ތިމާވެށި

ތިމާވެށީގެ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުމާއި އަޑު މިހާރަށްވުރެ ގަދަވާންޖެހޭ - ޝައުނާ


ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގައި ޒުވާނުންގެ ބައިވެރިވުމާއި އަޑު، މިހާރަށްވުރެ ގަދަވާންޖެހޭކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، "ޕްރީ-ކޮޕް26 ބަޒް އިވެންޓް"ގެ ނަމުގައި ބޭއްވި ޚާއްސަ ޕެނަލް ޑިސްކަޝަން ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި ޕެނަލް ޑިސްކަޝަނަކީ މިމަހުގެ ފަހުކޮޅު ސުވިޓްޒަލޭންޑްގެ ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މޫސުމާބެހޭ އެންމެ ބޮޑު ކޮންފަރެންސް "ކޮޕް26" ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، ޔޫ.އެން.ޑީ.ޕީ އަދި ޔުނިސެފް ގުޅިގެން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން ބޭއްވި ޕެނަލް ޑިސްކަޝަނެކެވެ. އަދި ކްލައިމެޓް އެކްޝަން ޑައިލޮގްތަކުގައި ޒުވާން ކުދިންނާއި، ޒުވާނުން މިހާރަށްވުރެ ބޮޑަށް ބައިވެރިކޮށް، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ޕްރައިވެޓް ސެކްޓަރއާ ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމަކީވެސް މި ޕެނަލް ޑިސްކަޝަންގެ މަޤްޞަދެކެވެ.

މި ޕެނަލް ޑިސްކަޝަން ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން އެންވަޔަމަރަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅުތައް އެޅުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދޭންޖެހޭކަމަށެވެ. އަދި މިކަމުގައި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑަށް އިތުރުކުރަންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މޫސުމީ ބަދަލުތަކާއި ދެކޮޅަށާއި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމުގައި ބޮޑެތިވަމުން އަންނަ ކުދިންނާއި ޒުވާނުންގެ ދަޢުރު ވަރަށް މުހިއްމު. ނަމަވެސް މިކަމުގައި ޒަމާނީ ހައްލުތަކަކާއި ސިޔާސަތުތަކެއް ބޭނުންވޭ. ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއި އެއްބާރުލުން އެބަބޭނުންވޭ. މާލީ އެހީތެރިކަމާއި އީޖާދީ ވިސްނުންތަކާއި އުފެއްދުންތަކަށް މިހާރަށްވުރެ ފަސޭހައިން ޒުވާނުންނަށް އެކްސެސްވެވެންޖެހޭ" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، މޫސުމީ ބަދަލުތަކާއި، ތިމާވެށީގެ ތަފާތު މައްސަލަތަކުގައި ޒުވާނުންގެ އަޑަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗެއްކަމަށާ، އެއަޑު ޤައުމުތަކުގެ ލީޑަރުންނާއި، ސިޔާސަތުތައް ތަންފީޒުކުރާ ފަރާތްތަކަށް މިހާރަށްވުރެ ބާރަށް އިއްވަންޖެހޭކަމަށެވެ. އަދި މޫސުމީ ކަންކަމާއި ތިމާވެއްޓާއި ގުޅުންހުރި ކަންކަމުގައި ނިންމާ ނިންމުންތަކާއި ތަންފީޒުކުރާ ކަންކަމަކީވެސް ޒުވާނުންގެ ޚިޔާލާ މަޝްވަރާ އެކަމުގައި ހިމެނިގެން ނިންމަންޖެހޭ ކަންކަންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ޒުވާނުންގެ އަޑަކީ މިކަމުގައި އަޅުގަނޑުމެންނަށް ބޭނުންކުރެވޭނެ އެންމެ ވަރުގަދަ ހަތިޔާރު. ޒުވާނުން އެބަ އަޑުއުފުލަންޖެހޭ. އަދި އެއަޑު ސިޔާސީ ވެރިންނާއި، ތަންފީޒީ އިދާރާތަކަށް އިއްވަންޖެހޭ. އެމީހުންނަށް އެބަ ވިސްނައިދޭންޖެހޭ ތިމާވެށީގެ މައްސަލަތަކަކީ މިއީ ސައިންސް ފިކްޝަނެއްނޫންކަން. މިއީ ހަޤީޤަތެއްކަމަށާއި، އަވަސް ހައްލުތަކެއް މިކަމަށް ބޭނުންވާކަން އަންގައިދޭންއެބަޖެހޭ. ކަންކަން ބަދަލުކުރުމުގެ ބާރު ޒުވާނުންނަށް އެބައޮތް" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ޝައުނާގެ ވާހަކަފުޅުގައި ތިމާވެށީގެ އެކިއެކި މައްސަލަތަކުން އަރައިގަތުމުގައި ސަރުކާރުން ޒުވާނުންގެ އަޑު އަހާނެކަމަށާއި، އެމީހުންގެ ޚިޔާލާ ބައިވެރިވުން އެކަންކަމުގައި ހޯދާނެކަމަށް ވިދާޅުވިއެވެ.

"އަވަރ ކްލައިމެޓް، އަވަރ ޕްރެޒެންޓް، އަވަރ ފިއުޗަރ" މި ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ މި ޕެނަލް ޑިސްކަޝަންގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި، އެކަންކަމުން ރައްކާތެރިވުމަށް، އަދި ތިމާވެށި ޚިމާޔަތްކުރުމަށް ހިންގޭ ތަފާތު ހަރަކާތްތައް މިހާރަށްވުރެ ފުޅާކުރުމުގައި ސިޑްސްގެ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރިއެވެ. އަދި ރާއްޖެއާއި ސިޑްސްއަށް ނިސްބަތްވާ ބައެއް އެހެން ޤައުމުތަކުގައިވެސް ތިމާވެށީގެ ކަންކަމަށް ވަކާލާތުކޮށް އަޑުއުފުލާ ޒުވާނުން އެމީހުންގެ ތަޖުރިބާ މި ޕެނަލް ޑިސްކަޝަންގައި ހިއްސާކުރިއެވެ.