ސްކޭމްތަކުގައި ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައި ރާއްޖެއިން ހޯދާފައިވަނީ މިފަދަ މައްސަލަތަކުގައި ދުނިޔޭގެ ނިސްބަތުގައި ފާހަގަކޮށްލެވޭ ކުރިއެރުމެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބޭއްވި ނިއުސްކޮންފަރެންސްގައި ވިދާޅުވީ ސްކޭމް މައްސަލަތަކުގައި 53 މީހުން ހައްޔަރުކޮށް، ދައުވާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މިއަހަރުގެ މިހާތަނަށް ސްކޭމްގެ 1584 މައްސަލަ ފުލުހަށް ވަނީ ހުށައަޅާފައެވެ. 1580 ރައްޔިތުން ސްކޭމްގެ ޝިކާރައަކަށް ވެފައިވެއެވެ. އަދި މި ސްކޭމްތަކުގައި ގެއްލުނު ފައިސާގެ އަދަދު 15،067،763.83 (ފަނަރަ މިލިޔަން ފަސްދޮޅަސް ހަތްހާސް ހަތްސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ އަށްޑިހަ ތިން ލާރި) އަށް އަރައެވެ.
މީގެތެރެއިން 6.6 މިލިޔަން ރުފިޔާ އަނބުރާ ހޯދައި އޭގެ ވެރިފަރާތާ ވަނީ ހަވާލުކޮށްފައެވެ. ގެއްލުނު ފައިސާގެ ނިސްބަތުން %44.3 ވަނީ ރިކަވަރކޮށްފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ، ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ރާއްޖޭގައި ކުރެވުނު މަސައްކަތަކީ ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭފަދަ ކުރިއެރުމެއްކަމަށެވެ.
އެންމެ ގިނައިން މިހާރު ހުށައެޅެނީ އިންޓަރނެޓް މެދުވެރިކޮށް ކުރާ މިފަދަ ކުށްތަކެވެ. އޭގެތެރޭގައި ސައިބަރ ސްކޭމް، އަދި އެކި ޚިދުމަތްތަކާއި ވިޔަފާރިތަކުން އޮޅުވާލައިގެން ފައިސާ ހޯދުން ހިމެނެއެވެ.
މިއަހަރުގެ މިހާތަަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އިންޓަނެޓް މެދުވެރިކޮށް ގަނެ ވިއްކުމުގެ މުއާމަލާތާ ގުޅޭ 821 މައްސަލަ، ބޭރު ފައިސާ މާރުކުރުމާ ގުޅޭ 244 މައްސަލަ އާއި ޝަހުސު އޮޅުވާލައިގެން މީހުންގެ ނަންމަތީގައި ފައިސާ ހޯދުމުގެ 213 މައްސަލަ ހިމެނެއެވެ.
އާދަމް ނަވީދް ވިދާޅުވީ، ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުމާ ގުޅޭ ސްކޭމްގެ މައްސަލަތަކެއްވެސް ރިޕޯޓުކުރަން ފަށާފައިވާކަމަށެވެ. ރާއްޖޭގައި މިފަދަ 80 މައްސަލަ މިހާތަނަށް ވަނީ ރިޕޯޓްކޮށްފައެވެ.
"ބުކިން ހައްދާ ފައިސާ ޖަމާކޮށްފައިވާކަމަށް ބުނެ، ފަހުން އެ ކެންސަލްކޮށް ރިފަންޑް ހޯދަން މި އެދެނީ. މީ ރިސޯޓް، ހޮޓެލް، ގެސްޓްހައުސްފަދަ ވިޔަފާރިތަކަށް އަމާޒުކޮށް ހިންގާ ސްކޭމެއް. ވަރަށް މުހިންމު ކުރިން ޖަމާކުރި ފައިސާއެއްތޯ މި ރިފަންޑް ހެދެނީ ބެލުން." އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވިއެވެ.
850 މީހުންނަށް އެމީހުންގެ އަތުން ގެއްލުނު ފައިސާ ހޯދައި ރައްދުކޮށްދީފައިވާއިރު 320 މީހުން އަތުން ގެއްލުނު ފައިސާއިން ބައެއް ހޯދައިވަނީ ރައްދުކޮށްދީފައެވެ.
ނަވީދް ވިދާޅުވީ މިފަދަ މައްސަލަތަކުގައި48 ގަޑިއިރަށް، 2803 އެކައުންޓް ފްރީޒްކޮށްފައިވާކަމަށެވެ. އަދި ކޯޓު އަމުރުގެ ދަށުން އިތުރު މުއްދަތަށް 535 އެކައުންޓް ފްރީޒްކޮށްފައިވާކަމަށެވެ.
"މި މައްސަލަތަކުގައި 53 މީހުން ހައްޔަރުކޮށް ދަޢުވާކުރުމުގެ މަރުހަލާގައި މިހާރު ވަނީ. 25 މައްސަލަ ޕްރޮސިކިއުޓްކުރެވިއްޖެ. 4 މީހަކަށް ދަޢުވާކޮށް ހުކުމް ކޮށްފި. މިފަދަ މައްސަލަތައް އަވަސްކުރުމަށް ދަނީ މަސައްކަތްކުރަމުން." އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވިއެވެ.
ސްކޭމްގެ މައްސަލަތައް އެންމެ ގިނައިން ހުށައަޅާފައިވަނީ މާލެއިންނެވެ. ދެން ހިމެނެނީ އައްޑޫ، ރ.އަތޮޅު އަދި ކުޅުދުއްފުށި ސިޓީއެވެ.