އަންގާރަ ދުވަހުގެ ރޭ ދަންވަރު ހުޅުމާލޭގައި ހިނގި އެކްސިޓެންޑުގައި ހާނިކަވި ދެ މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.
މި އެކްސިޑެންޓުގައި 5 މީހުންނަށް ވަނީ އެކިވަރުގެ ހާނިކަވެފައެވެ. 5 މީހުންނަށްވެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު އޭގެ ތެރެއިން 3 މީހަކަށް ފަރުވާ ދެމުންދަނީ ވޯޑުގައެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:55 ހާއިރުއެވެ. އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި ދެ ސައިކަލެއް ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި 5 މީހުންނަށް ހާނިކަވިއިރު އޭގެ ތެރޭގައި ހިމެނެނީ އެއް ސައިކަލެއްގައި ދަތުރުކުރި 3 މީހުންނާއި އަނެއް ސައިކަލުގައި ތިބި 2 މީހުންނެވެ.
މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލަކީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސައިކަލެއް ކަމަށާއި އެ ސައިކަލަށް 3 މީހުން އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި އެ ސައިކަލު ދުއްވަން އިން މީހާއަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އެކްސިޑެންޓުގައި އަނެއް ސައިކަލުގައި ތިބީ އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރިން ކަމަށް މައުލޫމާތު ލިބެއެވެ. އެ ދެ މީހުންގެ އާއިލާގެ މީހަކު ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވާގޮތުގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނީ އެ ދެ މީހުންނަަށެވެ. އޭގެ ތެރެއިން އެކަކުގެ ސިކުނޑިއަށް ލޭ އެޅިފައިވާކަމަށްވެސް ވަނީ ބުނެފައެވެ.