ޚަބަރު

މަޝްވަރާތަކަކީ ދެ ޤައުމުގެ މުސްތަޤުބަލަށް އެޅުނު ވަރުގަދަ ބިންގަލެއް: ރައީސް


  • ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީ ދޭން ނިންމެވުމުން ޝުކުރު އަދާކުރެއްވި

  • ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް މަޝްވަރާތައް ފަށަން ވަނީ ނިންމަވާފައި

ރާއްޖެ އާއި މެލޭޝިއާ ދެމެދު ކުރެވުނު މަޝްވަރާތަކަކީ ދެ ޤައުމުގެ މުސްތަގުބަލަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ ދައުވަތަކަށް މި މަހުގެ 14 އިން 15އަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅިގެން ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައި ދެ ޤައުމުގެ މަސްލަހަތާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާ ކުރަނިވި ރަހުމަތްތެރި، އަޚްވަންތަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ދުޢާ ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މެސެޖާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅުގައި ކުރިއަށްގެންދިޔަ ރަސްމީ މަޝްވަރާތަކަކީ ދެ ޤައުމުގެ މުސްތަގުބަލަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމަށެވެ. އަދި ވިޔަފާރި އާއި އިންވެސްޓްމަންޓާއި ތަޢުލީމާއި ސިއްޙީ ދާއިރާގެ އިތުރުން ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ތަރައްގީ އާއި އިސްލާމީ ކަންތައްތަކާއި ދިފާޢީ ދާއިރާއިން ކުރިއަށް އޮތްތަނުގައިވެސް ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ މަރުކަޒީ ބޭންކުތައް މެދުވެރިކޮށް ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީ ދިނުމަށް ނިންމެވި ނިންމެވުމަށް ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް މަޝްވަރާތައް ފެއްޓެވުމަށް ނިންމެވުމަކިވެސް ދެ ޤައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް އައު ފުރުސަތުތައް ލިބިގެންދާނެ ނިންމެވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ މެލޭޝިއާގެ ބޮޑުވަޒީރު ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކޮންގްރެސްއަށް ފޮނުއްވި މެސެޖަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ރަހުމަތްތެރި ގުޅުމުގެ އައު ބާބެއް ފެށިގެން ގޮސްފައިވާ ކަމަށާއި ދެ ޤައުމުގެ އަޚްވަންތަ ގުޅުން ކުރިއަށް އޮތްތަނުގައި އައު އުސްމިންތަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ދުޢާ ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.