ކޯވިޑް-19

ރާއްޖެއިން އިތުރު 93 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 93 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ރާއްޖެއިން އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 93900އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވި 93 މީހުންގެ ތެރެއިން 49 މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 28 މީހުންނެވެ. އަދި ރިސޯޓްތަކުން 16 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 93957 އަށް އަރާފައެވެ.

ކޯވިޑް ޖެހިގެން މިވަގުތު 1972 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 14 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 140 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 91713 މީހަކު ވަނީ ބަލިން ރަނަގޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4540 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖޭން މި ބަލީގައި މިހާތަނަށް 259 މީހަކު ވަނީ ނިޔާވެފައެވެ.

ކޯވިޑްގެ އައު ވޭރިއެންޓެއް އެފްރިކާގެ ޤައުމުތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަތީ ދުނިޔޭގެ އެކި ކަންކޮޅުގައި އަންނަނީ އަނެއްކާވެސް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ރާއްޖެއިންވަނީ އެފްރިކާގެ 7 ޤައުމަކުން މީހުން އެތެރެވުން މަނާކޮށްފައެވެ.