޮށް ސަރަހައްދީ ހަމަޖެހުމަށް މަސައްކަތްކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް އުއްމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ

"މީގެ އިތުރުން، ރިޔާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޕޯ 2030 ގައި ބައިވެރިވުމަކީ ވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖެ އާއި ސަޢުދީގެ ގުޅުމުގެ މުހިންމުކަން ދައްކުވައިދޭ އެހެން ބައެއްކަންކަމަށް ވެސް ރައީސް އަލިއަޅުވާލެއްވިއެވެ. އެގޮތުން، "މައްކާ ރޫޓް އިނީޝިއޭޓިވް"ގެ ސަބަބުން، ހައްޖާއި އުމްރާގެ އަޅުކަން އަދާކުރާ ދިވެހި ހައްޖާޖީންގެ މާތް ދަތުރު ވަނީ ފަސޭހަވެފައިވާކަމަށް ރައީސް ވިދާޅުވިއވެެ. އަދި ރާއްޖޭގައި ޤާއިމްކޮށްފައިވާ، ކިންގް ސަލްމާން މިސްކިތަކީ ސައުދީ އަރަބިއްޔާގެ ދީލަތިކަމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ދީނީ އަދި އެކުވެރިކަމުގެ ބަދަހި ގުޅުން ރަމްޒުކޮށްދޭ ދެމިގެންދާނެ ބިނާއެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ސައުދީ އަރަބިއްޔާގެ ގައުމީ ދުވަސް ފާހަގަކުރަނީ "އަޅުގަނޑުމެންގެ ފަޚުރަކީ އަޅުގަނޑުމެންގެ ތަބީއަތް" މި ޝިއާރުގެ ދަށުންނެވެ. އެ ޝިޢާރަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، މިއީ ހަމައެކަނި ގައުމީ ވަންތަކަން ބަޔާންކޮށްދޭ ޝިއާރެއް ނޫންކަމަށެވެ. މިއީ ގައުމެއްގެ ސިފަތައް ކަނޑައަޅައިދީ، އެ ގައުމެއްގެ ކުރިމަގަށް މާނަ ގެނެސްދޭ އަގުހުރި އުސޫލުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.