ޚަބަރު

ހިންމަފުށި ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ފަށައިފި


ހިންމަފުށީ ބަނދަރުގެ އެއްގަމު ތޮށިލުމަށްޓަކައި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަހީގައި ހިމެނޭ މަސައްކަތެކެވެ. 2020 ވަނަ އަހަރު ހަވާލުކުރި މިމަސައްކަތުގެ ދަށުން ބަނދަރު ހިމެނޭ ސަރަހައްދު ފުންކޮށްވެސް ވަނީ ނިންމާލާފައެވެ.

ހިންމަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ މިބަނދަރުގެ ތަރައްޤީކުރަނީ ބަނދަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި އޮތް ހިންމަފުށީ ރައްޔިތުން ބޭނުންވާ ގޮތަށް ފަރުމާކުރެވިގެންކަމަށެވެ.

ހިންމަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ހިމެނޭ ސަރަހައްދުން 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއް ވަނީ ފުންކޮށް ނިންމާފައެވެ. މިހާރު ކުރަމުންދަނީ އެއްގަމު ތޮށިލުމަށް ބޭނުން ކުރާ ކޮންކްރީޓް ބޮލޮކްތައް އެޅުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން 38 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިން ރިވެޓްމަންޓް ޖެހުމާ 172 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލާ ނެރު ބައްތި ހަރުކުުރުމަށްވަނީ ހަމަޖެހިފައެވެ.

އެއްހާހެއްހާ މީހުން ދިރިއުޅޭ ހިންމަފުށީ ކައުންސިލްގެ ނާއިބު ރައީސް ސުޒައިން ހަލީލް ވިދާޅުވީ ބަނދަރުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށެވެ. ހިންމަފުއްޓަކީ ބައިނަލްއަޤުވާމީ ފެންވަރުގެ 4 މަސް ފެކްޓްރީ ހިންގަމުން އަންނަ ރަށަކަށްވުމުން އެރަށަށް ގިނަ އަދަދެއްގެ މަސްދޯނިފަހަރު ބަނދަރަށް ވަދެނިކުމެ ހަދާއިރު ނެރުގެ ޖާގަ ހަނިވުމާ ބަނދަރުގައި އެކަށީގެންވާވަރަށް ޖާގަނެތުމަކީ އޭރުއޮތް ބޮޑު ކަންބޮޑުވުމެއްކަން އޭނާ ފާހަގަކުރިއެވެ. އާ ބަނދަރާއެކީ މިހުރިހާ ކަމަކަށް ހައްލު ލިބި ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް ހިންމަފުށި ކައުންސިލްގެ ނާއިބު ރައީސް ސުޒައިން ހަލީލް ވިދާޅުވިއެވެ. އަދި ލޯކަލް ޓުރިޒަމްގެ ވިޔަފާރި ފުޅާވެފައި އޮތް ހިންމަފުށީގައި ބަނދަރުގެ ޖާގަ ކުޑަވުމުން ދިމާވާ ކަންކަމަށް ހައްލު ލިބޭނެ ކަމަށް އެރަށު ރައްޔިތުން އުންމީދުކުރެއެވެ.

ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އެކި ރަށްރަށުގައި ބަނދަރު ހެދުމާއި ހަލާކުވެ ބޭނުން ނުކުރެވޭރުވެފައި ހުރި ބަނދަރުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ
ހިންމަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 25.88 މިލިއަން ރުފިޔާއަށެވެ.