ތަރައްްޤީ

ކިނޮޅަހު ބަނދަރު މައްސަލަ ހައްލުކުރަން އެމްޓީސީސީން އެރަށަށް ދަނީ


ރ. ކިނޮޅަހު ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އަންނަ އާދިއްތަ ދުވަހު އެމް.ޓީ.ސީ.ސީގެ ޓީމެއް އެރަށަށް ދާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ކިނޮޅަހު ބަނދަރަށް ވެލިވަދެ، ނެރު ބެދުމުގެ ސަބަބުން ރަށަށް ލަފާފުރުމުގެ ކަންކަން ހުއްޓިފައިވާތީ، އެކަމުގެ ކަންބޮޑުވުން އެރަށުގެ ރައްޔިތުން ދާދިފަހުން ވަނީ ފާޅުކޮށްފައެވެ.

މިކަމާގުޅޭގޮތުން ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، ކިނޮޅަހު ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް، މަޝްރޫޢުގެ ޑިޒައިން މަސައްކަތް ނިންމާ ހަވާލުކުރާނެ ފަރާތެެއް ހޯދުމަށް ބީލަން ހުށަހެޅުމަށް ފުރަތަމަ ފިނޭންސް މިނިސްޓްރީން ހުޅުވާލީ މިއަހަރުގެ މާރިޗުމަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އިޢުލާންކުރުމުގެ ފަހުން ރަށުގެ ކައުންސިލުން ޑިޒައިނަށް އިތުރު ބަދަލު ގެނައުމަށް އެދުމުން، އެ ބަދަލުތަކާއެކު އަލުން ޑިޒައިން ބަދަލުކުރުމަށްފަހު ބީލަން ހުށަހަޅަން މިދިޔަ ޖުލައިމަހުގެ ތެރޭގައި ހުޅުވާލިކަމަށެވެ.

މި މުއްދަތުގެ ތެރޭގައި ބީލަން ހުށަހެޅި އެއްވެސް ފަރާތަކަށް ބީލަން ކާމިޔާބު ނުކުރެވުނުކަން ފިނޭންސް މިނިސްޓްރީން ޕްލޭނިންގ މިނިސްޓްރީއަށް މިދިޔަމަހުގެ 27 ވަނަ ދުވަހު އެންގުމާ ގުޅިގެން، ބިޑްކުރުމެއްނެތި، ޑައިރެކްޓް އެވޯޑް އުޞޫލުން އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ފްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މިވަގުތު ބަނދަރަށް ވަދެ ނުކުތުމަށް ދިމާވެފައި އޮތް މައްސަލަ ހައްލުކުރުމަށް މިމަހުގެ 10 ވަނަ ދުވަހު އެމް.ޓީ.ސީ.ސީގެ ޓީމެއް އެރަށް ދިއުމަށް ހަމަޖެހިފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ކިނޮޅަހުގައި ބޭނުންކުރަމުންދަނީ 2008 ވަނަ އަހަރު ސަރުކާރުން ތަރައްޤީކޮށްފައިވާ ބަނދަރެކެވެ. ހުޅަނގު މޫސުމާ ދިމާކޮށް ރަށުގެ ބަނދަރަށް ވެލި ވަނުމުގެ މައްސަލަ އެރަށް ދިމާވާތާ އަހަރުތަކެއްވެފައިވާ ކަމަށް ކިނޮޅަހު ރައްޔިތުން ބުނެއެވެ. އަދި އެކަމުގެ ސަބަބުން، ލަފާފުރުމަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހި، ދަނޑުވެރިން އުފައްދާ ތަކެތި ބޭރުކުރުމާއި، ރަށަށް މުދާ ގެނައުމުގައިވެސް ދަތިތަކަކާ ކުރިމަތިލާންޖެހޭކަމަށްވެސް އެރަށުގެ ރައްޔިތުން ބުނެއެވެ.

ދާދިފަހުން މި މައްސަލަ އަނެއްކާވެސް ބޮޑުވެފައިވާތީ، އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކާ އެރަށުގެ ރައްޔިތުން ވަނީ މުޒާހަރާވެސް ކޮށްފައެވެ.