ރާއްޖެއިން ބޭރުގައި މުޅިން އަލަށް ބައިބަލާ މުބާރާތެއް ބާއްވަން ނިންމައި، މެލޭޝިއާގައި މި މަހު 17 ވަނަ ދުވަހު އެ މުބާރާތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މެލޭޝިއާގައި އުޅޭ ދިވެހިންނަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ހެދި "މޯލްޑިވްސް އެސޯސިއޭޝަން ފޯ ޑިވެލޮޕްމަންޓް އިނީޝިއޭޓިވް (މަޑި) ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދާ މި ބައިބަލާ މުބާރާތަކީ ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން ބާއްވާ މުބާރާތެކެވެ.
މަޑިން ބުނީ ބައިބަލާ މުބާރާތެއް އެ ޖަމިއްޔާއިން މެލޭޝިއާގައި ބޭއްވުމަށް ނިންމީ، މިހާރުވެސް، ފުޓުބޯޅަ، ބާސްކެޓް ކަހަލަ ކުޅިވަރުތަކަކީ ދިވެހިން މެލޭޝިއާގައި ކުޅޭ ކުޅިވަރުތައްކަމަށާއި، އަދި އެ ކުޅިވަރުތަކުގެ މުބާރާތްތައް ވެސް ދިވެހިންނަށް ބާއްވަމުން އަންނަ ކަމަށެވެ. ބައިބަލާއަކީ މިހާތަނަށް ރާއްޖޭން ބޭރުގެ އެއްވެސް ގައުމެއްގައި ކުޅެފައިނުވާ ކުޅިވަރެއް ކަމުން ދިވެހިވަންތަ ކުޅިވަރެއް މެލޭޝިއާގައި ބާއްވަން ބޭނުންވީ ކަމަށް އެޖަމްއިއްޔާއިން ބުނެއެވެ.
މަޑިން ބުނީ މި ފަހަރުގެ މުބާރާތުގައި ފަސް ޓީމުން ބައިވެރިވެފައިވާ ކަމަށާއި، މި ޓީމުތަކުގައި ރާއްޖޭގެ ވަރުގަދަ ބައިބަލާ ކުޅުންތެރިން ހިމެނޭ ކަމަށެވެ. ބައެއް ޓީމުތަކުގައި ކުރިން މިސްޓަ ބައިބަލާ ހޯދާފައިވާ ކުޅުންތެރިން އެބަތިބި ކަމަށެވެ.
މަޑިން ބުނީ މި މުބާރާތް މެލޭޝިއާގައި ކުރިއަށް ގެންދާއިރު، ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އެގޮތުން ބައިބަލާ ކޯޓެއް އެކޮޅުގައި އަޅަން ޖެހުން އެއީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. މަޑ ޖަމްޢިއްޔާއިންވަނީ ރާއްޖޭގެ އެމްބަސީއާ މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ޖަމްޢިއްޔާތަކުން ވެދޭ އެހީތެރިކަން ފާހަގަކޮށްފައެވެ.