ކޯވިޑް-19

ވެކްސިން ފުރިހަމަކޮށްފައިވާ ބެލެނިވެރިންނަށް "ގްރީން ކާޑު" ދޫކުރަން ފަށައިފި


ވެކްސިން ފުރިހަމަކޮށްފައިވާ ބެލެނިވެރިންނަށް "ގްރީން ކާޑު" ދޫކުރަން ފަށައިފިއެވެ.

މި ގްރީން ކާޑަކީ ސްކޫލްތަކަށް ދަރިވަރުން ބަލާ ދާ ބެލެނިވެރިންނަކީ ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ފުރިހަމަކޮށްފައި ތިބި ބައެއްކަން ކަށަވަރު ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ތަޢާރަފުކުރި ކާޑެކެވެ.

މި ކާޑު ޑިޒައިންކޮށް ބެލެނިވެރިންނަށް ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދޫކޮށްލާފައެވެ. ބެލެނިވެރިންގެ ވެކްސިން ކާޑުތައް ދެއްކުމުން މި ގްރީން ކާޑު ދޫކުރުމުގެ މަސައްކަތް ސްކޫލްތަކުގައި މިއަދު ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އާބާދީ ބޮޑެތި ސްކޫލްތަކުގައި ކޮންމެވެސް ވަރެއްގެ ލަސްވުމެއް އުޅުންނަމަވެސް، ގިނަ ސްކޫލްތަކުގައި އަންނަ ހަފްތާގެ ނިޔަލަށް ބެލެނިވެރިންނަށް ކާޑުދޫކޮށް ނިންމާލެވޭނެކަމަށްވެސް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

ސްކޫލްތަކަކީ ދަރިވަރުންނަށް ކިޔެވުމަށް ރައްކާތެރި މާހައުލެއްކަން ކަށަވަރުކޮށް، ކޯވިޑުން ރައްކާތެރިވުމަށް ސްކޫލްތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެގޮތުން 1 ސެޕްޓެމްބަރުން ފެށިގެން ވެކްސިން ފުރިހަމަނުކޮށްތިބޭ ފަރާތްތަކަށް ސްކޫލްތަކަށް ވަދެނިކުތުން ވަނީ މަނާކޮށްފައެވެ. ނަމަވެސް މީގެ ތެރޭގައި ސްކޫލް ދަރިވަރުން އިސްތިސްނާވާނެއެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކޮށްފައި އޮތުމަށްފަހު، ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ސްކޫލްތައް ހުޅުވާލައި، ސްކޫލަށް ޙާޒިރުވެގެން ކިޔެވުމުގެ ކަންކަން އަލުން ފަށާފައިވަނީ އޯގަސްޓް 10 ގައެވެ. ސްކޫލްތަކުގައި ކިޔެވުން އަލުން ފަށާފައިވަނީ ކޯވިޑުން ރައްކާތެރިވުމަށްޓަކާ ފުރިހަމަކުރަންޖެހޭ ގިނަ ފިޔަވަޅުތަކަކާއެކުއެވެ. ދަރިވަރުންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމުގެ ގޮތުން އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ފައިޒަރ ވެކްސިން ޖެހުމުގެ މަސައްކަތް މާލެއާއި އަތޮޅުތަކުގައި އޯގަސްޓް 15 އިން ފެށިގެން ދަނީ ކުރަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެންމެފަހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ 190 ސްކޫލެއްގެ 32،500 އަށްވުރެ ގިނަ ދަރިވަރުން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ.