މާލެ އަތޮޅު ހިންމަފުށީގައި ތަރައްޤީކުރާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި، ފެސިލިޓިގެ ބިންގާއަަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނާއި، މަސައްކަތް ހަވާލުކުރި އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރެވެ.
އައު ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތް ތަރައްޤީކުރަނީ މީގެ އަހަރުތަކެއް ކުރިން ބޭނުންކުރަން ފެށި ސެންޓަރުގެ އިމާރާތް ހިމެނޭ ބިމުގެ ބައެއްވެސް ހިމެނޭ ގޮތަށެވެ. ރިހިބިލިޓޭޝަން ފެސިލިޓީ އިމާރާތުގެ ބޮަޑުބައި އަޅަން ނިންމާފައި ވަނީ، މިހާރުގެ ރިހިބިލިޓޭޝަން ސެންޓަރ ހުރި އިމާތް ހުރި ހުސް ބިމުގައެވެ.
އަލަށް ހަދާ ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތުގައި ހިންމަފުށީ ރައްޔިތުންނަށް ވެސް ޚިދުމަތް ލިބޭނެހެން އެކުލެވޭ ހެލްތް ފެސިލިޓީއަކާ، ސްކިލް ޑިވެލޮޕްމެންޓް އަދި ކައުންސިލިންގެ ޚިދުމަތް ލިބެން ހުންނާނެއެވެ. އަދި މަސްތުވާތަކެތީގެ ފަރުވާއަށް ބޭނުންވާ ހުރިހާ ޚިދުމަތެެއް ވަށާޖެހޭހެން ލިބެން ހުންނާނެއެވެ.
ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ރާއްޖޭގައި ޑްރަގް ރިހެބިލިޓޭޝަނަށް އެންމެ އެކަށީގެންވާ މަސައްކަތްތަކެއް މީގެކުރިން ކުރެވިފައިނެތްކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ވަބާ ރާއްޖޭގައި ފެތުރިފަައިވާ މިންވަރާއި އަޅާ ބަލާއިރު، ފަރުވާ ދެވެނީ ނިސްބަތުން މަދު ބަޔަކަަަަަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް ރަނގަޅު ފެންވަރުގެ ފަރުވާގެ ފޯރުކޮށްދިނުމަށް މި އިމާރާތުގެ ސަބަބުން މަގުފަހިވާނެކަމަަށް ވަޒީރު ވިދާޅުވިއެވެ. މިއީ އިޖުތިމާޢީގޮތުން ރާއްޖޭގައި އޮތް ބޮޑު މައްސަލައަކަށް ހައްލު ލިބޭނެ މުހިންމު ފިޔަވަޅެއްމަަަށް ވަޒީރު ވިދާޅުވިއެވެ.
"މަސްތުވާތަކެތި ހުއްޓުވުމަަަަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ. މި ވިއުގަ އެކުލަވާލީ ރައީސްގެ ސީދާ އިންސްޓްރަކްޝަނާއެކު. ވަރަށް އަގު ހުރި ވަރަށް ޤައުމީ މަސައްކަތްތަކެއް ބަޔަކު ކުރައްވައިގެން މި ހިސާބަށް މިކަން އައީ." ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
ހިންމަފުށީގައި މިހާރު ހުރި ރިހެބިލިޓޭޝަން ސެންޓަރަކީ މުޅި ރާއްޖެއަށް ބޭނުންތެރި ތަނެއް ކަމަށާއި، ފާއިތުވެ ދިޔަ އަހަރު އެ ސެންޓަރުވެ ޚިދުމަތް ރާއްޖޭގެ އެކި ހިސާބުތަކުގެ މީހުންނަށް ލިބުނު އިރު، ފާއިތުވި ސަރުކާރުތަކުން އެތަނަށް އަޅާނުލެވި ދޫކޮށްމާފައިވާކަމަށްވެސް އިމްތިޔާޒް ވިދާޅުވިއެވެ.
މިހާރު ހުރި ރިހިބިލިޓޭޝަން އިމާރާތަކީ 174 މީހުންނަަަަަށް ފަރުވާދެވޭ ފެސިލިޓީއަކަށް ވީނަމަވެސް، އިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުން މިހާރު އެތަނުގައި ފަރުވާދެވެނީ ގާތްގަނޑަކަށް 80 މީހުންނަށެވެ.
އަލަށް ހަދާ އިމާރާތުގައި 50 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ދެވޭނެކަމަށާއި، އެތަނުގައި 500 މީހުންނަށް ފަރުވާދެވޭ ގޮތަށް ތަރައްޤީކުރާ މި އިމާރާތުގެ މަޝްރޫޢަކީ 5 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢަށް ޚަރަދުކުރަނީ ކުރަނީ އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ.