ތަރައްްޤީ

ބިލެއްފަހި ބަނދަރުގެ މަސައްކަތް ނޮވެމްބަރުމަހަށް ނިމޭނެ: އެމްޓީސީސީ


ށ. ބިލެއްފަހި ބަނދަރުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރުމަހަށް ނިންމާލެވޭނެކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

ށ. ބިލެއްފަހި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ 10 ޑިސެމްބަރު 2019 ގައެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް އެކުންފުނިން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ.

އެމް.ޓީ.ސީ.ސީން ވިދާޅުވީ، ބިލެއްފަހި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ، މި މަޝްރޫޢު މިއަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށް އުއްމީދުކުރާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.

ބިލެއްފަހީގައި މިހާރު ބޭނުންކުރަމުންދަނީ 2007 ވަނަ އަހަރުގެ ތެރޭގައި ތަރައްޤީކޮށްފައިވާ ބަނދަރެކެވެ. ނަމަވެސް މަރާމާތުނުކުރެވި ދުވަސްވުމުގެ ސަބަބުން ބަނދަރަށް ބައެއްކަހަލަ ގެއްލުންތައް ވަނީ ލިބިފައެވެ. އެގޮތުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ބިލެއްފަހި ކައުންސިލުން ފާހަގަކޮށްފައިވަނީ، ބަނދަރުގެ ނެރުގައި އުފެދޭ ރާޅުގެ ސަބަބުން ބަނދަރަށް އުޅަނދުފަހަރު ވަދެނިކުތުމަށް އުނދަގޫވާކަމުގެ މައްސަލައެވެ. އަދި އެކަން ހައްލުކޮށްދިނުމަށް ރަށުގެ ރައްޔިތުން ދިޔައީ ސަަރުކާރުގައި އެދެމުންނެވެ.

ދެ ފަހަރެއްގެ މަތިން މީގެކުރިން ބަނދަރު ފުން ކުރުމުގެ މަސައްކަތް ކުރެވުނުނަމަވެސް، އެކަމުން އެދެވޭ ހައްލުތަކެއް ލިބިފައިނުވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ބިލެއްފަހި ކައުންސިލުގެ ރައީސް ޢަބްދުﷲ ޒިޔާދު ވިދާޅުވީ، ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ތެރެއިން ބަނދަރަށް އިތުރު 300 މީޓަރު އިތުރުކޮށް، ނެރުފައިކަށީގައި ހިލަ ޖެހުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށެވެ. އަދި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިމުމާއެކު ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް ލަފާފުރުމުގައި މިހާރު ދިމާވެފައިވާ ދަތިތަކަށް އެދެވޭ ހައްލުތަކެއް ލިބިގެންދާނެކަމަށް ޒިޔާދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ ނެރުގެ ދެފައިކަށީގައި ހިލަޖަހާ މިގޮތަށް ބަނދަރު ނިމިގެންދިޔައިމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުން އެންމެ ބޭނުންވާގޮތަށް ބަނދަރުގެ ފަސޭހަކަން ރައްޔިތުންނަށް ލިބިގެންދާނެކަމަށް. ނެރުގެ ދެފަރާތުގައި ހިލަޖެހުމުގެ ސަބަބުން އެ އުފެދޭ ރާޅުތައް ކެނޑި، ކޮންމެ ވަގުތެއްގައިވެސް ބަނދަރަށް ވަދެނިކުތުމަށް ފަސޭހަވާނެކަމަށް އިންޖިނިއަރުންނާއި ކަމުގެ ތަޖުރިބާކާރުންވެސް މި ވިދާޅުވަނީ" ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ، އެރަށުގައި ބޭނުންކުރާ އުޅަނދުފަހަރުތައްވެސް ގިނަވެފައި، އަތޮޅުތެރޭގައި ފެރީގެ ޚިދުމަތްދޭ އުޅަނދުފަހަރުވެސް ބިލެއްފަހި ބަނދަރުގެ ބޭނުން ހިފާތީ، ފަސޭހައިން ލަފާފުރޭނެ އިންތިޒާމެއް ހަމަޖެހިގެންދިއުން ވަނީ، ރަށަށް ޢުމްރާނީގޮތުންނާއި އިޤްތިޞާދީގޮތުންވެސް އިތުރު ކުރިއެރުންތައް ގެނައުމަށް ކޮށިގެންދާ މުހިއްމު މަގެއްގެގޮތުގައިކަމަށެވެ. އަދި މި މަޝްރޫޢަކީ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ، ވަރަށް މުހިއްމު، އަދި ރައްޔިތުން އެކަމަކަށް ވަރަށް ބޮޑަށް އެދިއެދި ތިބި މަޝްރޫޢެއްގެގޮތުގައި ޒިޔާދު ސިފަކުރެއްވިއެވެ.

"ފެރީ ދަތުރުގެވެސް މައި ހަބެއް މިއީ. އަތޮޅުގައި ދަތުރުކުރާ 2 ފެރީއެއްވެސް މިކޮޅުގައި އޮވޭ. އޮނޑިދޯނިފަހަރުވެސް ހަމަ ގާތްކޮށް ހަދާ. ނަމަވެސް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ނެރުގައި ރާޅު ހުރުމުގެ ސަބަބުން ބައެއް އުޅަނދުފަހަރު ވަނުމުގައި މި ޖެހިލުންވަނީ. މި ބަނދަރަކީ ގިނަ ބަޔަކު ބޭނުންކުރާ ބަނދަރެއް. މި ބަނދަރަކީ އެތެރަށް ވަދެވުނީމަ ވަރަށް ރީތިކޮށް އަރާމުކޮށް މަޑުމަޑުކޮށް އޮންނަ ބަނދަރަކަށްވާތީ އެފަސޭހައަށް ބަނދަރު ބޭނުންކުރަން ބޭނުންވޭ. ނަމަވެސް މިބުނާ މައްސަލަ ދިމާވާތީ ބައެއް ކައްޕިންވެސް ބަނދަރަށް ވަންނަން ޖެހިލުންވަނީ" ޒިޔާދު ވިދާޅުވިއެވެ.

ބިލެއްފަހި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، 24,125 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. އަދި 1,150 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.