ޚަބަރު

ކިހާދޫ ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހަށް ނިންމަނީ


ބ.އަތޮޅު ކިހާދޫ ބަނދަރު އަންނަ އަހަރުގެ މާރޗްމަހަށް ނިންމާލެވޭނެ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ، އެމްޓީ ހޯގާޑުން ބުނެފިއެވެ.

ކިހާދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން ބަނދަރުގެ ބޭރު ތޮށީގައި ހިލަ ޖެހުމުގެ މަސައްކަތާއި އެއްގަމު ތޮށިލުމަށް ބޭނުންވާ ބްލޮކްތައް އެތުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އެބަނދަރުގައި މިހާރު ކުރަމުންދަނީ އެއްގަމު ތޮށިލުމުގެ މަސައްކަތުގެ އިތުރުން އަތުރާފައި ހުރި ބައެއް ގައުތައް ލެވެލް ކުރުމުގެ މަސައްކަތް ކަމަށް އެމްޓީ ހޯގާޑުން މައުލޫމާތުދެއެވެ. އަދި ކެބިން ބީމް އެޅުމުގެ މަސައްކަތް ފެށި ނަމަވެސް މަސައްކަތަށް ބޭނުންވާ ސިމެންތި ނުލިބުމުގެ ސަބަބުން މިމަސައްކަތް މިވަގުތައް އޮތީ މަޑުޖެހިފައި ކަމަށްވެސް އެމްޓީހޯގާޑުން ބުނެއެވެ. އަދި ބަނދަރަށް ވަދެ ނުކުމެ ހެދުމަށް ހަދާ ނެރު ފުންކޮށް ބައްތިޖަހާ ފަޅުގެ ފުންމިން ލެވަލްކޮށް ބަނދަރު ހިމެނޭ ސަރަހައްދުގައި ދުވާރު ހެދުމުގެ މަސަކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެމްޓީ ހޯގާޑުން ބުނެއެވެ.

ކިހާދޫ ބަނދަރަކީ 700 ފޫޓް ދިގު 235 ފޫޓް ފުޅާ ބަނދަރެކެވެ. މިބަނދަރުގެ ތިން ބައިކުޅަ ދެބައިގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެބައިގެ ބޭނުން ކިހާދޫ ރައްޔިތުން ކުރަމުން އަންނަ ކަމަށް އެރަށު ކައުންސިލުން މަޢުލޫމާތުދެއެވެ. އެގޮތުން ބަނދަރުގައި ނިމިފައި އޮތް ސަރަހައްދުގައި ރައްޔިތުން އަންނަނީ އޮޑި ދޯނިފަހަރު އަޅަމުންނެވެ. މިއީ އިޤްތިސާދީގޮތުން އެރަށަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެރަށު ކައުންސިލްގެ ރައީސް އަޙްމަދު ޝާފިއު ވިދާޅުވިއެވެ.

ކިހާދޫ ބަނދަރުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު ބަނދަރުގެ މަސައްކަތް މާރޗްމަހަށް ނިންމާލެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށްވެސް އެމްޓީ ހޯގާޑުން ބުނެއެވެ.

ކިހާދޫ ބަނދަރުގެ އިތުރުންވެސް ބ.އަތޮޅުގެ ދެރަށެއްގެ ބަނދަރު ހެދުން އެމްޓީ ހޯގާޑާވަނީ ހަވާލުކޮށްފައެވެ. އެއީ ކުޑަރިކިލާއި ދޮންފަނުގެ ބަނދަރު ހެދުމުގެ މަސައްކަތެވެ. މީގެ ތެރެއިން ދޮންފަނު ބަނދަރުގެ މަސައްކަތް އެއްކޮށްހެން ނިމިފައިވާއިރު މިހާރު ބާރު ސްޕީޑެއްގައި ކުރިއަށްދަނީ ކުޑަރިކިލު ބަނދަރު ހެދުމުގެ މަސައްކަތެވެ. މިތިން ރަށުގައި ބަނދަރުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށީ ބަނދަރެއް އޮތްނަމަވެސް އެ ބަނދަރުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތަށް ނުކުރެވޭތީއެވެ.