ސިޔާސީ

ދިވެހި ތާރީޚާއި ޘަޤާފަތަށް ފަޚުރުވެރިވާ ދަރިންތަކެއް ބިނާކުރަންޖެހޭ: ހޯމް މިނިސްޓަރ


ދިވެހި ތާރީޚާއި ޘަޤާފަތަށް ފަޚުރުވެރިވާ ދަރިންތަކެއް ބިނާކުރަންޖެހޭކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި މާސްމީޑިޔާގެ ކަޅުވިލާތަކުގެ ކޮޅީގަނޑުން ސަލާމަތްވެ، އަމާން އައްސޭރިއަކަށް ޤައުމު ގެންދިއުމަށް ހަރުދަނާ ސާބިތު ޖީލެއް ބިނާކުރަންޖެހޭކަމަށެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ، އިންސާނުން ދިރިއުޅޭ ކޮންމެ ވަތަނެއްގައި އެބައެއްގެ ޤައުމު ހިމާޔަތްކޮށް, އިސްތިއުމާރާ އަޅުވެތިކަމުން ސަލާމަތްވެ މިނިވަންކަމާއި އިސްތިޤުލާލް ރައްކާތެރިކުރުމީ އިންސާނީ ކަރާމަތާއި އިއްޒަތުން ނަފުސުގެ އެންމެ މަތިވެރި އެއްސިފަކަމަށެވެ.
އަދި އަޅުގަނޑުމެންގެ ލޮބުވެތި ވަތަންގެ ފަޚުރުވެރި ކާބަފައިން މިސިފަ އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދެއްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ކާބަފައިން އަޅުގަނޑުމެންނާ ޤައުމު ހަވާލުކޮށްފައި ވަނީ އެތައްބޮޑު ޤުރުބާނީއަކުން ކަމަށެވެ. އަދި މިއަމާނާތް މާދަމާގެ ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ދީނީ އަދި ޤައުމީ ވާޖިބެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިއްމު އަސާސީ ބަހާއަކީ މާތްވެގެންވާ އިސްލާމްދީންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ދީނަށް ހުރުމަތްތެރިކޮށް ހިތާ ދަރިންތަކެއް ތަރުބިއްޔަތުކުރަން ޖެހޭކަމަށެވެ. މީގެއިތުރުން ދިވެހި ބަހަށް ފަރިތަ, ދިވެހި ތާރީޚާއި ޘަޤާފަތަށް ފަޚުރުވެރިވާ ދަރިންތަކެއް ބިނާކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޒަމާނުއްސުރެ ދިވެހިންގެ ކިބައިގައިހުރި ރީތި އާދަތަކާއި ސިފަތައް ނަގަހައްޓަންޖެހޭކަމަށެވެ.

"ބޮޑަތި މީހުންނަށް އިހުތިރާމް ކުރުމާއި, ކުޑަކުދިންނަށް އޯގާތެރިވުމުގެ މާތްސިފަ އަޅުގަނޑުމެން ކޮންމެ ދިވެއްސަކުމެ ލިބިގަންނަންޖެހޭ. ޒަމާނުންސުރެ ދިވެހިން މަޝްހޫރުވެފައިވާ މެހުމާނުންނަށް ކަމޭހިތުމުގެ ރީތި ސިފަތަކުން ޖަރީވާންޖެހޭ" މިނިސްޓަރ ވިދާޅުވިއެވެ.

އިނާމްތައް ލިބިވަޑައިގެންނެވި ބޭފުޅުންގެ އަގުވަޒަންކުރައްވާ މިނިސްޓަރ ވިދާޅުވީ ޤައުމީ ފެންވަރުގައި ދެވޭ ތަފާތު ޝަރަފާއި އިނާމް ހާޞިލްކުރައްވާ ބޭފުޅުން އެހިސާބަށް އެވަޑައިގެންނެވީ ޤައުމަށްޓަކާއި ކުރައްވާފައިވާ ވަރަށް ގިނަ ޚިދުމަތްތަކެއްގެ ނަތީޖާއެއްގެ ގޮތުންކަމަށެވެ. އެހެންކަމުން އެހުރިހާ ބޭފުޅުންނަށް މިނިސްޓަރ ޢިމްރާން ޢަބްދުالله މަރުހަބާ ދެންނެވިއެވެ.

ދުނިޔޭގެ އެންމެ ގިނަ ޤައުމުތައް ތަމްޘީލްކުރައްވާ އދ.ގެ ޢާއްމު މަޖިލީހުގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް ދިވެއްސަކުން އިންތިޚާބުކުރެވުނު މިތާރީޚީ ދަނޑިވަޅުގައި, އެމަޤާމަށް އިންތިޚާބުކުރެއްވި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބުދުالله ޝާހިދު ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ޝަރަފްވެރި ހަފްލާގައި ބައިވެރިވެވަޑައިގެންނެވުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއްކަމަށް ވިދާޅުވެ, އެމަނިކުފާނަށް ހޯމް މިނިސްޓަރ މަރުހަބާ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވަނީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި, އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.